މި ޒަމާނުގެ ގޮންޖެހުންތަކަށް އިޖާބަދޭ އަދި މިހާރަށްވުރެ ވަރުގަދަ ކޮމަންވެލްތަކަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިއްޔެ ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިކަމަށް ގޮވާލެއްވީ، އެންޓީގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މި މަހުގެ 1 އިން 4 އަށް ކުރިއަށްދާ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން (ޗޮގަމް)ގެ ކުރިން ބޭއްވި ކޮމަންވެލްތުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ގައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހެއެވެ. އަދި ކޮމަންވެލްތުގެ އަމާޒުތައް ހާސިލުކުރެވޭނީ، މި ޒަމާނުގެ ބޭނުންތަކަށް އިޖާބަދޭ ކުރިއަރާފައިވާ ޖަމިއްޔާއަކަށް ވެގެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ދެމެހެއްޓެނިވި ތަރައްގީއަށާއި އިގުތިސާދީ ގޮތުން ސާބިތުކަން ހޯދައިދިނުމަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން ހޯދުމަށް ވަކާލާތުކުރުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރު މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވިއެވެ. އަދި ނާޒުކު ހާލަތްތަކުގައިވާ ގައުމުތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި، މިހާރު އޮތް ދުނިޔޭގެ މާލީ އޮނިގަނޑު އަވަހަށް އިސްލާހުކުރަން ޖެހޭކަންވެސް އެ ކަމަނާ ތަކުރާރުކުރެއްވިއެވެ.
ހަމައެއާއެކު، ގައުމުގެ ކުޑަބޮޑުމިނަށާއި ގާބިލުކަމަށް ބެލުމެއް ނެތި، ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައާއި އިސް މަގާމުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަށްވެސް ހަމަހަމަ ފުރުސަތުތަކާއި ތަމްސީލުވުން ކަށަވަރުކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ، ކޮމަންވެލްތުގެ އާއިލާގެ ލާބައާއި މަންފާއަށްޓަކައި އެ ޖަމިއްޔާއާއި މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އަރުއްވައިފައެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ކޮމެންޓް