ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި ނުވަވަނަ މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ނުވަ ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުންދިޔަ ފިލިޕީންސްގެ ފިރިހެނެއް ކަމަށެވެ.

އުމުރުން 43 އަހަރުގެ އެމީހާ މަރުވެފައިވަނީ މިއަދު 1:50 ގައި ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ. މިއީ ކޮވިޑް ބަލީގައި މިމަހުގެ ތެރޭގައި ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މިމަހުގެ ހަ ވަނަ ދުވަހު މަރުވެފައިވަނީ ބަންގްލަދޭޝް މީހެކެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު "ވަން" އަށް ވިދާޅުވީ، މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މީގެ ކުރިން ރާއްޖޭގައި މި ބަލީގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ހަތަރު ދިވެހިންނެވެ. އަދި މިއަދު މަރުވި ފިލިޕީންސް މީހާއާއެކު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ ނުވައަކަށް އަރައިފައެވެ.