ކ. ހިންމަފުށްޓާއި އދ. ދަނގެތި އަދި އދ. މާމިގިލީގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 22 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ޕޮލިހާއި ރަށްރަށުގެ ކައުންސިލްތަކާއި އެ އިދާރާ ގުޅިގެން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ހިންމަފުއްޓާއި ދަނގެތި އަދި މާމިގިލިން 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށާއި ރަށްރަށުގެ އިޖުތިމާއި ވެއްޓަށް ގެއްލުން ލިބޭ ގޮތަށް އުޅެމުންދާ ބިދޭސީން މަދުކުރުމަށްޓަކައި ފަށާފައިވާ ޕްރޮގްރާމެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓުތަކެއް އަންނަނީ ބާއްވަމުންނެވެ.

އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2689 އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.