(27 ޖޫން ގެ އަދަދާ ގުޅޭ)

ޒަރުބަޚުތުގެ ހިތްޕުޅު އުންމީދު ފުރިގެންދިޔުމާއެކު ވިދާޅުވިއެވެ. "މިވަގުތުވެސް އަޅުގަނޑުގެ ވަރަށްބޮޑު މުހުތާދެއް އެބައޮތެވެ. ކަލާއަށް އެކަން ފުރިހަމަކޮށްދެއްވޭނެ ނަމައެވެ. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ކޮއްކޯފުޅުގެ ހާލުކޮޅު އޮޅުންފިލުވާށެވެ. އޭނާގެ ނަންފުޅަކީ ماه بانو އެވެ. އޭނާ ވަނީ ކޮންމެވެސް ތަނެއްގައި ފިލައިވަޑައިގެންފައެވެ. އޭނާ މަދާއިނުގައި ވަޑައިގެން ނެތްކަމުގައިވާނަމަ ފުރޭބުރުޒުގެ ދަނބިދަރިކަލުންގެ އަރިހުގައި އަސްފަހާނުގައި އިންނެވުމަކީ އެކަށީގެންވާ ކަމެކެވެ. ކަލާއަށް އޭނާގެ ޚަބަރެއް ހޯއްދަވައިދެއްވިއްޖެނަމަ އަޅުގަނޑު ވަރަށް އުފާވާނެއެވެ. އެއީ އަޅުގަނޑަށް ކޮށްދެއްވޭ ވަރަށްބޮޑު އިޙްސާންތެރިކަމެއް ކަމުގައި ވާނެއެވެ."

"އަޅުގަނޑު ސަރޫޝް ދަންނަމެވެ. ކަލާގެ ކޮއްކޯފުޅު ހޯދައިދޭން އަޅުގަނޑު ވަޢުދުވަމެވެ. އެކަމަކު އަޅުގަނޑުގެވެސް ޝަރުޠެއް އެބައޮތެވެ."

ކަލާގެ އެއްވެސް ޝަރުޠެއް ޤައިދީއަކަށް ފުރިހަމަކޮށްދެވޭނެ ކަމުގައިވާނަމަ އަޅުގަނޑު އެކަމަކާ އިންކާރެއް ނުކުރާނަމެވެ."

ބަނޑޭރި ހީނލައިފައި ޖަވާބު ދިނެވެ. "އަޅުގަނޑުގެ ޝަރުޠަކީ ކަލާ މީގެފަހުން މިކުޑަދޮރުގެ ދަގަނޑު ތޭރިތައް ހަލާކު ކުރައްވާން މަސައްކަތްޕުޅު ނުކުރެއްވުމެވެ. ކަލާ މިނިވަންވެވަޑައިގެންނެވުމުން އަޅުގަނޑު އެއްހަފްތާ ވަންދެން ބިންގަރާސް ކޮޓަރިޔެއްގައި ކަލާ ބަންދުކޮށްފައި ބެހެއްޓީތީ އެކަމުގެ އަދަބު ނުދެއްވުމެވެ. ދެން ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ފަރީއްކުޅުއްވާށެވެ."

ބަނޑޭރި ބޭރަށް ނިކުންނާން ހެލިގެންފައި އެނބުރި ޒަރުބަޚުތާ ދިމާޔަށް ބަލައިލައިފައި ދެންނެވިއެވެ. "ޒަރުބަޚުތެވެ! އަޅުގަނޑު ކަލާއާ ސަމާސާކުރީކީ ނޫނެވެ. ވަރަށްގިނަފަހަރަށް ވާކަމެކެވެ. ޖަލުގެ ބަނޑޭރި ޤައިދީއަކަށްވެފައި ޖަލުމީހާ ވަޒީރަކަށް ނުވަތަ ސިފައިންގެ ވެރިޔަކަށް ވެދެއެވެ. އީރާނުގެ މަލަކާ ކަލާގެ މަތީން ހަނދުމަފުޅު ނެތިވެވަޑައިނުގެންފިނަމަ ކަލާ މި ޤައިދުޚާނާއިން ނުކުމެވަޑައިގަންނަވާނޫއެވެ. އޭގެ އަނެއްދުވަހު ކޮންމެވެސް ލަޝްކަރެއްގެ މުއަސްކަރުގައި ކަލާއާ އިސްތިޤްބާލުކުރާން ތައްޔާރުވުމަކީ ދުރުކަމެއް ނޫނެވެ."

މި ބައްދަލުވުމަށްފަހު ޒަރުބަޚުތުގެ ހިތްޕުޅުންވަނީ އޭނާގެ ހިތާމަފުޅާއި މުސީބަތުގެ އިޙްސާސް ވަރަށްބޮޑަށް ލުއިވެފައެވެ.

ޖަލުގެ ބަނޑޭރި ވިދިގެންއައިދުވަހު ޒަރުބަޚުތުގެ އަރިހަށްއައިސް ދެންނެވިއެވެ. "މަދާއިނުގައި ކަލާގެ ކޮއްކޮ ހޯދުމުގެ މަސައްކަތް ފަށައިފީމެވެ. އަޅުގަނޑުގެ އިތުބާރުހުރި މީހަކު އަސްފަހާނަށްވެސް ފޮނުވައިފީމެވެ." ޒަރުބަޚުތުގެ އަނދިރިވެފައިވާ ދުނިޔޭގައި އުންމީދުގެ އައު ބައްތިތަކެއް ދިއްލޭން ފަށައިފިއެވެ.

ބަނޑޭރި ކޮންމެ ދުވަހަކުވެސް އެއްފަހަރު ޒަރުބަޚުތުގެ އަރިހަށް އާދެއެވެ. އޭނާގެ ސަބަބުން ޒަރުބަޚުތަށް ބޭރުގެ ޚަބަރުތައް ލިބިވަޑައިގަންނަވައެވެ. މަދާއިނުގެ އާއްމުންނަށްވުރެވެސް އޭނާގެ މަޢުލޫމާތުގެ ދާއިރާ މާތަނަވަސްވެއްޖެއެވެ.

