ސިވިލް ސާވިސްގެ މަތީފަންތީގައި އަންހެނުން ލީޑުކުރުމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ މިހެން ވިދާޅުވީ، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ލޯކަލް ގަވާނަސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނުމަށް މިއަދު މީރުމާ މާލަމުގައި ބޭއްވި މަޝްވަރާ ބައްދަލުވުން "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އަންހެނުންނަކީ ގައުމުގެ އިސް މަގާމުތަކުގައި ތިބެންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އެކި މަސައްކަތްތަކުގައާއި ސިވިލް ސާވިސްގެ އެކި ވަޒީފާތަކުގައި އަންހެންނުންގެ ބައިވެރިވުން ގިނަ ނަމަވެސް، އިސް މަގާމުތަކުގައި ހަރަކާތްތެރިވަނީ ގިނައިން ފިރިހެނުން ކަމަށާއި އެކަންކަމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖުމުލަ 46 ބައިވެރިންނާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ "ރަންހިރު ދަރުބާރު" ފޯރަމަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމުސީލުވާ ގޮތަށް ކުރިއަށްގެންދާ ފޯރަމެކެވެ.

އެ ފޯރަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ލޯކަލް ގަވާނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނުމަށް މަޝްވަރާކޮށް، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުނާ އެކު މަޝްވަރާކޮށް، މައުލޫމާތު ބަދަލުކުރެވޭނެ ގޮތްތަކެއް ގާއިމުކޮށްދިނުމާއި ޖެންޑާ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭ ގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން ހިމެނެއެވެ.