ސިއްހަތު

ދަތުގައި ރިއްސާނަމަ ގޭތެރެއިން ހޯދިދާނެ ބައެއް ފަރުވާ

އީމާ މުހައްމަދު ވަހީދު

ދަތުގައި ރިއްސުމަކީ ވަރަށް ގިނަ ބަޔަކު ކުރިމަތިލާން ޖެހޭ ވަރަށް ވޭން ހުރި ކަމެކެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކާ ހިލާފަށް ދަތެއްގައި ރިއްސާނަމަ މީހާއަށް އެކަމުގެ ވޭން ނަފްސާނީ ގޮތުންވެސް ކުރާނެއެވެ. މީހުންނާ ވާހަކަދައްކައި ހަދަން އުނދަގޫވެ ކާންވެސް އުނދަގޫ ވާނެއެވެ. ދަތުގައި ރިއްސަން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ބައެއް ސަބަބުތަކުގެ ތެރޭގައި ދަތް ފަނި ކެއުމާއި ބަރާބަރަށް ދަތް ނުއުނގުޅުން ހިމެނެއެވެ. ދަތުގައި ރިއްސާނަމަ ރިހުމަށް ލުއި ލިބޭތޯ ބެލުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަންވެސް ހުރެއެވެ.

ފެނަށް ލޮނު އަޅައިގެން ބުއިން

ލޮނުފެނަކީ ނެޗުރަލް ޑިސްއިންފެކްޓެންޓެއް ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ. އެހާ ހޫނު ނޫން ތާފަނާ ފެނަށް ދެސަމުސާ ލޮނު އަޅައިގެން ކޯ ދޮވެލުމުން ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ކާއެތިކޮޅުތައް ވެސް ނައްޓައިގެން ދާނެއެވެ. އެގޮތުން ދެތިން ސިކުންތު ވަންދެން ލޮނުފެނުން ކޯ ދޮވެލުމުން، ދަތްތަކުގައި އުޅޭ ޖަރާސީމުތައް މަރާލާނެއެވެ. މީގެ ސަބަބުން އަނގައިން ނުބައިވަސްދުވުމާއި، ދަތުގައި ހުރި ރިހުން ރަނގަޅުވާން ވެސް އެހީތެރި ވެދޭނެއެވެ.

ލޮނުމެދު

ލޮނުމެދަކީ ސިއްހީ އެތަކެއް ފައިދާތަކަކުން މުއްސަނދި ވެފައިވާ، ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށްވެސް ބޭނުން ކުރާ ކެއުމުގެ ބާވަތެކެވެ. ލޮނުމެދުގައި ހުންނަ އެލަސިން އަކީ އެންޓިބެކްޓީރަލް މާއްދާ އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ދަތުގައި ރިއްސާނަމަ، ލޮނުމެދެއް ޗަސް ކޮށްލާފައި ރިއްސާ ދަތުގައި ހާކާލާށެވެ. ނުވަތަ ލޮނުމެދު ހަފައިގެން ކެވިވެސް ދާނެއެވެ. މިހެން ހެދުމުން ދަތް ފަނިކާ ޖަރާސީމުތައް މަރުވާނެއެވެ. މީގެ އިތުރުން ލޮނުމެދު ބޭނުން ކުރުމުން ރިހުންވެސް ލުއިވާނެއެވެ.

ސައިފަތް ޕެކެޓް

ބައެއް ސައިފަތް ޕެކެޓްގައި ހިމެނޭ ޓެނިންސް އަކީ ދަތުގެ ރިހުން ކުޑަކޮށް، ދަތްތަކުގައި އުޅޭ ޖާރާސިމް މެރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ. އެގޮތުން، ގްރީންޓީ އާއި ހިބްސްކަސް ޓީ އާއި ބްލެކް ޓީގައި ޓީބޭގް ޕެކަޓަށް ހުންނަނީ ޓެނިންސް އަޅައިފައެވެ. އެ ބޭނުން ކުރާނެ ގޮތަކީ ސައިފަތް ޕެކެޓް ހޫނުފެން ތައްޓެއްގެ ތެރެޔަށް ލައި 5 މިނެޓް ވަންދެން ބާއްވާށެވެ. ދެން އެ ހޫނުފެން ތަށިތެރެއިން ނެގުމަށްފަހު ކުޑަކޮށް ހިހޫ ކޮށްލުމަށްފަހު ރިއްސާ ދަތުގައި އެ ސައިފަތް ޕެކަޓް ޖައްސައިގެން 5 ވަރަކަށް މިނެޓް ހުންނާށެވެ.

ދަތުގައި ރިހުން މެދުނުކެނޑި މާގަދަޔަށް ރިއްސާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދަތް ފަނިކައިފައި ހުރިކަން އެނގޭ ނަމަވެސް އަވަހަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ. އެހެން ނޫން ނަމަ ސަލާމަތުން ހުރި ދަތްތަކަށް އެކަމުގެ އަސަރުކޮށް އިތުރު ދަތްތައް ފަނިކެއުމުގެ ފުރުސަތު ބޮޑު ވާނެ އެވެ.