ރިޕޯޓް

ކޮވިޑްގެ ސަބަބުން ސްކޫލުން ވަކިވާ ދަރިވަރުން ގިނަވެދާނެކަމުގެ ބިރު! އިތުރު އެތައް މައްސަލަތަކެއް!

މުހައްމަދު ސިމާއު

1

ދުނިޔެ އަދިވެސް އެ ބައްޔަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ކޮވިޑް-19ގެ ބިޔަ ރާޅު ރާއްޖެއަށް ވެސް ބިންދާލުމާއެކު އެންމެ ބޮޑު އަސަރެއް ކުރި އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. އެގޮތުން މިއަހަރުގެ މާޗް މަހުން ފެށިގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ހުރިހާ ސްކޫލެއް މިވަނީ ބަންދުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، އެކަމުގެ އަސަރު ރާއްޖޭގެ 91،500 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ކޮށްފައެވެ. ޓީޗަރުންނަށް ކުރި އަސަރު ވެސް ކުޑައެއް ނޫނެވެ.

އާ އާންމު ހާލަތުގައި އަންނަ މަހުން ފެށިގެން ކޮވިޑް ނެތް ރަށްރަށުގައި ސްކޫލުތައް ހުޅުވަން ތައްޔާރުވި ނަމަވެސް ދާއިރާގައި ހުރި އެތައް މައްސަލައެއް މިވަނީ ފެންމަތި ވެފައެވެ. ކޮވިޑާ ގުޅިގެން ކުރިއަށް އޮތް ނުގައިވެސް ގިނަ މައްސަލަތަކެއް ނުކުމެދާނެ ކަމުގެ ބިރު އެބައޮތެވެ.

ކިޔެވުމަށް އޮންނަ ޝައުގު ގެއްލި، ސްކޫލުން ވަކިވާ ދަރިވަރުން އިތުރުވުމުގެ ބިރު!

ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުކުރިތާ ތިން މަހެއްހާ ދުވަސް ފަހުން އަލުން ސްކޫލުތައް ހުޅުވަން ތައްޔާރުވަމުން އަންނައިރު ބައެއް ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ސްކޫލުގެ ރައްކާތެރިކަމާމެދުއެވެ. ނަމަވެސް ސްކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން ދާ ތަނެއް ނޫނެވެ. އެ މާހައުލުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ނުލިބޭތީ އެކުދިންނަށް ކުރާ އަސަރުވެސް އެތައް ގުނައެއް އިތުރު ވެއެވެ.

ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އިމަޖެންސީ ރެސްޕޮންސް ޕްލޭން (އީއާރުޕީ) ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތް އޮތުން ދިގުލައިގެން ދާނަމަ ކިޔެވުމަށް ޅަކުދިންގެ އޮންނަ ޝައުގުވެރިކަން ގެއްލިގެން ހިނގައިދާނެއެވެ. ކިޔެވުމުގައި ބައިވެރިވުން ނެތުމުގެ ސަބަބުން ސްކޫލު ނިޒާމުން ވަކިވާ ދަރިވަރުން އިތުރުވެ، ސްކޫލަށް ނުދާ ކުދިންނާ ގުޅިގެން ހުރި މައްސަލަތައް އިތުރަށް ގޯސްވުމުގެ ބިރު ވެސް އެބަ އޮތެވެ.

