ޖޫރިމަނާ ކުރުމަކީ މަދަނީ އަދަބެއްގެ ގޮތުން ވަރަށްގިނަ ގައުމުތަކުގައި އަޅަމުން އަންނަ ފިޔަވަޅެކެވެ. ހާއްސަކޮށް ޖިނާއީ ކުށްތަކަށް ނުވާ ކުށްތައް ކަމުގައި ކަނޑައެޅޭ މަނާ ކަންތައްތައް ހުއްޓުވުމަށްޓަކައި މަދަނީ ގާނޫނުތައް ހެދި ޖޫރިމަނާ ކުރުމުގެ ނިޒާމު އެކަށައަޅައިފައި ވެއެވެ. ދިވެހިރާއްޖޭގައި މިނިޒާމު ހިނގާގޮތުން ފަރުދުންކުރާ މަދަނީ ކުށްތައް މަދު ކުރެވޭތޯ މިއީ އުފެދޭ ސުވާލެކެވެ.
މިގޮތުން އާންމު ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކުން ޖޫރިމަނާ ކުރުމަކީ ރާއްޖޭގައިވެސް ކުރަމުން އަންނަ ކަމެކެވެ. މިސާލަކަށް ޓްރެފިކް ގާނޫނާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނާއި މިނޫންވެސް އާންމުކޮށް ކަނޑައެޅޭ މަނާ ކަންތައްތަކުގެ އަދަބަކީ ޖޫރިމަނާ ކުރުމެވެ. ނަމަވެސް ޖޫރިމަނާ ކުރުމުގެ ނިޒާމު ވަށައިޖެހޭ ނިޒާމަކަށް ބަދަލުވެފައި ނުވާތީ އެކަމުގެ އެންމެ ރަނގަޅު އަސަރު ކުރާތަނެއް ނުފެނެއެވެ.
މިގޮތަށް ކުރެވޭ ޖޫރިމަނާ ދެއްކުމަކީ މަޖުބޫރުކަމަކަށް ވެސް ބައެއް ފަހަރަށް ނުވެއެވެ. ޓްރެފިކް ކުށްތައް، އާންމުކުށްތައް ތަކުރާރު ވުމުގެ އަސްލު އެއް ސަބަބަކީވެސް އަދަބު ތަންފީޒު ނުވުން ކަމަށް ވެދާނެ އެވެ.
ސުވާލަކީ ފަރުދަކު ޖޫރިމަނާ ކުރުމުން އެ ފައިސާ ދައުލަތަށް ދެއްކިތޯ ބެލޭތޯއެވެ؟ ނުވަތަ މޮނިޓާ ކުރެވޭތޯއެވެ.
އެހެން ގައުމުތަކާއި ހިލާފަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހުންނަ މީހާ އަށްވެސް ޕަބްލިކް ސާވިސް ނުވަތަ އާންމު ހިދުމަތްތައް ބަރާބަރަށް ރާއްޖެއިން ލިބެއެވެ. ނަމަވެސް އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި މި ފައިސާ އަކީ ފަރުދެއްގެ ސޯޝަލް ސެކިޔުރިޓީގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާއިން އުނި ކުރެވޭ ފައިސާއެވެ. އެހެން ބައެއް ގައުމުތަކުގައި ސަރުކާރުގެ ހިދުމަތެއް ހޯދަންދާ މީހާ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އޮތްކަން ޔަގީން ކުރެވޭނެ ނިޒާމްތައް ހުރެއެވެ. އެ ނިޒާމުތަކުގެ ތެރެއިން އެމީހާ ޒިންމާދާރު ކުރުވެ އެވެ.
ރާއްޖެއަކީ ގިނަ އަދަދަކަށް އާންމު މަސައްކަތްތަކުގައި ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވެ އެއީ ކޮންބައެއްކަން ނޭނގޭ ބިދޭސީންވެސް އުޅެމުންދާ ގައުމެކެވެ. މިހާލަތުގައި މިފަދަ ނިޒާމެއްގައި ޖޫރިމަނާ ކުރެވޭނެ ގޮތެއް ނޯވެއެވެ. އެހެން ކަމުން ކުށް މަދު ކުރުމުގައި ބޮޑެތި އުނދަގޫތަކެއްވެސް ހުންނާނެ ކަން ކަށަވަރެވެ.
