Close
ރިޕޯޓް

ތެލަސީމިއާ ޒުވާނެއްގެ އާދޭސް: މިއީ ކުށެއް ނޫން، އެހީތެރިވެދީ!

އަލީ ޔާމިން

2

"އަހަރެމެންނަށް ދިމާވާ ހުރިހާ ކަންކަމަކީ ކިލޭޝަން ނުކުރާތީއޭ ނުވަތަ ޑެސްފެރަލް ނުގުޅާތީއޭ ބުނޭ. އަހަރެމެންގެ ތެރެއިން ކުއްޖެއް ނިޔާވިޔަސް އަބަދުވެސް ބުނަނީ ދަގަނޑު ދަށްކުރަން ޑެސްފެރަލް ނުގުޅާތީއޭ" ތެލަސީމިއާ ޒުވާނެއް ކަމަށްވާ އެލީ މުހައްމަދު ފޭސްބުކްގައި ކުރި ޕޯސްޓެއް އަމިއްލަ ވޯލްގައި ޝެއާ ކުރަމުން ތެލަސީމިއާ ޒުވާނެއް ކަމުގައިވާ އަލީ މައުލޫމް (ރާޅުގަނޑު މައުއްކޮ) އޭނާގެ ވާހަކަތައް ފަށަމުން ބުންޏެވެ.

މައުއްކޮ ބުނީ، ތެލަސީމިއާ ޕޭޝަންޓަކަށް ދިމާވާ ހުރިހާ މައްސަލައަކީ ޗެލެޓް ނުކުރާތީ ދިމާވާ މައްސަލަތަކެއް ނޫންކަން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ހުރިހާ ފަރާތްތަކުންވެސް ދަންނަން ޖެހޭ ކަމަށެވެ. އެގޮތުން އަބަދު ލޭ އަޅަންޏާ ހަށިގަނޑުގައި ހުންނަ ދަގަނޑުގެ މިންވަރު އިތުރުވާނެ ކަމަށާއި ހަށިގަނޑުގައި ހުންނަ ދަގަނޑު ދަށްކުރަން ތެލަސީމިއާ ހުންނަ މީހުން ކުރާ މަސައްކަތްތައް އެހެން ބަޔަކަށް ތަސައްވަރު ނުކުރެވޭނެ ކަމަށެވެ.

"އަޔަން މަތީގައި ހުއްޓަސް، އަޔަން ދަށްކުރަން މި ކުރާ މަސައްކަތެއް ކިހިނެއް ތޯ ތި އެންމެންނަށް އެނގޭނީ؟ މިގޮތަށް ބައެއް ފަހަރު އަހަރެމެންނާ ދިމާއަށް ބުނެވެނީ އަހަރެމެން އުޅޭ ހާލު ނުފެންނާތީ ކަމަށްވެސް ވެދާނެ" މައުއްކޮ ބުންޏެވެ.

ޑެސްފެރަލް އިންޖެކްޝަން ގުޅައިގެން 24-12 ގަޑިއިރު ހަމަވާއިރު ކަށި ގުޅާފައި ހުންނަތަން ދުޅަވާ ކަމަށާއި ޑެސްފެރަލް ހުސްވުމަށްފަހު ކަށި ނެއްޓިކަމުގައި ވިޔަސް ދެތިން ދުވަސްވަންދެން ދުޅައާއި ތަދުގެ އަސަރު ހުންނަ ކަމަށް މައުއްކޮ ބުންޏެވެ. ޑެސްފެރަލް އިންޖެކްޝަން ޖަހައިގެން ޕަމްޕް ހިފައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމުގައިވެސް ބުންޏެވެ.

"ކައްޓެއް ޖަހައިގެން، ޕަމްޕް ހިފައިގެން ނިދުމަކީ ފަސޭހަ ކަމެއް ނޫން. ވަޒީފާއަށް ނުވަތަ ސްކޫލަށް ދަމުން ނުވަތަ ދުވަހުގެ އެކި ކަންކަމުގައި އުޅޭއިރުވެސް ޑެސްފެރެލް ޖަހައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫން" ޑެސްފެރަލް އިންޖެކްޝަން ޖަހައިގެން ތަހައްމަލުކުރާ ވޭން ކިޔައިދެމުން މައުއްކޮ ބުންޏެވެ.

ތެލަސީމިއާ ހުންނަ މީހުންނަށް އަދި ކުދިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެހެން މީހުންގެ ފުރިހަމަ އެއްބާރުލުން ނުލިބުން ކަން ފާހަގަކޮށް މައުއްކޮ ބުނީ، އެންމެ ދެރަވަނީ ބައެއް ޑޮކްޓަރުންނާއި ނަރުހުންނަށްވެސް ތެލަސީމިއާ ކުދިންގެ އިހްސާސްތައް ނޭނގޭތީ ކަމަށެވެ. އަދި ތެލަސީމިއާ ހުންނަ މީހުން ނުވަތަ ކުދިން އަޅާ ވޭން އެ ފަދަ މީހުންގެ ނުވަތަ ކުދިންގެ ގަޔަށް ކަށި ހެރުމުގެ ސަބަބުން ލާފައި ހުރި ލަކުނު ތަނުން ހާމަވާނެ ކަމަށް އޭނާ ބުނެއެވެ.

"ފެންނަ ފެނުމަށް ހިނިތުންވެފައި ހުއްޓަސް، އަހަރެމެންގެ ހަށިގަނޑުގައި މި އަޅާ ވޭން ބޭރުފުށަށް ނުދެއްކިނަމަވެސް އަހަރެމެންގެ އިހްސާސްތަކާމެދު ވިސްނާލަން އެބަ ޖެހޭ. ޑޮކްޓަރުންނާއި ނަރުހުން، އަހަރެމެންގެ ހާލު އެންމެ ބޮޑަށް އެނގެން ޖެހޭ މީހުންނަށް މިކަން ނުވިސްނޭތީ ހިތާމަ ކުރަން. މިކަމުގައި ޗުއްޓީއެއް، ބްރޭކެއް އޮފް ދުވަހެއް ނެތް. ކޮންމެ ދުވަހަކުވެސް މިކަމުގެ ސަބަބުން އަހަރެމެންނަށް އޭގެ ނޭދެވޭ އަސަރު ކުރޭ" މައުއްކޮ ބުންޏެވެ.

މައުއްކޮ ފޭސްބުކަށް ބަންޑުންކޮށްލި ދިގު ޕޯސްޓް ނިންމާލަމުން ބުނީ، އަބަދު ތެލަސީމިއާ ކުދިން ގޯސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ތެލަސީމިއާ ކުދިންނަށް ހިތްވަރު ލިބޭނީ އެހެން މީހުން އެ ހިތްވަރު ދިނުމުން ކަމަށެވެ.

"ވަން" އަށް މައުލޫމާތު ދެމުން "ރާޅުގަނޑު ބޮޑުބެރު ގްރޫޕު"ގެ ލީޑް ވޯކަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ 25 އަހަރުގެ މައުއްކޮ ބުނީ، ތެލަސީމިއާ ހުންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ލޭ ލިބުމުގެ ދަތިކަން ކަމަށެވެ.

"ވަގުތުގެ ދަތިކަން ވަރަށް ބޮޑު. ޑޯނާގެ ގައިން ބްލީޑް ކުރެވޭ ވަގުތު ކުޑަވެފައި އެޕޮއިންޓްމަންޓް ހަދަން ޖެހޭތީ ބޭނުންވާ ގަޑީގައި ބްލީޑް ކުރަން ނާދެވުނީމަ ލޭ ލިބުން ދަތިވޭ." މައުއްކޮ ބުންޏެވެ.

ތެލަސީމިއާ ހުންނަ މީހުން ނުވަތަ ކުދިން ކާން ޖެހޭ ބައެއް ކަހަލަގެ ބޭސްތައް ލިބުމުގައި ދަތިވާންކަންވެސް އޭނާ ފާހަގަކުރިއެވެ. ތެލަސީމިއާ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ އާދޭސްކޮށްގެން ކަމުގައި މައުއްކޮ ބުންޏެވެ.

"ތަނުގެ ކާރޫމް ހެދީ އަހަރެމެން އާދޭސް ކޮށްގެން. ސަމްސަލާ އުލާ އެއްޗެހި ގެނެސްދިނީ އަހަރެމެން އާދޭސް ކޮށްގެން. ތަނުގެ ބެޑްޝީޓް ބަދަލު ނުކުރާތާ އެތައް އަހަރެއް. ހުރިހާ ކަމެއްވެސް ބުނެ ކިޔައިގެން. ތަން ގޯސް ކުރަނީއެއް ނޫން. މިކަހަލަ އެތައް ކަމެއް އެބަހުރި އެމީހުންނަށް ނުފެންނަ އަހަރެމެންނަށް ވާ ދަތި. މީއެއް ނޫން މިކަން ވާން ޖެހޭނެ ގޮތަކީ. ތަނުގެ ނެތް އެންމެ ފުރިހަމަ ހިންގުންތެރިކަމެއް" މައުއްކޮ ބުންޏެވެ.

މައުއްކޮ ބުނީ، މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކުން ތެލަސީމިއާ ހުންނަ ކުދިންނަށް ނުވަތަ މީހުންނަށް ފުރިހަމަ އެއްބާރުލުންދީ އެފަރާތްތަކުގެ އަޑު އަހައި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ.

މައުއްކޮ އެ ކިޔައިދިނީ އޭނާގެ ވާހަކައެވެ. އޭނާ ތަހައްމަލު ކުރާ ކަންކަމެކެވެ. އެފަދަ ކިތައް މީހުން އުޅޭނެތޯއެވެ. ތެލަސީމިއާ ކުދިންގެ އާހުގެ އަޑު އަހަން އެބަޖެހެއެވެ. ތެލަސީމިއާއަށް ވާރުތަވުމަކީ ކުށެއް ނޫނެވެ. އެއީ ތަފާތުކުރަން ޖެހޭ ސަބަބެއްވެސް ނޫނެވެ.

މައުއްކޮ ފޭސްބުކްގައި ކުރި ޕޯސްޓް---

ނޯޓް: މި ރިޕޯޓުގައި މައުއްކޮ ފޭސްބުކްގައި ހިއްސާކޮށްފައިވަނީ، ތެލަސީމިއާ ޒުވާނެއްކަމަށްވާ އެލީ މުހައްމަދު ފޭސްބުކަށް ބަންޑުންކޮށްލި ވާހަކަތަކަށް އެއްވެސް އުނިއިތުރުކުރުމެއް ނެތިއެވެ. ފޭސްބުކްގައި ހިއްސާކުރި ވާހަކަތަކުގެ އިތުރުން މައުއްކޮ "ވަން"އަށް ދިން ބައެއް މައުލޫމާތުވެސް ރިޕޯޓުގައި ހިމަނާފައިވާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