އީރާނުގައި އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް ނުވަތަ ގާނޫނުހަދާ މަޖިލީހުގެ ހުއްދަ ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް މަޖުބޫރުކުރުމަށް ހުށަހެޅި ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު އެމެރިކާގެ ސެނެޓުން 51 ވޯޓުން ބޭރުކޮށްލައިފިއެވެ.

މި ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވީ 48 ސެނެޓަރުންނެވެ. ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންގެ ތާއީދާއެކު މި ގަރާރު ނާކާމިޔާބުވީ 3 ނޮވެމްބަރުގައި ބޭއްވި މެދުދައުރީ އިންތިޚާބަށްފަހު އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި އީރާން ހަނގުރާމައާ ގުޅޭގޮތުން ނެގި ފުރަތަމަ ވޯޓުގައެވެ.

ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ތިން މެންބަރުން އަދި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއެކު ގަރާރަށް ތާއީދުކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ޖޯން ފެޓާމަން ވަނީ ރިޕަބްލިކަން މެންބަރުންނާ ބައިވެރިވެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

މި ގަރާރަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ސެޕްޓެމްބަރު މަހު ފާސްކޮށްފައިވާ ގަރާރެކެވެ. ޑިމޮކްރެޓުން ބުނަމުންދަނީ ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގުތިސޯދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ރިޕަބްލިކަން ޕާޓީގެ ގިނަ ސެނެޓަރުން ވިދާޅުވީ އީރާނުގެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ރައީސް ޓްރަމްޕަށް އަސްކަރީ ފިޔަވަޅުތައް އެޅުއްވުމުގެ ފުރިހަމަ ބާރު އޮންނަން ޖެހޭނެ ކަމަށެވެ. ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހު ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުމުން، ހަނގުރާމަ ހުއްޓުވުމަށް އިތުރު ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.