ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތީގައި އޮންނަ އީރާނުގެ ޖަޒީރާއެއް ކަމަށްވާ ގުޝަމްއަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުދަދުވަހު ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެމެރިކާއިން ބުނާގޮތުން މިހަމަލަ ދީފައިވަނީ އީރާނުގެ އިންގިލާބީ ގާޑުން ބޭނުންކުރާ މިސައިލް ހަރުތަކަކަށެވެ. ހަމަލަ ދިންކަން އީރާނުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ހަމަލައިގައި ބޭނުންކުރި ބައެއް ޑްރޯންތަކާއި މިސައިލްތައް ވައްޓައިލިކަމަށްވެސް އީރާނުން ބުނެއެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ދުޝްމަނުންގެ ހަރަކާތްތަކަށް ވަރަށް ގާތުން ފާރަވެރިވަމުންދާ ކަމަށާއި އިސްވެ ހަމަލައެއްދޭން ޖެހިއްޖެނަމަ ފަސްޖެހުމެއްނެތި އެކަންވެސް ކުރާނެ ކަމުގައެވެ. އީރާނުގެ އަސްކަރިއްޔާއިން އެބުނީ ފަހަކަށްއައިސް އީރާނުގެ ރޭވުންތަކަށް ގެނެސްފައިވާ ވަރަށް ބޮޑު ބަދަލެއްގެ ވާހަކައެވެ. އެބަދަލަކީ އެމެރިކާއިން ހަމަލައެއް ދީގެން އެއަށް ރައްދުދިނުމުގެ ބަދަލުގައި އީރާނުގެ ހަމަލަތަކަށް ރައްދުދޭން އެމެރިކާއަށް ޖެއްސުމެވެ.

ގަލްފުން މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އެއްކަމެއް އެބަކަށަވަރުވެއެވެ. އެކަމަކީ އީރާނުން ގަސްތުގައި މަސްރަހު ހޫނުކުރާކަމެވެ. ނުވަތަ ހޫނުކުރަން މަސައްކަތްކުރާ ކަމެވެ. މިއީ ހަގުރާމައިގެ ފުރަތަމަ ދުވަސްކޮޅު ނުވަތަ ހަގުރާމަ ފެށިގެންއައި ދުވަސްވަރު އީރާނުން ގެންގުޅުނު ސިޔާސަތަށް އައިސްފައިވާ ވަރަށް ބޮޑު ބަދަލެކެވެ. މިބަދަލުގެ ސިއްރަކީ ކޮބައިބާވައެވެ. އީރާނަށް ހަމަލަދީ ހަގުރާމަ ކުރިއަށް ގެންގޮސްގެން އެމެރިކާ ބޭނުންވާ މަގުސަދުތައް ހާސިލް ނުކުރެވޭނޭކަން އެމެރިކާއަށްވެސް މިހާރު ވިސްނެން ފަށައިފިކަމަށް އީރާނުން ގަބޫލު ކުރެއެވެ. ހަގުރާމައެއްގެ ތެރޭގައި ޝާމިލްވެގެން އޮތުމުގެ ބަދަލުގައި އެމެރިކާގެ ވިސްނުންހުރީ ވާނުވާއެއްގެ ތެރޭގައި އީރާނު ބޭއްވުމަށެވެ. ހަގުރާމައެއްނެތެވެ. ސުލްހައެއްވެސް ނެތެވެ. މިހާލަތުގައި ބާއްވައިގެން އެމެރިކާގެ އަމާޒަކީ ހޮރުމުޒް ކަނޑުއޮޅިޔާއި ކެސްޕިއަން ކަނޑުގެ މަގުތައް ބްލޮކްކޮށް އީރާނުގެ ވިޔަފާރީގެ ހުރިހާ މަގެއް ބަންދުކޮށްލުމެވެ.

އީރާނާ ދެކޮޅަށް ބޮޑު ހަގުރާމައެއް ނުކުރިޔަސް އީރާނުގެ ވައިގެ ސަރަހައްދުގެ މައްޗަށް އެމެރިކާގެ ކޮންޓްރޯލް އެބައޮވެއެވެ. ބޭނުން ކޮންމެ ވަގުތަކު ހަގުރާމަމަތީ މަތިންދާބޯޓުފަހަރާއި ޑްރޯން ފޮނުވައިގެން އީރާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތް އެބަކަނޑައެވެ. މިކަންކަން ދާއިމީ ކަންކަމަށް ބަދަލުވުމަކީ އީރާނަށް ނުހަނު ބޮޑު ގެއްލުމެކެވެ. އެކަންކަން ދާއިމީ ނުވާނެ ހަމައެކަނި ގޮތަކީ އީރާނުން އިސްވެ ހަމަލާތަކެއް ފެށުމެވެ. އެމެރިކާއިން ހަދާނެ އެއްޗަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި އީރާނުން ހަދާނެ އެއްޗަކަށް އިންތިޒާރު ކުރަން އެމެރިކާއަށް މަޖުބޫރު ކުރުމެވެ. އީރާން ޕްރޯއެކްޓިވް ވުމެވެ. މަސްރަހު ހޫނު ކުރުމެވެ. ކުރިން ދެންނެވި ކަންކަން ދާއިމީ ވުމަށްވުރެ މަސްރަހު ހޫނުކޮށްގެން އެމެރިކާ މައިތިރިކުރުންވެސް އީރާނަށް ފައިދާބޮޑު ވެގެންވެއެވެ. އެހެންވީމާ މިހާރު ގަލްފުން ފެންނަމުން އެދަނީ މިކަންކަމަށް ރިއާޔަތްކޮށްގެން އީރާނުގެ ސިޔާސަތަށް ގެނެސްފައިވާ ބަދަލުގެ އަސަރު ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ.

ފާއިތުވި ފަސްދުވަހުގެ ތެރޭގައި އީރާނުން ވަނީ ގަލްފުގެ ދެ ގައުމެއްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ތިން ފަހަރެއްގެ މަތިން ހަމަލަދީފައެވެ. ބަހުރައިނުގައިވާ އެމެރިކާ ސިފައިންގެ ވައިގެ ދިފާއީ ނިޒާމުތަކަށް މިދިޔަ ހުކުރު ދުވަހާއި އާދީއްތަ ދުވަހު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެއަށްފަހު ބުދަދުވަހު ބަހުރައިނާއި ކުވޭތަށްވެސް ވަނީ ހަމަލަދީފައެވެ. ހައްތާވެސް އެމެރިކާގެ އަސްކަރީ އަމާޒުތަކަށެވެ. އީރާނުން ހަމަލަދެނީ ހަމައެކަނި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ނޫނެވެ. އެމެރިކާގެ ހިމާޔަތް ލިބިގެން ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިމާކުރާ ތެޔޮ ޓޭންކަރު ތަކަށް ހަމަލަދިނުންވެސް ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. އީރާނުން ގަބޫލުކުރާ ގޮތުން ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނުން ހުއްދަދޭ ބަޔަކަށެވެ. އެއީ އެމެރިކާގެ އަސްކަރިއްޔާއަށް ދެވޭނެ ހުއްދައެއް ނޫނެވެ. އެކަން ދުނިޔެއަށް ސާބިތުކޮށްދެވޭނީ ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އޮތީ އީރާނުގެ ބާރުކަން ދެއްކިގެންނެވެ. އީރާނުން އެކުރަނީ މިމަސަައްކަތެވެ.

އެހެންވީމާ އީރާނުގެ ހުއްދަނެތި އެމެރިކާގެ ހިމާޔަތުގައި ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިމާކުރާ ތެޔޮޓޭންކަރުތަކާއި އާގުބޯޓުފަހަރަށް ހަމަލަދިނުން އީރާނުން ވަނީ ފަހަކަށްއައިސް އިތުރުކޮށްފައެވެ. އީރާނުން ސިފަކުރާގޮތުން އެއީ ވަގަށް ތެޔޮ ސުމަގުލްކުރާ އުޅަނދުތަކެކެވެ. އީރާނުން މިކަން މިގޮތަށް ކުރުމުގެ ބޭނުމެއް ކަމަށް ފެންނަނީ މަޝްވަރާގެ މޭޒުކައިރިއަށް އަންނަން އެމެރިކާއަށް މަޖުބޫރު ކުރުމެވެ. އެމެރިކާގެ މަގުސަދު ހާސިލްނުވެ ދުވަސްތައް ދެމިގެންދާނަމަ އީރާނާ ވާހަކަދައްކައިގެން އަލިމަގެއް ހޯދަން އެމެރިކާއަށް މަޖުބޫރުވާނެއެވެ. މިކަންކަން ފަރުދާގެ ކުރިމަތިން ފާޅުވަމުންދާއިރު ފަރުދާގެ ފުރަގަހުގައިވެސް ކަންތައްތަކެއް އެބަހިނގައެވެ. އެއީ ކޮންކޮން ކަންތައްތަކެއް ބާވަައެވެ. ރައީސް ޓްރަމްޕުގެ އެންގުމަކަށް އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް ގޮސްގެން އެބައުޅެއެވެ. ބޭނުމަކީ ސުލްހަނާމާޔަކަށް އީރާނު ރުހޭތޯ މަސައްކަތްކޮށްދިނުމެވެ. ޕާކިސްތާނުގެ މެދުވެރިކަމުގެ ދަށުންނެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރެެއް މިހާރުވަނީ އިންޑިޔާ ކަނޑަށް ފޮނުވައިފައެވެ. އެމެރިކާގެ ހަތިޔާރާއި ސިފައިންގެ އަދަދު އެހިސާބުގަައި ވަނީ އިތުރުކޮށްފައެވެ. އީރާނު ނޫން އެހެން ގައުމެއްނަމަ މިހާރު ބިރުންގޮސް އޮންނާނީ އަވަދިވެފައެވެ. އެކަމަކު އީރާނު މުޅިން ތަފާތެވެ. އީރާނުން އެކުރާކަމަކީ މަސްރަހު ހޫނުކޮށް އައު ހަރުފަތަކަށް ގެންދިއުމެވެ. އާޚިރުގައި ކާމިޔާބު އޮތީ އީރާނަށްކަން ކަށަވަރުވާތީއެވެ. ކުޅޭނެ ގިނަ ކާޑުތައް ހުރީ އީރާނުގެ އަތުގައިކަން ކަށަވަރުވާތީއެވެ. ކުވޭތާއި ބަހުރައިނަށް އީރާނުން ހަމަލަދިނުމަކީ ފަހަރުގައި އެހެންގޮތަކަށް މަންޒަރު ސިފަކުރަން ދެވޭ ފުރުސަތަކަށް ވެދާނެއެވެ. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެގައުމުތަކުގެ މަދަނީ އެއްވެސް އަމާޒަކަށް އީރާނުން ހަމަލަނުދޭ ކަމެވެ. ހަމަލަދީފައިވަނީ މުޅިންވެސް އެމެރިކާ ސިފައިން ބޭނުންކުރާ މަރުކަޒުތަކަށެވެ. ބަހުރައިނުގެ އައްރިފާ އެއަރބޭހަށާއި ކުވޭތުގެ އަލީ އައްސާލިމް އެއަރބޭހަށެވެ. މިދެތަނަކީވެސް އެމެރިކާ ސިފައިން ވަރަށް ފުޅާކޮށް ބޭނުންކުރަމުންދާ ދެ މަރުކަޒެވެ.