އިންޑިއާގެ ގޯތަމް ބުއްދާ ޔުނިވާސިޓީގައި ދުނިޔޭގެ ފުރަތަމަ އަންހެން ދަރިވަރުންގެ ސެޓެލައިޓް މަޝްރޫއު، "މިޝަން ޝާކްތީސެޓް" ދުނިޔޭގެ އެންމެ ގިނަ ގައުމުތައް ބައިވެރިވި ކަމުގެ ދުނިޔޭގެ ރެކޯޑެެއް ގާއިމުކޮށްފިއެވެ.
މި މަހު 23ގައި ފެށި މި މަޝްރޫއުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެހި ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ބުނި ގޮތުގައި، މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު އާމިނަތު ނޯޔާ ސަމީހުއެވެ. ނޯޔާ ވަނީ އެންމެ ފަހުން ބޭއްވި އޯ ލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން އެއްވަނަ ހޯދައިފައެވެ. ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ހުންނަ ނޯޔާ ބޭނުންވަނީ މުސްތަގުބަލުގައި ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ކުރިއަށްދާން ކަމަށް ވިމް އިން ބުނެއެވެ.
މި ދަތުރުގައި ނޯޔާއާއެކު ރާއްޖޭގެ އެމްބެސެޑަރުގެ ގޮތުގައި ވިމްގެ ރައީސާ މިންހާ ފާއިޒު ރަޝާދު ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސޯސަން ފިހާރައާއި ސެންޗޫރިއަން އިންނެވެ.
މިޝަން ޝާކްތީސެޓަކީ އިންޑިއާއާއި އިތުރު 108 ގައުމެއްގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން، "ޝާކްތީސެޓް-ލިއޯ" އަދި "ޝާކްތީސެޓް-މޫން" ސެޓެލައިޓް އުފެއްދުމަށް ތަމްރީނުދޭ ޕްރޮގްރާމެކެވެ. ވިމް އިން ފާހަގަކުރި ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދަރިވަރުން ވަނީ އޮންލައިންކޮށް ސްޕޭސް އިންޖިނިއަރިންގެ މުހިންމު ބައިތައް ދަސްކޮށްފައެވެ. އަދި މިހާރު ފެށިގެން އުޅޭ ދެވަނަ ފިޔަވަހީގައި، ކޮންމެ ގައުމަކުން ހޮވާލެވުނު ދަރިވަރުން ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވާނެއެވެ.
މި ޕްރޮގްރާމްގައި 12،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ އިރު، މި މިޝަންގައި އުފައްދާ ސެޓެލައިޓް އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކިއުބްސެޓެއް އުފެއްދުމުގެ މަސައްކަތުގައިވެސް މި ދަރިވަރުން ބައިވެރިވާނެ ކަމަށް ވިމް އިން ބުނެފައިވެއެވެ.
އާއިޝަތު މާހާ
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ކޮމެންޓް