ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާނާ ގުޅިގެން، ޑެނިއުބް ޕްރޮޕަޓީސްއިން ދުބާއީ މެރިޓައިމް ސިޓީގައި "ޝާހްރުކްސް ރެޒިޑެންސަސް ބައި ޑެނިއުބް" ގެ ނަމުގައި ލަގްޒަރީ ރެޒިޑެންޝަލް ޓަވަރެއް ތަރައްގީކުރަން ފަށައިފިއެވެ.
މިއީ ޝާހްރުކް ހާންގެ ނަމާ ގުޅުވައިގެން ޑެނިއުބްއިން ކުރިއަށްގެންދާ ދެވަނަ މަޝްރޫއެވެ. ޑެނިއުބްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 60 ބުރީގެ މި ޓަވަރުގެ އެޕާޓްމަންޓްތަކުގެ އަގު ފެށެނީ 1.65 މިލިއަން ދިރުހަމް އިންނެވެ. މި ޓަވަރުގެ އެންމެ ހާއްސަ އެއް ކަމަކީ، އޭގެ ޕެންޓަހައުސްތައް ޝާހްރުކް ހާންގެ އަންހެނުން އަދި މަޝްހޫރު އިންޓީރިއާ ޑިޒައިނަރު ގޯރީ ހާން ފަރުމާކޮށްފައިވުމެވެ.
މީގެ އިތުރުން، 40 އަށްވުރެ ގިނަ ލައިފްސްޓައިލް ވަސީލަތްތައް މި ޓަވަރުގައި ހިމެނޭއިރު، އޭގެ ތެރޭގައި ރޫފްޓޮޕް ކިންގްސް ކްލަބަކާއި، ޕްރައިވެޓް ޔޮޓެއް ބޭނުންކުރުމުގެ ފުރުސަތު ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ޝާހްރުކް ހާން ބުނީ، ޑެނިއުބް ގްރޫޕްގެ ފައުންޑަރު އަދި ޗެއާމަން ރިޒްވާން ސާޖަންއާ އެކު އަލުން މަސައްކަތްކުރަން ލިބުމުން އުފާކުރާ ކަމަށެވެ. މި ޕްރޮޖެކްޓްގެ ބޭނުމަކީ އޭނާގެ ސަޕޯޓަރުންނަށް އޭނާ އުޅޭ ފަދަ ދިރިއުޅުމެއް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށާއި، ގޯރީ ހާން މި މަސައްކަތުގައި ބައިވެރިވުމުން މިއީ އިތުރަށް ހާއްސަ މަޝްރޫއަކަށް ވެފައިވާ ކަމަށް ޝާހްރުކް ހާން ފާހަގަކުރިއެވެ.
ރިޒްވާން ސާޖަން ބުނި ގޮތުގައި، މިއީ މީހުން އަމިއްލަކުރަން ބޭނުންވާނެ އަދި އެތައް ޖީލަކަށް ހަނދާނުގައި ހުންނާނެ ފަދަ ތަނެއް ބިނާކުރުމުގެ ތަސައްވުރެކެވެ. މީގެ ކުރިން ހެދި ކޮމާޝަލް ޓަވަރަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން، ކަސްޓަމަރުންގެ އެދުމުގެ މަތިން މި ތަޖުރިބާ ރެޒިޑެންޝަލް ޕްރޮޖެކްޓަކަށް ގެނައީ ކަމަށް އޭނާ ބުންޏެވެ.
މި ޓަވަރުގައި ހިމެނޭނީ ޖުމްލަ ކިތައް އެޕާޓްމަންޓް ކަމާއި، މި މަޝްރޫއަށް ހިނގާނެ ޖުމްލަ ހަރަދު ޑެނިއުބް ޕްރޮޕަޓީސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ކޮމެންޓް