ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާ ބައްދަލު ކުރަން އިިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެދިއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއި ކުރައްވައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ ކަންބޮޑުވާ ކަމަށާއި ރައީސް ޔާމީނަށް ކުރެވުނު ހުކުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމުގައި އެތައް ހާސް ރައްޔިތުން ގަބޫލު ކުރާކަމަށެވެ.

އެ ސިޓީގައި ބުނީ އިސްތިއުނާފު މަރުހަލާގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން 4 މަސް ވީއިރު އަޑު އެހުމެއް ބާއްވާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑު 19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގައިވެސް ހައިކޯޓުގެ މައްސަލަތައް ކުރިއަށް ގެންދިޔުމަށް އުސޫލެއް ކަނޑައަޅައި، މައްސަލަތައް ކުރިއަށް ގެންދެވި އިރު، އިދިކޮޅު ލީޑަރު ޖަލުގައި ހުންނަން ޖެހުމަކީ އެތައް ހާސް ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ ކަމެއްކަމުގައި ސިޓީގައި ބުނެފައި ވެއެވެ.

ސިޓީ ނިންމާލަމުން ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި އެ މައްސަލައާ ގުޅޭގޮތުން، ކޯލިޝަނުގެ ކަންބޮޑުވުންތައް ހިއްސާކުރަން ބޭނުންވާތީ، ވީ އެންމެ އަވަހަކަށް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލު ކުރަން އެދޭ ކަމަށެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގެވެ.