ކުޅިވަރު

ރޭގެ މެޗުން މޮޅުވެ ދެޕޮއިންޓްގެ ލީޑަކާ އެކު ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައިޔަށް

އައިދާ އަބްދުލް ހަކީމް

ސްޕެނިޝް ލަލީގާގައި ރޭ އެސްޕަންޔޯލް އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާ އަކުން މޮޅުވެ ރިއާލް މެޑްރިޑުން ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ރޭގެ މެޗުން މޮޅުވުމުން ކުރިން އެއްވަނައިގައި އޮތް ބާސެލޯނާ ވަނީ އަނެއްކާވެސް ދެވަނަޔަށް ވެއްޓިފައެވެ. މިހާރު ތާވަލްގެ އެއްވަނައިގައި ރިއާލް މެޑްރިޑް އޮތީ 32 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗްކުޅެގެން 69 ޕޮއިންޓާ އެކު ޗެމްޕިއަން ބާސެލޯނާ އޮތް އިރު، ތިން ވަނަގައި އެތްލެޓިކޯ އޮތީ 32 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް 32 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

ރޭގެ މެޗުގައި ފެނުނު ހަމަ އެކަނި ގޯލަކީ ރެއާލްގެ ކަރިމް ބެންޒީމާ ފައިގެ ފުންނާބުން ގޯލް ކުރިމަށްޗަށް ދިން ހިތްގައިމު ބޯޅައެއް ގޯލްތެރެއަށް ފޮނޮވާލައިގެން ކަސަމީރޯ ޖަހައިދިން ގޯލެކެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް ޖެހި މިލަނޑަކީ މުޅި މެޗުގައި އެޓީމަށް ގޯލް ކުރިމަތިން ލިބުނު ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތުގެ ބޭނުން ހިފައި ޖެހި ގޯލެކެވެ.

ރޭގެ މުޅި މެޗް ޑޮމިނޭޓް ކޮށްގެން ރެއާލް މެޑްރިޑުން ކުޅުނު ކަމުގައި ވީނަމަވެސް އެޓީމަށް ލަނޑުޖަހައި ލީޑު ފުޅާކުރަން ލިބުނު ގިނަ ފުރުސަތުތައް ނާކާމިޔާބު ކޮށްލީ އެސްޕަންޔޯލްގެ ކީޕަރު ޑިއެގޯ ލޮޕޭޒް އެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗްގައި އެސްޕަންޔޯލް އިން 19 ފައުލް ކޮށްފައިވާ އިރު، ރެއާލް އިން ވަނީ 13 ފައުލް ކޮށްފައެވެ.

ރޭގެ މި ނަތީޖާއާ އެކު ދެވަނައިގައި އޮތް ބާސެލޯނާ ދެން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އަނެއްކާވެސް އެޓީމް ރެއާލް އަށް ވުރެ އެއްޕޮއިންޓް ގިނައިން ލިބި ލީގްގެ އެއްވަނަ އަށް އަރާނެއެވެ. ރޭގެ މެޗަށް އެސްޕަންޔޯލް ނިކުތީ އެޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި އަބެލާޑޯ ފެނާންޑޭޒް ވަކި ކުރުމާ ގުޅިގެން ސްޕޯޓިން ޑިރެކްޓަރު ހުއާކިން ޕެރޭޒް ރުފެތޭއާއެކުއެވެ.