މިފުރަބަންދުގައި ވެސް އެމަންޒަރު ވަރަށް ސާފުކޮށް ފެނެވެ. ޖޫރިމަނާ ކުރިޔަސް އެއީ "އޯކޭ" ކަމަކަށް ވެ އެތައް ބަޔަކު ބޭރުގައި އުޅެއެވެ. ކޮންމެ ދުވަހަކު ވެސް ފުލުހުން އެތައް ބަޔަކު ޖޫރިމަނާ ކުރެއެވެ. އެކަމަކު އެމީހާއަށް އެއްކަލަ ޖޫރިމަނާ ނުދައްކައި އެތައް އަހަރެން ވާންދެންވެސް އުޅެވިދާނެ އެވެ. އަސާސީ ހުރިހާ ހިދުމަތެއް އޭނާއަށް ބަރާބަރަށް ލިބެމުންދެއެވެ.
ކޮވިޑް 19 އާ ގުޅިގެން މިއަދާ ހަމައަށް އައިއިރު 986 މީހަކަށް ނަސޭހަތްދީ، މާސްކް ނާޅައި އުޅުނު 151 މީހަކު ޖޫރިމަނާކޮށްފައި ވެއެވެ. ލޮކްޑައުންއާ ހިލާފު ވެގެން 19 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައި ވެއެވެ. ކޮވިޑްގެ ކަންތައް ގޯސްވުމުން ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން އަދި ތިން ދުވަސް ވެސް ނުވަނީސް މިއީ ނިސްބަތުން ގިނަ އަދަދެކެވެ. މީގެ ކުރިން މުޅިރާއްޖެ ލޮކްޑައުން ކުރުމާ ގުޅިގެން ވެސް ލޮކްޑައުންނާއި ހިލާފުވި އެތައްބަޔަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
މިކަން ހައްލު ކުރުމުގެ ގޮތުން ބައެއް ގައުމުތަކުގައި ވަގުތުން (އޮން ދަ ސްޕޮޓް) ގައި ޖޫރިމަނާ ފައިސާ ނަގައެވެ. އެހެންނަމަވެސް އެކަމަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރަކަށްވާތީ އެކަމަށް ގިނަ ގައުމުތަކުން ތާއީދެއް ނުކުރެއެވެ.
ނަމަވެސް މިދައްކަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ވާހަކައެވެ. ފިޔަވަޅުއަޅައި ކުށް މަދުކުރަން ބޭނުން ކުރާ އޮނިގަނޑެއްގެ ވާހަކައެވެ. މިކަމަށް މިއަށްވުރެ ފުރިހަމަ ނިޒާމެއް ގެނެސްގެން މެނުވީ ހައްލު ނުކުރެވޭނެ ބޮޑެތި މައްސަލަތަކެއް މީގެ ތެރޭގައި ހުރިކަން ޔަގީނެވެ. ރާއްޖޭގައި އެގޮތަށް ކޮށްފައި ހުންނަ ޖޫރިމަނާ ސަރުކާރަށް ހޯދެނީ ބައެއް ހާލަތްތަކުގައެވެ. އެމީހަކު ވިޔަފާރިއެއް ފެށުމަށް ނުވަތަ ސައިކަލު ޓޯކުރާ ފަހަރެއްގަ އެވެ. ނުވަތަ އެނޫންވެސް އެފަދަ ހާލަތެއްގަ އެވެ. އެހެން ނޫން ނަމަ އެ ފައިސާ އެތައް އަހަރަކުވެސް ދައުލަތަށް ނުލިބި ހުރެދާނެ އެވެ.
އެކަށީގެންވާ ނިޒާމެއްގެ ދަށުން މިކަން ކުރެވޭނަމަ ކުށްކުރުން މަދުވެ މުއައްސަސާތަކުން ކުރަން ޖެހޭ މަސައްކަތްތައް ލުއިވެ ދައުލަތަށް ލިބެންޖެހޭފައިސާ މިޔަށްވުރެ ފަސޭހައިން ލިބޭނެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް