ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ، ގެވެށި އަނިޔާގެ ޖަރީމާތައް ހިންގާ ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހިއްސާ ކުރެއްވި ހާއްސަ މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިން ހިމާޔަތްކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށް ދިނުމަށް ސަރުކާރުން ސާބިތުކަމާ އެކު ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެފަދަ ކުށްކުރުމަށްފަހު އެއްވެސް އަދަބެއް ނުލިބި ބަރީއަތްވެގެން ތިބޭ ތިބުން ނިމުމަކަށް ގެނައުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކާއި ގައުމީ ފެންވަރުގެ އެކި ޕްރޮގްރާމްތަކުގެ ތެރެއިން އަމަލީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަ ކުރައްވައި ރައީސް ވަނީ، އަނިޔާގެ މައްސަލަތައް ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ރިޕޯޓުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކޮށް، އެ ތަންތަނުން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އަނިޔާ ލިބޭ ކޮންމެ ފަރުދަކަށްވެސް އިންސާނީ ކަރާމާތާއި އަދުލުވެރިކަމާއެކު އަވަސް ހިދުމަތްތަކެއް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރެވެމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ހާއްސަގޮތެއްގައި، އަނިޔާ ލިބޭ ފަރާތްތަކަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ހިދުމަތްތެރިންނާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިތުރުން ޝަރުއީ ދާއިރާގެ ހޭލުންތެރިކަމާއި އެހީތެރިކަން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އިންސާފު ލިބުމުގައި ހުރި ލަސްތައް ނައްތާލައި، އަނިޔާ ލިބޭ ފަރާތްތަކަށް އިތުބާރު ހުރި ނިޒާމެއް ބިނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އަނިޔާ ހުއްޓުވުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މުޖުތަމައުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެކަނބަލުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންހެނުންނަށް ފުރިހަމަ ގާބިލުކަން ބޭނުން ކުރެވޭނެ މާހައުލެއް ގާއިމުކޮށްދީ، އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަކީ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ އެންމެ ވަރުގަދަ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮންމެ އަންހެނަކާއި ކޮންމެ އަންހެން ކުއްޖަކީވެސް އެއްވެސް ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ސަލާމަތްވެ، ރައްކާތެރިކަމާއެކު ދިރިއުޅެވޭ ފަދަ އަމާން ގައުމަކާއި ދުނިޔެއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ. އަދި މިއަދު ބައިނަލްއަގުވާމީ ގޮތުން ފެށިގެންދާ "އަނިޔާއާ ދެކޮޅު 16 ދުވަހުގެ" ކެމްޕޭނާ ގުޅުވައިގެން ރައީސް ވަނީ އަންހެނުންނަށް ކުރާ އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އެއްވެސް އުޒުރެއް ނެތްކަން ތަކުރާރުކޮށް ހާމަކުރައްވައިފައެވެ.

ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ހަމައަށް ކުރިއަށްގެންދާ "16 ޑޭސް އޮފް އެކްޓިވިޒަމް" ނުވަތަ އަނިޔާއާ ދެކޮޅަށް އަޑުއުފުލާ 16 ދުވަހުގެ ކެމްޕޭނަކީ، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް މުޅި ދުނިޔޭގައި ހިންގާ ހާއްސަ ހަރަކާތެކެވެ.