ރަސްމާލޭގެ ބިން ހިއްކުމުގެ މަޝްރޫއުގެ ހިމެނޭހެން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، އާއިލާތަކުގެ ޖީބަށް ލުއިފަސޭހަކޮށްދިނުމާއި ބިން ހިއްކުމާއި މުޖުތަމައުގެ އެންމެން ޝާމިލުވާ ފަދަ އަވަށެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެޗްޑީސީން ބުނި ގޮތުގައި، ދެމެހެއްޓެނިވި އިގުތިސޯދެއް ގާއިމުކުރުމާއި ތިމާވެށި ރައްކާތެރިކުރުމާއި ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތަކުގެ އިތުރުން ހަރުދަނާ ހިންގުމުގެ އުސޫލުތަކުގެ ތެރެއިން އެ ކޯޕަރޭޝަންގެ ހިންގުމަށް މި މުއްދަތުގައި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ގެދޮރުވެރިކަމާއި އިގުތިސޯދީ މަސައްކަތްތަކަށް ޖާގަ އިތުރުކުރުމަށް އެޗްޑީސީން ހިންގި މަޝްރޫއުތަކުގެ ތެރެއިން، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައި ނޮވެންބަރު 10 ގެ ނިޔަލަށް 713.43 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ރަސްމާލެއިން ޖުމުލަ 25،000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް 1،100 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށާއި މިއާއެކު ރަސްމާލެ ވެގެންދާނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ އަދި އުމްރާނީ ގޮތުންވެސް ގައުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

5 ޖެނުއަރީ 2026: ރަސްމާލޭ ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓްގެ ދަށުން ރަސްމާލޭ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް --- ފޮޓޯ/ އެމްއޭސީއެލް

ރަސްމާލޭގެ 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ދައުލަތުން ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެފައިވެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން 500 ހެކްޓަރުގެ ބިމަށް ބަލާ ނަމަ އެއީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރެވެ. އަދި މަޝްރޫއު ފެށިއިރު އެ އަދަދު އަންދާޒާކުރެއްވީ އޭރު ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުތަކަށް ހިނގަމުންދިޔަ ހަރަދުތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް ވެސް ޑރ. މުއްތޮލިބު ވިދާޅުވިއެވެ.

ރަސްމާލޭގެ އިތުރުން، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 698 ގޯއްޗާއި ކުރިމަގުގެ ތަރައްގީއަށްޓަކައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން އެޗްޑީސީން ވަނީ ހިއްކައިފައެވެ. މިނިސްޓަރު ޑރ. މުއްތޮލިބު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް 2،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް އެ ބިންތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާ މެދު ވިސްނަންޖެހެއެވެ. ހަމައެއާއެކު، ސިނާއީ، ވިޔަފާރި އަދި ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމަށް ތިލަފުށީގެ ދެވަނަ ފިޔަވަހިން 117 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ތިލަފުށިން އިތުރު 102 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް އެ ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ.

26 މާޗް 2026، ހުޅުމާލެ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރަން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށް، އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެޗްޑީސީން ވަނީ ކުލީގެ ލުއިތަކެއް ދީފައެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ތައާރަފުކުރި ލުއިތަކުގެ ދަށުން، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 ޕަސަންޓުގެ ޑިސްކައުންޓެއް ދީ، މަހު ކުލިން އެވްރެޖްކޮށް 4،200 ރުފިޔާ އުނިކޮށް، މެނޭޖްމަންޓް ފީ 1،000 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ. އަދި ވިނަރެސް ފްލެޓްތަކުގެ އިންޓަރެސްޓް ރޭޓް 9 ޕަސަންޓުން 6 ޕަސަންޓަށް ކުޑަކޮށްދީފައިވާއިރު، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލިން 20 ޕަސަންޓުގެ ޑިސްކައުންޓެއްވެސް ވަނީ ދީފައެވެ.

13 މެއި 2025، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރުގައި އެޗްޑީސީގެ އޮފީހެއް ހުޅުވުން -- ފޮޓޯ/ އެޗްޑީސީ

ހިޔާ ފްލެޓްތަކަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ފްލެޓްތަކުގެ ފިނިޝިން މަސައްކަތުގެ ބަދަލެއްގެ ގޮތުން ކޮންމެ ފްލެޓެއްގެ ޖުމުލަ އަގުން އެވްރެޖްކޮށް 200،000 ރުފިޔާ ވަނީ އުނިކޮށްދީފައެވެ. އެޗްޑީސީން ބުނި ގޮތުގައި، ކުރިން މަހަކު 8،500 ރުފިޔާ ދައްކަމުން އައި ފަރާތްތަކަށް ހަތަރު އަހަރާއި ހަތް އަހަރުގެ މުއްދަތަށް ބަހާލައިގެން ދައްކާ އުސޫލުގެ ދަށުން މަހު ކުލި 4،984.21 ރުފިޔާއަށް ކުޑަކޮށްދީފައިވާއިރު، ރައީސް އޮފީހުން ބުނި ގޮތުގައި 5،300 ރުފިޔާ ދައްކަމުން އައި ފަރާތްތަކުގެ ކުލި ހަތް އަހަރުގެ މުއްދަތަށް 3،984.21 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ. އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައިވާ ގޮތުން، ސަރުކާރުން އަންގައިގެން މި 200،000 ރުފިޔާގެ ޑިސްކައުންޓް ދޭ ގޮތަށް ގެނައި ބަދަލުގެ ދަށުން، ނުދައްކާ ހުރި ކުލި އެ އަދަދުން ކެނޑުމަށް ފަހު ބާކީ އޮތް ނަމަ، އެ ޑިސްކައުންޓް ހަމަވަންދެން ކުލި ދައްކާކަށް ނުޖެހޭނެއެވެ. އެ ބަދަލާއެކު ނުދައްކާ ކުލި ނެތް ފަރާތްތަކުން ދެން ކުލި ދައްކަން ޖެހޭނީ 2028 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން، 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ 1.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ވެސް އެޗްޑީސީން ވަނީ މައާފުކޮށްދީފައެވެ.

20 އޮކްޓޫބަރ 2026، ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް ސަރަހައްދު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މީގެ އިތުރުން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކަށް ލުއި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު 16 ގައި އެ ބޭންކަށް އަންގަވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ބީއެމްއެލްއިން ދޫކޮށްފައިވާ 535 ހޯމް އިމްޕްރޫވްމަންޓް ލޯނުގެ ޕްރޮފިޓް ރޭޓް 12 ޕަސެންޓުން ދިހަ ޕަސަންޓަށް ކުޑަކުރުމަށާއި މާލީ ދަތިކަމުގެ ސަބަބުން ލޯނު ނުދެއްކިވާ ފަރާތްތަކަށް ލުއި ގޮތަކަށް ފައިސާ ދެއްކޭނެ ޕްލޭނެއް ތައާރަފުކުރުމަށް ބޭންކުން ވަނީ ފުރުސަތު އޮތްކަން އަންގައިފައެވެ. އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނުގެ ޕްރޮފިޓް ރޭޓް 9 ޕަަަސަންޓުން 8 ޕަސަންޓަށް ކުޑަކުރުމަށް ވެސް އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ބީއެމްއެލްއަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ނުނިމި ދިގުލައިގެން ގޮސްފައިވާ މަޝްރޫއުތައް ނިންމުމަށް ކުރި މަސައްކަތުގެ ދަށުން، ގިނަ އަހަރުތަކެއް ވަންދެން ނުނިމި އޮތް ފަސް ތަރީގެ މޭންހަޓަން ގްރޭންޑް ހޮޓެލް ވަނީ ހުޅުވާފައެވެ. މާލެ ސަރަހައްދުގައި ހުރި އެންމެ ފުރިހަމަ އެއް ހޮޓާ ކަމަށްވާ މެންހަޓަން ގްރޭންޑް ހޮޓަލުގައި 162 ކޮޓަރިއާއި ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލަކާއި ސްވިމިން ޕޫލް އަދި ސްޕާއާއި ފިޓްނަސް ސެންޓަރެއް ހިމެނެއެވެ.

7 ނޮވެމްބަރު 2026، ހުޅުމާލޭގައި ހުޅުވި ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް -- ވަން ފޮޓޯ/ އަލީ ޔާމީން

މީގެ އިތުރުން، 2017 ވަނަ އަހަރު ފެށުމަށް ފަހު ނުނިމި ދިގުލައިގެން ގޮސްފައި އޮތް އެޗްޑީސީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ހިޔާ ވެހި ނުވަތަ ރީތިގަސް ރެޒިޑެންސްގެ މަސައްކަތް ނިންމައި، 400 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ ފްލެޓްތައް ހަވާލުކޮށްފައެވެ. ގާތްގަނޑަކަށް 2،200 މީހުން ދިރިއުޅޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މި ފްލެޓްތަކުގައި ހިމެނޭ ތިން ވިޔަފާރި ޖާގައަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭގެ އުމްރާނީ ވަސީލަތްތަކާއި ބޯހިޔާވަހިކަން ފުޅާކުރުމުގެ ގޮތުން، ފުރަތަމަ ފިޔަވަހީގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ނިންމައި ރަސްމީކޮށް ހަވާލުކޮށްފައިވާއިރު، ހިޔާގެ 16 ޓަވަރުގައި ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓާއެކު ޖުމުލަ 32 ލިފްޓް ވަނީ ބަހައްޓައިފައެވެ. އަދި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން 10،500 ހައުސިން ޔުނިޓް އެޅުމަށް ހުޅުމާލެއިން ބިން ވަނީ ކަނޑައަޅައިފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެފައިވާ ގޮތުގައި، ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި 172 މަޝްރޫއަކުން މިހާތަނަށް 12،831 ސެމީ-ލަގްޒަރީ އަދި ލަގްޒަރީ އެޕާޓްމަންޓް ތަރައްގީކޮށްފައިވާއިރު، އިތުރު 1،763 ސެމީ-ލަގްޒަރީ އެޕާޓްމަންޓާއި 1،400 ލަގްޒަރީ އެޕާޓްމަންޓާއެކު ޖުމުލަ 3،163 ޔުނިޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރިއަށެވެ. މީގެ އިތުރުން، ބީއެމްއެލްއާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި އަޅާ ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި އިތުރު ސޯޝަލް ހައުސިންގ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅައި ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.

