މުނިފޫހިފިލުވުން

ސުޝާންތުގެ ހަނދާނުގައި 550 އާއިލާއަށް ކާންދޭން ބޫމީ ނިންމައިފި

އީމާ މުހައްމަދު ވަހީދު

މިމަހުގެ 14 ވަނަ ދުވަހު ސުޝާންތު ސިންގުރާޖުޕުތު އަމިއްލަ އަށް ދަންޖެހުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ސުޝާންތު މަރުވުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންވެސް ވަނީ ހިތާމަ ފާޅުކޮށްފައެވެ. އެހެންނަމަވެސް ބޫމީ ޕަޑްނޭކަރް މިވަނީ ސުޝާންތުއަށް ޓްރިބިއުޓެއް ދިނުމަށް އިންޑިއާގައި ހާލު ޖެހިފައިވާ 550 އާއިލާއަށް ކާންދިނުމަށް ނިންމައިފައެވެ.

އެގޮތުން ބޫމީ ޕަޑްނޭކަރް އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސުޝާންތުގެ ހަނދާނުގައި ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ އަންހެނުން ޕްރަގްޔާގެ އެކް ސާތު ފައުންޑޭޝަނާ ގުޅިގެން، ހާލުގައި ޖެހިފައިވާ 550 އާއިލާއަށް ކާންދިނުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ، މިއީ ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރަށް އަޅައިލައި އެހީތެރިވެދޭން ޖެހޭ ވަގުތު ކަމަށެވެ.

ސުޝާންތު މަރުވި ހަބަރު ލިބުމުން ހިއްސާ ކުރި ޕޯސްޓެއްގައި ބޫމީ ބުނީ، ސުޝާންތު ނެތް ކަން ގަބޫލުކުރަން ދަތި ކަމަށެވެ. އަދި އުޑުގައި ހުންނަ ތަރި ފެނުމުން ސުޝާންތު މަތިން ހަނދާން ވާނެ ކަމަށެވެ.

ސުޝާންތު ސިންގުރާޖުޕުތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޗިޗޯރޭއިންނެވެ. ސުޝާންތުގެ އެންމެ ފަހު ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ފެނިގެންދާނީ ދިލް ބޭޗަރާ އެވެ.