އެސްޕަންޔޯލްގެ ކޯޗް އަބެލާޑޯ ފެނާންޑޭޒް މަގާމުން ވަކިކޮށްފިއެވެ.
ސްޕެނިޝް ލީގުގެ ފުލުގައި އޮތް އެސްޕަންޔޯލްއާ އަބެލާޑޯ ހަވާލުވީ މިދިޔަ ޑިސެމްބަރު މަހުއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު އެޓީމު އޮތީ ސްޕެނިޝް ލީގުގެ 32 މެޗު ކުޅެ،ލިބުނު 24 ޕޮއިންޓާ އެކުއެވެ.
ކޯޗް ވަކި ކުރުމަށް ފަހު އެޓީމުން ކުޅުނު ފުރަތަމަ މެޗުން ވެސް އެޓީމު ވަނީ ރޭ ރެއާލް މެޑްރިޑް އަތުން ބަލިވެފައެވެ. ރޭގެ މެޗް ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
އެސްޕަންޔޯލްގެ ކޯޗުގެ މަގާމުން އަބެލާޑޯ ވަކިކުރުމާއެކު، ސީޒަނުގެ ބާކީ އޮތް ބައިގައި އެޓީމަށް އިރުޝާދު ދޭނީ އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު ހުއާކިން ޕެރޭޒް ރުފެތޭއެވެ. އަބެލާޑޯގެ އިރުޝާދުގެ ދަށުން އެސްޕަންޔޯލުން މިހާތަނަށް 18 މެޗް ވަނީ ކުޅެފައެވެ. އޭގެތެރެއިން އަށް މެޗުން އެޓީމު ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ މޮޅުވެފައެވެ. އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ލީގުގައި ބާކީ ހަ މެޗު އެސްޕަންޔޯލަށް އޮތްއިރު، ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް އެޓީމަށް މަދުވެގެން އަށް ޕޮއިންޓު ބޭނުންވާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު