އަންނަ އަހަރު އާ މަޝްރޫއުތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅާފައި އޮތީ ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ކަަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ތައްޔާރު ކޮށްފައި ވަނީ ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިންމަން ކަމަށެވެ.

އެހެންކަމުން މަޝްރޫއުތައް ނިންމަން ފަސޭހަވާނެ ކަމަށާއި ފަށާފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކަށް އިސްކަންދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޕްރޮޖެކްޓްތައް ހުއްޓާލާފައި އާ ޕްރޮޖެކްޓްތައް ފެށުމުގެ ފުރުސަތު މި ސަރުކާރަށް އޮތެވެ. އެކަމަކު، އެ ގޮތަށްް ކަންތައް ކުރުމުގެ ބަދަލުގައި އެ ޕްރޮޖެކްޓްތައް ވެސް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާ އާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީ،" މުއްތަލިބް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތައް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ ފެނަކަ ކޯޕަރޭޝަނާ ކަަމަށާއި އެކަމަށް ބޭނުންވާ ފައިސާ ނުލިބުމުން އެ މަސައްކަތްތައް ފަހުން ހަވާލު ކުރީ އެމްޑަބްލިއުއެސްސީއާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އާމްދަނީ ލިބޭ ކުންފުންޏަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމަކު އެމްޑަބްލިއުއެސްސީއަށް ވެސް ފައިސާ ހޯދުމުގައި ފުރަތަމަ ދަތިތަކާ ކުރިމަތިވި ކަމަށާއި މިހާރު އެކަމަކު މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.