ކ. ކާށިދޫ ސިއްހީ މަރުކަޒުގައި އަލަށް ތައާރަފުކުރި ފިޒިއޮތެރަޕީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ކާށިދޫ ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މި ދައުރުގައި ފިޒިއޮތެރަޕީގެ ހިދުމަތް އަލަށް ތައާރަފު ކުރި ފަސް މަރުކަޒުގެ ތެރޭގައި ކާށިދޫ ސިއްހީ މަރުކަޒު ހިމެނޭ ކަމަށެވެ.
ކާށިދޫއަކީ ފިޒިއޮތެރަޕީގެ ހިދުމަތަށް ނުހަނު ބޭނުންޖެހިފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށާއި މީގެކުރިން އެ ރަށުގައި މި ހިދުމަތް ލިބެން ނެތުމުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކި ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކުން ދާން ޖެހެނީ މާލެއަށް ކަމަށެވެ. މީގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ހަރަދެއް ހިނގުމުގެ އިތުރުން، ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރު އެ ދަތުރުތައް ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އަލަށް ފެށި މި ހިދުމަތާއެކު، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު މި ފަރުވާ ލިބިގެންދާނެ ކަމަށެވެ. އަދި މިއީ އެ ރަށުގެ ސިއްހީ ނިޒާމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފިޒިއޮތެރަޕީ ފަދަ ހާއްސަ ފަރުވާތައް ފުޅާކޮށް، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
މި ހިދުމަތް ރަސްމީކޮށް ފެށުމަށް ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ އިސްވެރިންނާއި ކާށިދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ކ. ކާށިދޫ
ކ. ކާށިދޫ
ކ. ކާށިދޫ
ކ. ކާށިދޫ
ކޮމެންޓް