މީގެ އިތުރު ތަފްސީލު ހިމަނާފައިވަނީ ޔުނިސެފުން މީގެ ކުރިން ކުރި ދިރާސާއަކާ ހަވާލާދީ ތައްޔާރުކޮށްފައިވާ ތައުލީމީ ދާއިރާގެ 2019 ވަނަ އަހަރުގެ އެނަލިސިސް ރިޕޯޓެވެ. އެ ރިޕޯޓު ދައްކާގޮތުން، ޕްރައިމަރީ އާއި ދަށު ސާނަވީ އުމުރުގެ ދަރިވަރުންގެ ތެރެއިން 600 އަށްވުރެ ގިނަ ކުދީން ސްކޫލަކަށް ނުދެއެވެ. މިއީ މަތީ ސާނަވީ އުމުރުގެ ދަރިވަރުން ނުލައެވެ. އެ އުމުރުގެ ދަރިވަރުން ދިރާސާ ރިޕޯޓްގައި ހިމަނާފައި ނެތީ، އެކަށީގެންވާ ތަފާސްހިސާބެއް ހޯދިފައި ނެތުމުންނެވެ. އެހެންކަމުން މަތީ ސާނަވީ އުމުރުގެ ދަރިވަރުން ހިމެނުމުން ސްކޫލަށް ނުދާ ދަރިވަރުންގެ އަދަދު އަދިވެސް އިތުރުވުމަކީ ގާތް ކަމަކެވެ.

އޭގެ އިތުރުން ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާނަމަ ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެ، އެކުދިން ކުށްކުށަށް އަރައިގަތުމުގެ ފުރުސަތު ބޮޑުވެގެން ހިނގައިދާނެ ކަމަށްވެސް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

އީއާރުޕީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދު ވެ، ފިޒިކަލް އެޑިއުކޭޝަން ކުލާސްތަކާއި އިތުރު ހަރަކާތްތަކަށް ހާޒިރުނުވުމުގެ ސަބަބުން ވެސް އެތައް މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. އެގޮތުން ކިޔެވުމަށް އޮންނަ ޝައުގު ގެއްލި، މިއަހަރުގެ ބާކީ އޮތް ދުވަސްތަކާއި ކުރިއަށް އޮތް އަހަރުތަކުގައި ކިޔަވާ ހިތް ނުވުމަކީ ވެސް ވެދާނެ ކަމަކެވެ. ގޭތެރޭގެ ހާލަތު އޮންނަ ގޮތުންނާއި މާލޭގައި އެ މައްސަލަ އިތުރަށް ބޮޑު ކަމަށް ފާހަގަކޮށްފައި ވެއެވެ.

ޓީޗަރުންގެ މޯޓިވޭޝަން ގެއްލި، ކިޔަވައިދިނުމުގެ ފެންވަރު ދަށްވެދާނެ!

ކޮވިޑާއެކު ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވާއިރު ސިނާއަތްތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ގިނަ ބަޔަކަށް ލިބެމުން ދިޔަ މުސާރަތައް މިވަނީ ކުޑަވެފައެވެ. ސަރުކާރު ސްކޫލްތަކުގެ ޓީޗަރުންގެ މުސާރައަށް ބޮޑެތި އަސަރުތަކެއް ނުކުރި ނަމަވެސް ޓީޗަރުން ދެކެމުންދިޔަ ހުވަފެނުގައި ކުލަ ޖެހުމުގެ ފުރުސަތު މިވަނީ ކުޑަވެފައެވެ. އެއީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމެވެ. މި ސަރުކާރުން ވެސް އެކަން ކޮށްދޭނެ ކަމަށް އެތައް ފަހަރަކު ބުނެފައި ވެއެވެ. 2020ގެ ބަޖެޓުން އެކަމަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ގެނެސްދެވިދާނެ ކަމަށް ސަރުކާރުން ވެސް އުންމީދުކުރިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އީއާރުޕީ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މަސައްކަތުގެ ހާލަތަށް ކުރިއެރުމެއް ނައިސް ނުވަތަ މުސާރަ ބޮޑު ނުވުމާއި މަސައްކަތުގައި އުޅެން ޖެހޭ ވަގުތު އިތުރު ވެ، އާ ގޮތްތަކަކަށް ކިޔަވައިދޭން ޖެހުމުން ޓީޗަރުންގެ މޯޓިވޭޝަން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރު ދަށްވެދާނެ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނީ، ރާއްޖެއަކީ ހުރިހާ ގުރޭޑެއްގެ ދަރިވަރުން ވެސް ޕްރައިވެޓް ޓިއުޝަންތަކަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމުން، ޓީޗަރުން ގޭގައި ނުވަތަ ޓީޗަރަކު ގެއަށް ގޮސްގެން ކިޔަވައިދޭ ކިޔަވައިދިނުމަށް ވެސް ކޮވިޑުގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ޓިއުޝަން ނަގައިދީގެން އިތުރު އާމްދަނީ ހޯދާ ޓީޗަރުންނަށް އެ ލިބޭ އާމްދަނީ ހުއްޓި، ޓިއުޝަންތަކަށް ބަރޯސާވެގެން ކިޔަވާ ދަރިވަރުންނަށް އެކަމުން ލިބޭ ސަޕޯޓް ނުލިބި، ކުއްޖާއަށާއި ބެލެނިވެރިޔާ އަށްވެސް ސްޓްރެސްތަކެއް ކުރިމަތިވުމަކީ ވެދާނެ ކަމެއް ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކުދިންގެ ނަފްސާނީ މައްސަލަތަކަށް އެހީވާނެ މީހުންނެއް ސްކޫލްތަކަކު ނެތް!