ޖަލުގެ ބަނޑޭރި ވިއްސަކަށްދުވަސް ފަހުން ޒަރުބަޚުތަށް އުފާވެރިކަމުގެ ޚަބަރު ދެންނެވިއެވެ. "އަސްފަހާނުން ވަނީ ماه بانو ގެ ޚަބަރު ލިބިފައެވެ. އޭނާ މަދާއިނުން ފިލައިވަޑައިގެން ވަޑައިގެންނެވީ ސަރޫޝުގެ ގެޔަށެވެ."

ޒަރުބަޚުތު ސުވާލުކުރެއްވިއެވެ. "އަޅުގަނޑު ހުރީ ޖަލުގައިކަން ކޮއްކޮޔަށް އެނގިވަޑައިގެންފިތޯއެވެ؟"

"ނޫނެކެވެ. އަޅުގަނޑުގެ ގާސިދަށް އަޅުގަނޑު އެންގީ ހަމައެކަނި ماه بانو ގެ ޚަބަރު އޮޅުންފިލުވުމަށެވެ. އަޅުގަނޑު އިރުޝާދުދީފައިވާ ފަދައިން އޭނާ އެބޭފުޅުންނަކަށް ކަލާއާބެހޭ އެއްވެސް ޚަބަރެއް އޮޅުންފިލުވައެއް ނުދެއެވެ. އަޅުގަނޑު އޭނާއަށް އަންގައިފައިވަނީ ޚުދު އޭނާ ސަރޫޝުގެ އަރިހަށް ދިޔުމުގެ ބަދަލުގައި ކޮންމެވެސް އެހެން ވަސީލަތަކުން އެޚަބަރު އޮޅުންފިލުވުމަށެވެ. އެހެންކަމުން އޭނާ އަސްފަހާނަށްގޮސް ހޯދީ އަންހެނެއްގެ ޚިދުމަތެވެ. އަޅުގަނޑުގެ ގާސިދު ކަލާއާ ބެހޭ މަޢުލޫމާތެއް ސަރޫޝަށް އެރުވިނަމަ ސަރޫޝު އެންމެފުރަތަމަވެސް އެކަން ތަޙުޤީޤު ކުރައްވާން އުޅުއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ގާސިދަކީ މަދާއިނުން އަޅުގަނޑު ފޮނުވި ގާސިދެއްކަން ސަރޫޝަށް އެނގިވަޑައިގެން އޭނާއަށް ކުރެއްވޭ ކުޑަކުޑަ ކަމަކުން އަޅުގަނޑަށް މުސީބާތެއް ކުރިމަތިވުމަކީ އެކަށީގެންނުވާ ކަމެއް ނޫނެވެ. އެކަމަކު ކަލާ މާޔޫސްވެވަޑައިނުގަންނަވާށެވެ. މުނާސަބު ވަގުތު އައުމުން އަޅުގަނޑު ކަލާގެ ޚަބަރު ސަރޫޝަށް ދަންނަވާނަމެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ މަދާއިނަށް ވަޑައިގެންނެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މަދާއިނުގައި މިހާރު ދަނީ މުސްލިމުންނާ ކުރިމަތިލާން ދިޔުމުގެ ތައްޔާރީތައް ކުރެވެމުންނެވެ. ރުސްތުމުގެ ޤައުމުގެ ހުރިހައި ރައީސުންނަށް ވަނީ އެބޭފުޅުންގެ ލަޝްކަރު ތައްޔާރު ކުރައްވާން އަންގަވައިފައެވެ. ސަރޫޝް މިރަށަށް ވަޑައިގެންނެވުމުން ކަލާގެ ޚަބަރު އޭނާއަށް ސިއްރެއް ނުވާނެއެވެ."

+ + + + +

ޖާބާނާއި ނަރުސީގެ ވެރިކަމުގައި އީރާނުގެ ލަޝްކަރުތައް މުސްލިމުންނާ ކުރިމަތިލާން ދަތުރު ފަށައިފިއެވެ. އީރާނުގެ ލަޝްކަރުތައް ތައްޔާރުކުރައްވަން ރުސްތުމު ބޭނުންކުރެއްވީ ގާތްގަނޑަކަށް އެއްމަސްދުވަހުގެ މުއްދަތެވެ. ޖަލުގެ ބަނޑޭރީގެ އާދަޔަކީ އޭނާއަށް އައުޚަބަރެއް ލިބޭއިރަށް އެހެން ހުރިހައިކަމެއް ހުއްޓައިލައިފައި ވީހައިވެސް އަވަހަކަށް ޒަރުބަޚުތުގެ އަރިހަށްގޮސް އެޚަބަރެއް ދެންނެވުމެވެ. މުސްލިމުންނާ ދިމާޔަށް ދަތުރުކުރަމުންދާ އީރާނީ ލަޝްކަރުތަކުގެ ޚަބަރު ދަންނަވައިފައި އޭނާ ޒަރުބަޚުތާ ސުވާލުކުރިއެވެ. "ވިދާޅުވެ ބައްލަވާށެވެ. މުސްލިމުން އީރާނީ ލަޝްކަރުތަކަށް ޖަވާބީ ޙަމަލައެއް ދޭނެތޯއެވެ؟"

ޒަރުބަޚުތު ވިދާޅުވިއެވެ. "އާނއެކެވެ. އަހަރެން ދެކެނީ އެގޮތަށެވެ."

ބަނޑޭރި އެއްދުވަހެއްގެ ހަވީރު މާނޭވާލަމުންއައިސް ޒަރުބަޚުތުގެ ކޮޓަރިޔަށް ވަދެފައި ދެންނެވިއެވެ. "ޒަރުބަޚުތެވެ. ކަލާގެ ޚިޔާލުފުޅު ރަނގަޅެއް ނޫނެވެ. މުސްލިމުން އީރާނުގެ ލަޝްކަރުތަކަކާ ކުރިމައްޗެއް ނުލާނެއެވެ. މުސްލިމުން ސަހަރާގެ އައްސޭރީގައިހުރި އެބައިމީހުންގެ މުއަސްކަރު ފިޔަވައި ޢިރާގުގެ އެހެން ހުރިހައި ތަނަކުން ސިފައިން އަނބުރައި ގެންގޮސްފިއެވެ. ޢިރާގު މުޅީން ހުސްކޮށްފިއެވެ. ޖާބާން އެއްވެސް ދެކޮޅުވެރިކަމަކާ ކުރިމަތިލެއްވުމަކާނުލައި ކޯރު ހުރަސްކުރައްވައިފައި ނަމާރިޤުގައި މުއަސްކަރު ހައްދަވައިފިއެވެ. ނަރުސީ ކަސްކަރަށް ވަޑައިގެންފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޑުއިވޭނީ އެދެލަޝްކަރު މުސްލިމުން ފައްސައި ސަހަރާގެ ތެރެޔަށް ދުރަށްލައިފި ޚަބަރެވެ. ފާރިސީން މުސްލިމުންގެ ފަހަތުން ފަހައިދާ ވާހަކައެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ޖާބާން ނަރުސީއަށް އިންތިޒާރު ނުކުރައްވައި ކޯރު ހުރަސްކުރައްވައިފިނަމަ ކަލާ ނިކަން ހިތާމަވެރި ޚަބަރެއް އަޑުއައްސަވަން ތައްޔާރަށް ހުންނަވާށެވެ."

ބަނޑޭރި ނުރުހުންވެފައި ސުވާލުކުރިއެވެ. "ކަލާ ޚިޔާލު ކުރައްވާގޮތުގައި އަދިވެސް މުސްލިމުން އަޅުގަނޑުމެންނާ ކުރިމަތިލާންތޯއެވެ؟"

"އަޅުގަނޑު ފުރިހަމަ ޔަޤީންކަމާއެކު ދަންނަވަމެވެ. مثــنّـى بــن حــارثـــة ދުނިޔޭގައި ހުންނެވިކަމުގައިވާނަމަ އޭނާ ކުޑަކޮށްވެސް ލަސްކުރެއްވުމެއްނެތި ޖަވާބީ ޙަމަލަ ދެއްވާނެއެވެ. ޖާބާނަށް އެ ޙަމަލަ ވާނީ އޭނާ އުންމީދުވެސް ނުކުރައްވާވަރުގެ އަވަސް އަދި ވަރުގަދަ ޙަމަލައެއް ކަމުގައެވެ. އޭނާ އަޅުގަނޑުމެންގެ ލަޝްކަރުތައް އެއްތަނަކަށް އެއްވިޔަކަވެސް ނުދެއްވާނެއެވެ. ކަލާ ތިޔަ އުފާކުރައްވަނީ މުސްލިމުން ޢިރާގު ހުސްކުރިކަމަށް ހީފުޅުކުރައްވައިގެންނެވެ. އެކަމަކު އަޅުގަނޑު ދެކެނީ މުސްލިމުން އެމީހުންގެ ހުރިހައި ބާރުތަކެއް އެއްތަނަކަށް ޖަމާކުރީކަމުގައެވެ. ޖާބާނަށް އެވަނީ އެނުރައްކާތެރި މަގާމާ ކައިރިޔަށް ވަޑައިގެންނެވިފައެވެ."

+ + + + +

ކަންހިނގައިފައިވަނީ ޒަރުބަޚުތު ލަފާކުރެއްވި ގޮތަށެވެ. ބަނޑޭރި އޭނާއާ ވާހަކަ ދެއްކިތާ އެއްގަޑިއިރުވެސް ނުވަނީސް އީރާނީ ލަޝްކަރުގެ ގެމައެއް ވަރަށްބާރަށް އަސްދުއްވައިފައި އައިސް މަދާއިނަށް ވަދެއްޖެއެވެ. އިރުކޮޅެއްގެފަހުން އެގެމައިގެ ޖަނަރަލް ރުސްތުމުގެ އަރިހުގައި ޚަބަރު ދަންނަވާން ހުންނެވިއެވެ. أبو عبيدة ގެ ލަޝްކަރު ޖާބާން ބަލިކޮށްލުމަށްފަހު ކަސްކަރާ ދިމާޔަށް ދަތުރުކުރަމުން އެބަގެންދެއެވެ.

ރުސްތުމު އިރުކޮޅެއްވަންދެން ހުއްޓުން އަރައިވަޑައިގެންފައި ހުންނެވިއެވެ. އިރުކޮޅެއްގެފަހުން އޭނާ ވިދާޅުވިއެވެ. "ތިޔަ ޚަބަރު ދެއްވަން ޚުދު ޖާބާން ވަޑައިނުގެންނެވިކަން ރަނގަޅެވެ. އޭނާ ވަޑައިގެންނެވިނަމަ އަހަރެން އޭނާގެ ހަންދަމައިލީމުހެވެ."

"ސާހިބާއެވެ! ދުޝްމިނުންގެ ޙަމަލަ އައީ އަޅުގަނޑުމެން ހީވެސްނުކުރާހައި ކުއްލިގޮތަކަށެވެ. އަޅުގަނޑުމެންނަށް ސަމާލުވެލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އަޅުގަނޑުމެންނަށް ޚަބަރު ލިބުނީ ދުޝްމިނުން އިރުއޮއްސުމާއެކު ޚަފާންގައި ހުރި އެމީހުންގެ މުޢަސްކަރު ހުސްކުރާންފެށި ޚަބަރެވެ. އެމީހުން މިސްރާބުޖެހީ ސަހަރާއާ ދިމާޔަށެވެ. ސިފައިންގެ ވެރިޔާ ޔަޤީންކުރެއްވީ މުސްލިމުން ޢިރާގު ދޫކޮށް ފަހަތަށް ޖެހެނީ ކަމުގައެވެ. ނަމަވެސް އެއީ އެބައިމީހުންގެ އުކުޅެކެވެ. އަޅުގަނޑުމެންނަށް އެކަން އެނގުނީ އެބައިމީހުން އަޅުގަނޑުމެންގެ އަސްކަރުގާހާ އެންމެ ދެ ކޯހެއްހައި ކައިރިޔަށް އައިފަހުންނެވެ."

