ރަސްމާލޭގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަރުހަލާ ނިމުމަކަށް އައުމާއެކު، އަންނަ އަހަރުގެ މެދުތެރޭގައި އެ ތަނުން ބިން ދޫކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ބެލެވޭކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، ރަސްމާލޭގެ މާސްޓާ ޕްލޭން އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމުގައި މައިގަނޑު ގޮތެއްގައި އިސްކަންދޭނީ، އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅައި ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް ބިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ދިރިއުޅޭނެ ފުލެޓް އިމާރާތްތައް ތަރައްގީކުރާނެ އިންތިޒާމުތައް ހަމަޖެއްސުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ ތަރައްގީވަމުންދާއިރު އެތަނުގައި އިގްތިސޯދީ ބޮޑެތި ހަރަކާތްތަކެއް ހިނގައިގަންނާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެގޮތުން "މޯލްޑިވްސް ވޯޓާ ފްރޮންޓް މެރީނާ" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު އެ ސަރަހައްދުގައި ވަރުގަދަ އިގްތިސޯދެއް ބިނާވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވަޒީފާތަކާއި ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް އުފެދިގެން ދިޔުމަކީ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ބައި އަވަހަށް ތަރައްގީކުރުމަށް ލިބޭނެ ބޮޑު ބާރެއްކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ކޮމެންޓް