ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ ބިނާކުރި ޔޫއޭއީގެ އެމާރް ޕްރޮޕަޓީޒް އަދި އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލައްބާރު، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި 5 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ނިންމައިފިއެވެ.
އަލައްބާރު މިކަން ހާމަކުރެއްވީ، ދާދި ފަހުން ތައިލެންޑަށް ކުރެއްވި ދަތުރެއްގައި އެ ގައުމުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ބެންކޮކްގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ބިނާކުރުމަށް ވަނީ އަމާޒު ހިފައިފައެވެ.
މި ބިޔަ މަޝްރޫއަކީ ބޯހިޔާވަހިކަމާއި، ވިޔަފާރި މަރުކަޒުތަކާއި، އޮފީސްތަކުގެ އިތުރުން މަތީ ފަންތީގެ ހޮޓާތައް ހިމެނޭ ގޮތަށް ތަރައްގީކުރާ މަޝްރޫއެކެވެ. އަލައްބާރު ވިދާޅުވީ، ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ބެންކޮކްގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ދިރާސާކުރައްވާފައިވާ ކަމަށާއި، މިހާރު ކުރިއަށްދާ މަޝްވަރާތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި މަޝްރޫއު ފުރަތަމަ ކުރިއަށްގެންދާނީ އީގަލް ހިލްސް ކުންފުނިން ކަމަށްވާއިރު، ފަހުގެ މަރުހަލާއެއްގައި އެމާރް ޕްރޮޕަޓީޒް އިން ވެސް ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއު ހިންގުމަށް ބެންކޮކުން 32,000 އާއި 48,000 އަކަމީޓަރާ ދެމެދުގެ ބިމެއް ކުއްޔަށް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އިމާރާތްކުރާނެ ވަކި ސަރަހައްދެއް އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. މުޅި މަޝްރޫއު ނިންމުމަށް 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށް ލަފާކުރާއިރު ފުރަތަމަ އަހަރު ހޭދަކުރާނީ ކުރެހުންތައް ފަރުމާކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ހުއްދަތައް ހޯދުމަށެވެ.
ދުނިޔޭގެ އެންމެ އުސް އިމާރާތް ބިނާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން، އަލައްބާރު ވިދާޅުވީ މި އިމާރާތުގެ ފަރުމާއިން ތައިލެންޑުގެ ސަގާފަތާއި އާދަކާދަ ރަމްޒުކޮށްދޭނެ ކަމަށެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ތައިލެންޑުގެ އާކިޓެކްޓުން ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ކޮމެންޓް