ރުސްތުމު ތުންފަތްޕުޅު ހައްޕަވަމުން ވިދާޅުވިއެވެ. "ކަލާ ނުބުނާން ތިޔައުޅެނީ ކީއްވެގެންހެއްޔެވެ. ދުޝްމިނުން ފަހަތަށްޖެހޭ ޚަބަރު ލިބުމާއެކު ރޭގަނޑު ހަތަރުދަމު ތިޔަބައިމީހުން ނާޗަރަންގީ ކުޅުނީއެވެ. ދުޝްމިނުން ތިޔަބައިމީހުންގެ މުއަސްކަރަށް ވަދެގަތްއިރު ތިޔަބައިމީހުން ތިބީ އެންމެން މަސްތުވެފައެވެ."

"ސާހިބާއެވެ. ސިފައިންގެ ވެރިޔާ އަޅުގަނޑުމެންނަށް އަމުރުކުރެއްވީ ފަޖުރުގެ އަލިކަން ފާޅުވާއިރަށް ދަތުރުފަށަން ތައްޔާރުވުމަށެވެ. ފިލައިގެންދާ ދުޝްމަނުންގެ ބަޔަކު ހޯދަން ރޭގަނޑުގެ ކަޅުއަނދިރީގައި ދަތުރު ކުރުމުގެ ބޭނުމެއް ނެތްކަމުގައެވެ. އެބައިމީހުން ޢިރާގުގެ ކޮންމެ ތަނެއްގައި މަޑުކުރާން މަސައްކަތް ކުރިކަމުގައިވިޔަސް ދުވާލުގެ އަލިކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އެބައިމީހުންގެ ކަންތައް ނިންމައިލެވިދާނެ ކަމުގައެވެ. އެކަމަކު އަޅުގަނޑުމެން ދަތުރުފަށާން ތައްޔާރުވިތަނާ އެބައިމީހުން އަޅުގަނޑުމެންގެ ކުރިމައްޗަށް ނުކުމެއްޖެއެވެ."

"އެބައިމީހުން ފެނުމާއެކު ތިޔަބައިމީހުން ފިލާން ދުއްވައިގެންފީމުއެވެ. އެންމެ ކުރިޔަށް ހުންނެވީ ތިޔަބައިމީހުންގެ ސިފައިންގެ ވެރިޔާއެވެ."

"ސާހިބާއެވެ. އަޅުގަނޑުމެން ބަލިވެއްޖެއެވެ. އެހެން ދެންނެވުން ފިޔަވައި އެނޫން ލަފުޒެއް އަޅުގަނޑު ބޭނުމެއް ނުކުރާނަމެވެ. އެކަމަކު އަޅުގަނޑުމެން އެބަޔަކާ ހަނގުރާމަކުރި ދުޝްމިނުންނަކަށް އަޅުގަނޑުމެންނަކީ ފިނޑިބަޔެކޭ ބުނެ އަޅުގަނޑުމެންނަކަށް މަލާމަތެއް ނުކުރެވޭނެއެވެ."

ރުސްތުމު ގުގުރައިވަޑައިގެންފައި ސުވާލުކުރެއްވިއެވެ. "ނިކަން އަހަންނަށް ބުނެދީބަލާށެވެ. ދުޝްމިނުންގެ އަދަދު ތިޔަބައިމީހުނަށްވުރެ ގިނަހެއްޔެވެ؟"

"ނޫނެކެވެ." އޮފިސަރ އިސްދަށަށް ޖައްސަވައިލައްވައިފައި ޖަވާބު ދެއްވިއެވެ.

"އެބައިމީހުންގެ ހަތިޔާރުތައް ތިޔަބައިމީހުންގެ ހަތިޔާރަށްވުރެ ރަނގަޅުހެއްޔެވެ؟"

"ނޫނެކެވެ. އޭގެތެރެއިން ގިނަމީހުން ހަނގުރާމަކުރީ ދަހަނާއަކާވެސް ނުލައެވެ."

"އެހެންވީއިރު ތިޔަބައިމީހުން ބަލިވުމުގެ ސަބަބެއްކަމުގައި ބުނެވޭނީ ތިޔަބައިމީހުންގެ ލަޝްކަރުގެ ކޮމާންޑަރުގެ މޮޔަކަމާއި ފިނޑިކަން ފިޔަވައި އެހެން ކޮންކަމެއް ހެއްޔެވެ؟"

"ސާހިބާއެވެ. އަޅުގަނޑުމެން ކުރިމަތިލާންޖެހުނު ދުޝްމިނުންނަކީ ހަނގުރާމައިގެ ހުރިހައި އުސޫލުތަކަކާއި ފަތަޙައާއި ބަލިވުމާބެހޭ ހުރިހައި ނަޒަރިއްޔާތަކެއް ބަދަލުކޮށްލައިފައިވާ ބަޔެކެވެ. އަޅުގަނޑުމެންނަށް ހަނގުރާމަ ކުރެވޭނީ ހަމައެކަނި ފަތަޙަ ލިބުމުގެ އުންމީދުގައެވެ. ނަމަވެސް އެބައިމީހުންގެ ނަޒަރުގައި ކާމިޔާބަކީ ހަމައެކަނި ފަތަޙައެއް ނޫނެވެ. ހަނގުރާމައިގައި ޤަތުލުވުމަކީވެސް އިނާމެކެވެ. ފެނުގެ ސައިލުތައް އަބަދުވެސް ދެމިގެން އަންނަނީ ތިރި ދިމަދިމާޔަށެވެ. އެހެންކަމުން އެ ސައިލުތަކުގެ ކުރިމަތީގައި ޑޭމުތައް ހެދިދާނެއެވެ. ނަމަވެސް ފަރުބަދަތަކަކަށްވެސް ޠޫފާނީ ގަދަ ވައިރޯޅިތަކެއް ނުހުއްޓުވޭނެއެވެ."

ރުސްތުމު ކަންބޮޑުވެވަޑައިގެންނެވުމާއެކު ޖަވާބު ދެއްވިއެވެ. "ތިޔަ އުޅެނީ އަހަރެން ބިރުގަންނަވަން ހެއްޔެވެ؟"

ސިފައިންގެ އޮފިސަރު ހަމަޖެހިވަޑައިގެންނެވުމާއެކު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑު ގެނައީ ރަނގަޅު ޚަބަރެއް ނޫނެވެ. އެކަމަކު އަޅުގަނޑަށް އިރުޝާދު ލިބިފައިވަނީ އަޅުގަނޑު މިދަނީ ދުރުވިސްނިވަޑައިގަންނަވާ އަދި ޙަޤީޤަތް ޤަބޫލުކުރައްވާ އިންސާނެއްގެ އަރިހަށް ކަމުގައެވެ. ހިތި ޙަޤީޤަތްތަކުގައި ރީތި ލަފުޒުތަކުން ހެދުން އަޅުވައި ވަންހަނާކުރާން މަސައްކަތް ނުކުރުމަށެވެ."

ރުސްތުމު މައިތިރިވެވަޑައިގެން ވިދާޅުވިއެވެ. "ކަލާގެ ނަމަކީ ކޮބައިތޯއެވެ؟"

"ސާހިބާއެވެ. އަޅުގަނޑުގެ ނަމަކީ އާދުމާނެވެ." އޮފިސަރު ޖަވާބު ދެއްވިއެވެ.

"ކަލާއަށް އިތުރަށް ދަތުރު ކުރެއްވިދާނެތޯއެވެ؟"

"އަޅުގަނޑަށް ބޭނުންވަނީ ހަމައެކަނި ވަރުބަލިނުވެއޮތް އަހެކެވެ."

ރުސްތުމު ހިނިފުޅު ވަޑުވައިލެއްވިއެވެ. "އަޅުގަނޑުގެ އަމިއްލަ އަސް ގުދަނުން ކަލާއަށް އެންމެރަނގަޅު އަހެއް ލިބިވަޑައިގަންނަވާނެއެވެ. އެއީ ކަލާއަށް އެރުވޭ އިނާމެކެވެ. އަޅުގަނޑުގެ ފަރާތުން ނަރުސީއަށް އަންގަވާށެވެ. އެއްވެސް ހާލެއްގައި ދުޝްމިނުން ކުރިޔަށް އަޔަނުދެއްވާށެވެ. އަޅުގަނޑު އޭނާއާ އެހީވާން ޖާލީނޫސްގެ ހަވާލުގައި ދިހަހާސް ސިފައިންގެ ލަޝްކަރެއް އެބަފޮނުވަމެވެ."

+ + + + +

ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަދާއިނުގައި ފެތުރުނު ޚަބަރަކީ ނަރުސީގެ ވެރިކަމުގެ ދަށުގައި ކަސްކަރުގެ ކައިރީން ކަދުރު ދަނޑެއްގެ ކައިރިޔަށް އެއްވަމުންދިޔަ އީރާނީ ލަޝްކަރުވެސް މުސްލިމުންގެ އަތުން ބަލިވި ޚަބަރެވެ. ޖާލީނޫސްގެ ވެރިކަމުގެ ދަށުގައި ދަތުރުކުރި އީރާނީ ލަޝްކަރު މަޑުކުރީ ބާރޫސަމާގައެވެ. ނަރުސީގެ ލަޝްކަރުގެ ފިލައިގެންދިޔަ ސިފައިންވެސް ޖާލީނޫސްގެ އަރިހަށް ޖަމާވާން ފަށައިފިއެވެ. ނަރުސީގެ ލަޝްކަރު ބަލިވި ޚަބަރަކީވެސް މަދާއިނުގެ އަހުލުވެރީންނަށް ގަބޫލުކުރަން ދަތިވި ޚަބަރެކެވެ. މަދާއިނުގެ އަހުލުވެރީން އޭގެ ތިންދުވަސްފަހުން ހައިރާންވެ އަންތަރީސްވެގެން ތިބެ އަޑުއެހީ أبو عبيدة رضـى اللّـه عنـــه ނަރުސީ ބަލިކުރެއްވިގޮތަށް ޖާލީނޫސްވެސް ބަލިކޮށްލެއްވި ޚަބަރާއި އެ ލަޝްކަރުގެ ބާކީތިބި މީސްކޮޅު މަދާއިނަށް އެނބުރި އަންނަ ޚަބަރެވެ.

އޭގެ އެއްހަފްތާ ފަހުން އެއްދުވަހަކު ޕޫރާންދުޚުތުގެ ދަރުބާރުގައި ރުސްތުމުގެ އަޑުފުޅު ގުގުމަމުން ދިޔައެވެ.