ކޮވިޑާ ގުޅިގެން ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ އިތުރުން އިޖްތިމާއީ، ނަފްސާނީ އަދި ސިއްހީ ގޮތުން ވެސް ކުދީންނަށް އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. މި ހާލަތު ދިގު ދެމިގެންދާނަމަ، ދިގު ދެމިގެންދާ ނަފްސާނީ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކުޑަކުދިންނަށް ނަފްސާނީ ބަލިތައް ޖެހުން އިތުރުވެގެން ހިނގައިދާނެ ކަމަށް ވެސް ޑޮކްޓަރުން އިންޒާރު ދެއެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ކަންތައްތައް ބަލަހައްޓަން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން އޮންނަ އެޑިއުކޭޝަނަލް ސުޕަވިޝަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަން (އީއެސްކިއުއައިޑީ) އިން ބުނެފައިވާ ގޮތުން، މިދިޔަ އޭޕްރިލް މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި ހައި ރިސްކު ކެޓަގަރީގައި ހިމެނޭ 75 ކުއްޖަކު ދެނެގަނެ، އެކުދިންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި އޮންނަ ސައިކޯސޯޝަލް ސަޕޯޓް ކުލަސްޓާއާ ގުޅިގެން އީއެސްކިއުއައިޑީން މަސައްކަތް ކުރަމުން އަންނައިރު، ލޮކްޑައުންގެ މިފަދަ ހާލަތެއްގައި ސައިކޯސޯޝަލް ސަޕޯޓް ދޭނެ މިންވަރަށް ކައުންސިލަރުން ނެތުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.

އާ އާންމު ހާލަތުގައި ސްކޫލުތައް ހުޅުވަން ތައްޔާރުވާއިރު ސްކޫލްތަކުގައި ކައުންސިލަރުން ނެތުމަކީ ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ސްކޫލްތަކުގެ ހިއުމަން ރިސޯސް ހުރި ގޮތަށް ބަލާއިރު ރާއްޖޭގައި ހިންގާ 315 ސްކޫލެއްގައި ތިބީ އެންމެ 70 ކައުންސިލަރުންނާއި 90 ހެލްތު އޮފިސަރުންނެވެ. ސަރުކާރުން 212 ސްކޫލެއް ހިންގާއިރު، ކައުންސިލަރުން ތިބީ އެންމެ 28 ޕަސެންޓް ސްކޫލްތަކުގައެވެ. ހެލްތު އޮފިސަރުން ތިބީ އެންމެ 27 ޕަސެންޓް ސްކޫލްތަކުގައެވެ.

މިހުރިހައި މައްސަލަތަކަށް ބަލައި، ތައުލީމީ ދާއިރާއާއި ބެލެނިވެރީން ގުޅިގެން ހާއްސަ މަސައްކަތަކެއް ނުކޮށްފި ނަމަ އޭގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރުމަކީ ގާތުގައި އޮތް ކަމެކެވެ.