ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސެއްގައި އެއްޖިންސުގެ ދެ އަންހެނެއްގެ ކައިވެނީގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާތީ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.

ވ. ތިނަދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިދިޔަ ހޯމަ ދުވަހު "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި ބޭއްވި މި ހަފުލާގައި ދެ އަންހެނެއްގެ ކައިވެނި ކޮށްދީފައިވެއެވެ. މިއީ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް ކައުންސިލުން ވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތާ ހިލާފު މިފަދަ ހަރަކާތްތައް ރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ހުއްދަކުރެވިފައިވާ ކަމެއް ނޫންކަން ވެސް ފާހަގަކޮށްފައެވެ.

ރަށުގެ އާންމު ސަރަހައްދުތަކާއި ހާއްސަކޮށް ގެސްޓްހައުސްތައް ކުރިމަތީ އަތިރިމަތީ ސަރަހައްދުތައް ބޭނުންކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގައިވެސް، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ފުށު ނާރާ ހަރަކާތްތައް އެކަނި ހިންގުމަށް ބަޔާންކޮށްފައި އޮންނަ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މި ހާދިސާގެ ސަބަބުން ރަށާ މެދު ނެދެވޭ ތަސައްވުރެއް އުފެދި، ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބޭނެ ކަމުގެ ބިރު އޮތް ކަމަށް ކައުންސިލުން ދެކެއެވެ.

އިސްލާމް ދީނާއި ގާނޫނާ ހިލާފު ހަރަކާތްތަކަށް ތާއީދުނުކުރާނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެނިހެން ތަންތަނުންވެސް ގާނޫނާ ހިލާފު ހަރަކާތްތައް ނުހިންގުމަށް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

ފަތުރުވެރިކަމަކީ ވ. ތިނަދޫގެ އިގުތިސާދާ ގުޅިފައިވާ މައިގަނޑު ސިނާއަތެއް ކަމުން، މި މައްސަލައިގައި ކައުންސިލުން އިތުރު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ބަލަމުންދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.