"އަޅުގަނޑުމެން ބަލިވެއްޖެއެވެ. ދުޝްމިނުންގެ ބާރާމެދު އަޅުގަނޑުމެންނަށް ކުރެވުނީ ކުށް އަންދާޒާއެކެވެ. އެބައިމީހުން ހީރަތުވެސް އަލުން އަނބުރައި ހިފައިފިއެވެ. އެބައިމީހުން ވަނީ ފުރާތުކޯރުގެ އައްސޭރީގައިހުރި އަޅުގަނޑުމެންގެ ފެހި ބިންތަކަށް ނުރައްކަލަކަށް ވެފައެވެ. މީގެ ހަފްތާތަކެއްގެ ކުރީން ޢަރަބީން ޢިރާގުން ފަހަތަށް ޖެހުމުގެ ސަބަބުން އަޅުގަނޑުމެންނާ ބައިވެރިވާން ތައްޔާރުވި ޤަބީލާތައްވެސް އަޅުގަނޑުމެންނާމެދު މާޔޫސްވެގެން އަލުން އެމީހުނާ ދިމާޔަށް އެނބުރެމުން އެބަދެއެވެ. ބަހުރައިނުގެ އެއްވެސް މަޝްހޫރުކަމެއްނެތް އާއްމު މައްމީހަކު އީރާނަށް ޙަމަލަދީފާނެ ކަމަކަށް އީރާނުގެ އެއްވެސް މީހަކު މީގެ ދެއަހަރެއްހައިދުވަސް ކުރިޔަކު ޤަބޫލެއް ނުކުރާނެއެވެ. ނަމަވެސް އަޅުގަނޑުމެން ހެއްވާ ކަމެއްގެ ގޮތުގައި ދެކެމުންއައި ކަންތައްތައް މިހާރު މިވަނީ އީރާނުގެ މިޒަމާނުގެ ތާރީޚުގައި އެންމެ ބޮޑު މައްސަލަ ކަމުގައިވެފައެވެ. ޝާމުކަރައިގައި ރޫމީންގެ ދިދަތައް އެކޮޅުކޮޅުން ޖަހައިފައިވާ ދުޝްމިނުންނަކީ އާދައިގެ ނިކަމެތި ބައެއްކަމަށް އަޅުގަނޑުމެން ދެކޭކަށެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ތަޖުރިބާކާރު ތިން ޖަނަރަލަކު އެބައެއްގެ އަތުން "ވެލިކައިފައިވާ" (ނިކަމެތި ގޮތެއްގައި ބަލިވެފައިވާ) ކުޑަކުޑަ ލަޝްކަރާމެދު އަޅުގަނޑު ދެކެނީ އީރާނާއި ރޫމީންނާ އެއްފަހަރާ ހަނގުރާމަކުރުމުގެ އުރައްޕުހުރި ބާރުގަދަ ލަޝްކަރެއްގެ އިސްލަޝްކަރު ކަމުގައެވެ. ޝާމްކަރައިގައި އެލަޝްކަރު ހޯދަމުންގެންދާ ހައިރާންވެ އަންތަރީސްވާފަދަ ފުތޫހާތުގެ ޚަބަރުތައް ތިޔަބޭފުޅުންވެސް ވާނީ އަޑުއައްސަވައިފައެވެ. ރޫމީން ޢަރަބީން ބަލިކޮށް ގިއްގަޅުވައިލާފަދަ ދޭތީން އެކައްޗަށްދޭ ޙަމަލައެއް ދޭނީ މިވެނި މައިދާނެއްގައޭ ދަންނަވާކަށެއް އަޅުގަނޑަކަށެއް ނޭނގެއެވެ. ނަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނަމެވެ. ޢަރަބީން ޝާމްކަރަ ފަތަޙަކޮށް ނިންމައިފައި އެމީހުންގެ ހުރިހާ ބާރުތަކެއް ޢިރާގާއި އީރާނުގެ މައިދާނަށް ގެންނާކަށެއް އަޅުގަނޑު ފުރުސަތެއް ނުދޭނަމެވެ. އަޅުގަނޑުމެން ޢަރަބީންނަށް ޖަވާބީ ޙަމަލައެއް ދޭން މިއީ އެންމެ މުނާސަބު ވަގުތެވެ. އެންމެ ފަހިވަގުތެވެ. އަޅުގަނޑުމެންގެ ކޮމާންޑަރުން ހައްދަވާ އެންމެބޮޑު ގޯހަކީ އެބޭފުޅުން ހުސްއެކަނި ދިފާޢީ ހަނގުރާމަތަކެއް ކުރެއްވުމުގެ މައްޗަށް ފުއްދައިލައްވައި ކުރުކޮށްލައްވާކަމެވެ. ވަރަށް އާދައިގެ ކުރިމަތިލުންތަކަކަށްފަހު އީރާނު ޢަސްކަރީ ކެރިފޯރުންތެރިކަމުގެ ބޮޑުކަމުގެ އިޙްސާސް ޢަރަބީން ފުރަގަހަށް މޫނު އަނބުރައިލަން މަޖުބޫރު ކުރުވައިފާނެ ކަމުގައި އެބޭފުޅުން ބައްލަވާކަމެވެ. އެގޮތަށް ކަންތައް ކުރެއްވުމުގެ ސަބަބުން ޢަރަބީންގެ ހިތްތަކުން މިހާރު ވަނީ އަޅުގަނޑުމެންގެ ހައިބަތު ފިލައިފައެވެ. ތިޔަބޭފުޅުން ކުރެއްވިކަމަކީ ޢަރަބީން ޢަރަބިކަރައިގެ ހިލަވެލި ސަހަރާތަކާ ދިމާޔަށް ފައްސައިލެއްވުމުގެ ބަދަލުގައި އެބައިމީހުންނަށް އަޅުގަނޑުމެންގެ ވިޔަނަ ދަނޑުފަނގު ތަކަށާއި ރަށްވެހި ސަހަރާތަކަށްދާނެ މަގު ދެއްކެވީއެވެ. ތިޔަބޭފުޅުންގެ އަމިއްލަ އެދުންފުޅާއި، ނުރައްކާތެރި ބަޣާވަތްތަކާއި ފިނޑިފުޅުކަމުގެ ސަބަބުން އީރާނުގެ އެތަކެއްހާސް އަހަރުވީ ކީރިތި މޫރިތިކަން މިހާރު މިވަނީ ވެއްޔާ މޮޑެވިފައެވެ. އަޅުގަނޑުމެންގެ އެންމެ އިސްވާޖިބަކީ ޢަރަބީން އީރާނުގެ ސަރަޙައްދާ ދުރަށް ފައްސައިލުމެވެ. އަޅުގަނޑު އެވާޖިބު އަދާކުރާނަމެވެ. އަޅުގަނޑު މިހާރުވަނީ ހުރިހައި ޕްރޮވިންސް ތަކެއްގެ މުރުޒުބާނުންނަށާއި ޤަބީލާތަކުގެ ސަރުދާރުންނަށާއި ހުރިހާ ބިންވެރީންނަށް އެބޭފުޅުންގެ ލަޝްކަރުތައް ކުޑަވެސް ލަސްކުރެއްވުމަކާނުލައި މަދާއިނަށް ފުރާތަ ކުރެއްވުމަށް ޚަބަރު ފޮނުވައިފައެވެ. އަޅުގަނޑު އިޢުލާން ކުރަމެވެ. އެ އަމުރާ އެއްގޮތަށް ޢަމަލު ކުރެއްވުމުގައި ޒައްރެއްގެ މިންވަރުގެވެސް ޣާފިލުކަމެއް އަޅުގަނޑު ބަރުދާސްތެއް ނުކުރާނަމެވެ. އަޅުގަނޑު އުންމީދުކުރަނީ ދާދިއަވަހަށް ނުހަނު ހައިބަ ބޮޑު ބިޔަ ލަޝްކަރެއް މަދާއިނަށް ޖަމާވާނެ ކަމުގައެވެ. އެ ލަޝްކަރުގެ ދިދަ އޮންނާނީ އެބޭފުޅެއްގެ ޢަސްކަރީ ޤާބިލިއްޔަތާއި ކެރުމާއި ހިތްވަރާމެދު މިޤައުމުގެ ދަރީންގެ ފުރިހަމަ އިތުބާރު އޮތް ބޭފުޅެއްގެ އަތްޕުޅުގައެވެ. މިތާނގައި އަޅުގަނޑުމެންގެ ލަޝްކަރުގެ ހުރިހާ ތަޖުރިބާކާރު ޖަނަރަލުން އެބަތިއްބެވިއެވެ. މި އަފޫރުއްބަ ޒިންމާއަށް އެންމެ އަހުލުވެރީ ކޮންބޭފުޅެއްކަން ނިންމެވުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންގެ އަތްޕުޅު މައްޗަށެވެ."

