ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ސިޔާސީ ވާހަކަތަކުގެ ސަބަބުން ބޭރު ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަންނަ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ދޭދޭ ގައުމުތަކާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަމާއި އަސާސީ ހިދުމަތްތައް ބިނާކުރުމަށް ފަރުމާކުރާ މެގަ ޕްރޮޖެކްޓްތަކާ ދެކޮޅަށް ސިޔާސީ ގޮތުން ވާހަކަދެއްކުމަކީ ގައުމުތަކުގެ ގުޅުމަށް އަސަރުކުރާ ކަމެއް ކަމަށެވެ.
މިނިސްޓަރު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ފާޑުކިޔުމުގެ ސަބަބުން ސައޫދީ އަރަބިއްޔާއާއެކު އޮތް ގުޅުމަށް ކުރި އަސަރުތަކުގެ މިސާލު ނަންގަވައިފައެވެ. ސިޔާސީ ފާޑުކިޔުންތަކުގެ ސަބަބުން ބައެއް މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓުމަކަށް އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން އިރުތިޝާމް ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ޑޮލަރުގެ އަގު ހެޔޮވުމުގެ އިތުރުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ކޮމެންޓް