ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް 19 ބަލި ދެނެގަތުމަށް ތަހުލީލުތައް ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަހުލީލުކުރުމަށް ބޭނުންވާ ކާޓްރިޖް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ކާޓްރިޖްތައް ރާއްޖެއަށް ހަވާލުކޮށްދެއްވީ ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ. ރާއްޖޭގެ ފަރާތުން އެ ކާޓްރިޖްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ އަމީން ވަނީ ކޮވިޑް 19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މެދުނުކެނޑި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޖީން އެކްސްޕާޓް މެޝިންގެ ކާޓްރިޖް ރާއްޖެއަށް ގެނައުމުގައި ޔޫއެންޑީޕީގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކުރައްވައި އެފަރާތަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މާލޭގެ އިތުރުން މިހާރުވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑް 19 އަށް ޓެސްޓުތައް ކުރެވޭ އިރު، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު ހަ ރަށެއްގައި ކޮވިޑް 19އަށް ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިގޮތަށް ހަމަޖެހުމުން ބަލި މީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެއެވެ.

ރާއްޖެއިން ކޮވިޑް 19އާ ދެކޮޅަކަށް ކުރަމުން އަންނަ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކިގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި، އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.