އީރާނުގެ ޢަސްކަރީ ޖަނަރަލުން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ މޫނުފުޅު ބައްލަވާން ފަށްޓަވައިފިއެވެ. އިރުކޮޅަކުން ހުރިހައި ބޭފުޅުންގެ ނަޒަރު ހުއްޓުނީ ހަށިކޮޅު ވަރުގަދަ ހައިބަތުހުރި ބޭފުޅެއްގެ މައްޗަށެވެ. އޭނާގެ މޫނުފުޅުމަތީން ދުވަސްވީ ބޭފުޅެއްގެ ހަރުދަނާކަމާއި ޒުވާންކަމުގެ ހަކަތައާއި ބުންވަރު ފާޅުވޭވެ ހުއްޓެވެ.

"އީރާނީ ޖަނަރަލުންކުރެ އެއްބޭފުޅަކު ވިދާޅުވިއެވެ. މި ޒިންމާއަށް އެންމެ އަހުލުވެރީ ބަހުމަން ފިޔަވައި ދެން އެހެން ކޮންބޭފުޅެއް ބާވައެވެ؟" އެތަނަވަސް މާލަމުގެ އެތަންމިތަނުން ބަހުމަނަށް ތާއީދު ކުރެއްވުމުގެ އަޑުފުޅުތައް އުފުލޭން ފަށައިފިއެވެ.

ރުސްތުމު އޭނާގެ އަތްޕުޅު އުފުއްލައިލެއްވުމާއެކު މާލަމުގެ ތެރެ ހަމަހިމޭން ވެއްޖެއެވެ. ރުސްތުމު ބަހުމަނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "މަނިކުފާނުގެ ޤާބިލިއްޔަތާއި މަނިކުފާނުގެ ޝަރަފުވެރި މާޒީ ވަނީ އަޅުގަނޑަށް ވަންހަނާވެފައެއް ނޫނެވެ. މަނިކުފާނުގެ ބައިވެރީންގެ ލަފާފުޅު ނުހޯދި ކަމުގައިވިޔަސް އަޅުގަނޑުގެ އިންތިޚާބީ ނަޒަރު އެހެން ދިމާޔަކަށެއް ނުހުއްޓުނީހެވެ. އަޅުގަނޑު މި މުހިންމަތު މަނިކުފާނާ ހަވާލުކޮށްފީމެވެ."

+ + + + +

ޤައިދުޚާނާގެ ބަނޑޭރި އެއްދުވަހެއްގެ މެންދުރު ޒަރުބަޚުތު ހުންނަވާ ކޮޓަރިޔަށް އަތުވެއްޖެއެވެ. އޭނާ ބުންޏެވެ. "އަޅުގަނޑު ސަރޫޝާ ބައްދަލުވެއްޖައީމެވެ. ކަލާގެ ހާލުކޮޅުގެ ޚަބަރު އޮޅުންފިލައިވަޑައިގެންނެވުމުން އޭނާ ވަރަށް ފިކުރުފުޅު ބޮޑުވިކަމުގައި ފެނުނެވެ. އެކަމަކު ކަލާ މިނިވަންކުރެއްވުމާމެދު އޭނާ ވިސްނައިވަޑައިގެންނެވި ގޮތެއް ވިދާޅެއް ނުވެއެވެ. އަޅުގަނޑަށް ޔަޤީނެވެ. އޭނާ ކޮންމެވެސް މުނާސަބު ވަގުތެއްގައި ކަލާގެ މައްސަލަ ނަންގަވާނެއެވެ. އެކަމަކު ރުސްތުމު އޭނާގެ ބައްޕާފުޅު ޤަތުލުވީ އެމީހެއްގެ ފަރުވާކުޑަކަމުގެ ސަބަބުން ކަމުގައި ދެކެވަޑައިގަންނަވާ މީހަކާމެދު އޭނާގެ ހިތްޕުޅުގައި ހަމްދަރުދީއެއް އޮތްކަން މިވަގުތަކު ފާޅެއް ނުކުރައްވާނެއެވެ. ކަލާގެ ކޮއްކޯފުޅާ ބެހޭގޮތުން އޭނާ ވިދާޅުވީ އެކަމަނާ ހެޔޮހާލުކޮޅުގައި އިންނެވި ވާހަކައެވެ. އޭނާ އެކަމަނާއާމެދު ބައްލަވަނީ އަމިއްލަފުޅު ދަރިކަނބަލެއްގެ ހައިޘިއްޔަތުން ކަމުގައެވެ. އަޅުގަނޑަށް އޭނާއާ ވާހަކަ ދައްކާނެ މާގިނަ ވަގުތެއް ނުލިބުނެވެ. އޭނާގެ އަރިހަށް ބަޔަކު އައުމުގެ ސަބަބުންނެވެ. އޭނާ ވަރަށްގިނައިރު ވަންދެން ފުރޭބުރުޒު އަވަހާރަވި މައްސަލައިގައި ވާހަކަ ދެއްކެވިއެވެ. އޭނާ ހުންނެވީ މުޢަސްކަރަށް ވަރަށް އަވަހަށް ވަޑައިގަންނަވަންވެސް ބޭނުންފުޅުވެފައެވެ. އަޅުގަނޑަށް އިޙްސާސް ކުރެވުނީ އޭނާ އަޅުގަނޑަކީ ޖާސޫސަކު ކަމުގައި ހިއްތަވައި އަޅުގަނޑުގެ ކިބައިން ސަލާމަތްވެވަޑައިގަންނަވާން އުޅުއްވި ކަމުގައެވެ. އެކަމަކުވެސް ކަލާ މާޔޫސްވެ ވަޑައިނުގަންނަވާށެވެ. މިއީ އަޅުގަނޑާއި ސަރޫޝްގެ އެންމެފަހު ބައްދަލުވުން ކަމަކަށެއް ނުވާނެއެވެ. ސަރޫޝްގެ ވާހަކަފުޅުން އަޅުގަނޑަށް އެނގުނު ގޮތުގައި އޭނާ މަދާއިނަށް ވަޑައިގެންނެވުމާއެކު ފުރޭބުރުޒުގެ ގެ ސަރުކާރުން އޭނާއާ ޙަވާލުކޮށްފިއެވެ."

ޒަރުބަޚުތު ސުވާލު ކުރެއްވިއެވެ. "އޭނާ ހުންނަވަނީ އެގޭގައި ހެއްޔެވެ؟"

"އާދޭހެވެ. އޭނާ އޭނާގެ ސިފައިން މުޢަސްކަރުގައި ބައިތިއްބަވައިފައި ވަޑައިގެންނެވީ އެގެޔަށެވެ. މާދަމާ އަޅުގަނޑުމެންގެ ލަޝްކަރު ޢިރާގަށް ދަތުރު ފަށާނެއެވެ. ސަރޫޝު އޭނާގެ ގެމަތައް ފުރުއްވައިލެއްވުމަށްފަހު ވަޑައިގަންނަވާނީ އަސްފަހާނަށެވެ. ރުސްތުމު އޭނާއަށް ދަންނަވައިފައިވަނީ އޭނާގެ މިހާރުގެ އުމުރުފުޅުގައި މައިދާނަށް ވަޑައިގެންނެވުމުގެ ބަދަލުގައި އަސްފަހާނަށް ވަޑައިގެން އަލުން ސިފައިން ތައްޔާރު ކުރެއްވުމަށެވެ."

ޒަރުބަޚުތު ސުވާލު ކުރެއްވިއެވެ. "ކަލާ އެތަނުން ޢަރަބި ކުއްޖަކު ދެކެވަޑައިގެންނެވީމުތޯއެވެ؟"

އަޅުގަނޑުމެން ވާހަކަދައްކާން ތިއްބައި ފަނަރަ ސޯޅަވަރަކަށް އަހަރުގެ ޞިއްޙަތު ރަނގަޅު ހުސިޔާރު ފިރިހެން ބޭފުޅެއް އެތަނަށް ވަޑައިގެންނެވިއެވެ. އަޅުގަނޑު ހީކުރީ އެއީ އީރާނީ އަމީރެއްގެ ބޭފުޅަކު ކަމުގައެވެ. އޭނާގެ ވާހަކަފުޅު ދެއްކެވުމުން އަޅުގަނޑަށް ލަފާކުރެވުނީ ސަރޫޝުގެ ތިމާގެފުޅު ބޭފުޅަކުހެންނެވެ. އޭނާއާ ބެހޭގޮތުން އަޅުގަނޑަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވުނު ކަމެކެވެ. އޭނާގެ މޫނުފުޅުމަތީން ހީވަނީ ވަރަށް ޅައުމުރުފުޅެއްގެ ބޭފުޅަކުހެންނެވެ. އެކަމަކު އިސްކޮޅުފުޅާއި ރޫފައިން ހީވަނީ ރަނގަޅު ޒުވާނަކުހެންނެވެ."

"އޭނާގެ ނިތްކުރިފުޅުގައި ޒަޚަމެއްގެ ލަކުނެއް ހުރިތޯއެވެ؟"

"އާދޭހެވެ. އެއީ ކާކުތޯއެވެ؟"

"އެއީ ........... އެއީ އަޅުގަނޑުގެ ކުޑަކުޑަ ރަޙުމަތްތެރިޔެކެވެ."

"ކަލާ ޚަބަރެއް ފޮނުއްވާން ބޭނުންފުޅުކަމުގައިވާނަމަ އަޅުގަނޑަށް އޭނާ ހޯދިދާނެއެވެ."

"ނޫނެކެވެ." ޒަރުބަޚުތު ވޭނީ ރާގެއްގައި ވިދާޅުވިއެވެ. "ނޫނެކެވެ. އަޅުގަނޑަށް އަނިޔާ ލިބެމުންމިދާ ދިއުމާއި އަޅުގަނޑުގެ އާރެއްނެތްކަން އޭނާއަށް އެނގިވަޑައިގަންނަވާކަށެއް ބޭނުމެއް ނޫނެވެ."

(ނުނިމޭ)