އަބޫދާބީގެ އީގަލްސް ހިލްސް ކުންފުނީގެ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި ހަދާ ހައުސިން މަޝްރޫއުގެ ވީޑިއޯ--

ހުޅުމާލެއަކީ ހުރިހާ ހިދުމަތެއް ލިބޭ ތަނަކަށް ހެދުމަށްޓަކައި، ސިއްހީ ދާއިރާއިން ނޭޝަނަލް ހެލްތު ލެބޯޓްރީއާއި މެންޓަލް ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލާއި މަލްޓި-ސްޕެޝަލްޓީ ހޮސްޕިޓަލާއި ޑިސްއެބިލިޓީ މެނޭޖްމަންޓް ސެންޓަރު އަދި އިސްރަށްވެހިންގެ މަރުކަޒު ބިނާކުރުމަށް އެޗްޑީސީން ވަނީ ބިން ދޫކޮށްފައެވެ. އާންމު ހިދުމަތްތަކާއި ސަލާމަތީ ކަންކަމަށް ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތްދޭ މަރުކަޒަކަށާއި ފުލުހުންގެ މައި މަރުކަޒާއި ޑޭޓާ ސެންޓަރަކަށާއި ކަސްޓަމްސް ޓްރެއިނިން ފެސިލިޓީއަކަށާއި ޕާކިން ޒޯންތަކުގެ އިތުރުން ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކަށްވެސް ވަނީ ބިން ދީފައެވެ. ހަމައެއާއެކު، ކަނޑުމަސް ޕްރޮސެސްކުރާ ފެސިލިޓީއަކާއި ފިޝް ޕްރޮސެސިން ޕްލާންޓަކަށާއި ގައުމީ ކުތުބުހާނާއާއި އިސްލާމިކް ޔުނިވާސިޓީއާއި މީޑިއާ ވިލެޖާއި މިސްކިތްތަކުގެ އިތުރުން ސްޕޯޓްސް ޑިސްޓްރިކްޓާއި ފުޓްސަލް އަދި މަލްޓި-ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ބޯލިން އަދި ގޯ-ކާޓް އެރީނާތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އަދި މަގުތަކުގެ ރައްކާތެރިކަމަށް އާ ރައުންޑްއެބައުޓްތައް ހަދައި، 88 ސްޕީޑް ބަމްޕަރު ހަރުކޮށް، އިތުރު ބަސް ހުއްޓިތައް ގާއިމުކޮށް، މަގުތައް މަރާމާތުކޮށް ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އަޅާފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގޮނޑުދޮށަށް ފޭބޭނެ ރޭމްޕް ހަދައި، ކުޑަގިރީގައި ދޫނިއާ ޑައިވް ސައިޓް ވަނީ ގާއިމުކޮށްފައެވެ.

ހަމައެކަނި މާލެ ސަރަހައްދުގެ ބަދަލުގައި އަތޮޅުތެރޭގެ ރަށްރަށުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3،960 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުންތަކުގައި އެޗްޑީސީން ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއު ހިންގާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ހދ. ނެއްލައިދޫ، ހދ. ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ގަން، ފޭދޫ، ހިތަދޫ އަދި މަރަދޫ ހިމެނެއެވެ. މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވާއިރު، ދެން ހުރި ރަށްތަކުގައި މަސައްކަތް ފެށުމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުމާއި ފައިސާ ހަމަޖެއްސުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރެވެމުންނެވެ.

އަތޮޅުތެރޭގެ މަޝްރޫއުތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ބިންގާ ވަނީ އަޅައިފައެވެ. ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ މޭ މަހު އަމަލީ މަސައްކަތް ފެށި ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އަލީ ޒުހައިރު ވިދާޅުވިއެވެ. މަތީ ތައުލީމު ހާސިލުކުރުމަށް މާލެ އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން 198 ކޯ-ލިވިން ސްޓޫޑެންޓް އެކޮމޮޑޭޝަން ޖާގަ ހިމެނޭ އެކުވެހި އިމާރާތްވެސް މިހާރު ވަނީ ބޭނުންކުރަން ފެށުމާ ގާތްވެފައެވެ.

އިޖުތިމާއީ އަދި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ފާއިތުވި ތިން އަހަރު ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށާއި 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް، އޭގެ ތެރެއިން 41 އައުޓްޑޯ ޖިމްގެ މަސައްކަތް އެޗްޑީސީން ވަނީ ނިންމައިފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންވަން ސްޕޯޓްސް ޕާކާއި ކުޅިވަރު އެކުވެނި ނިންމާފައިވާއިރު، ފިތުރޯނު ޕާކާއި ސްޓެލްކޯ ޕާކާއި ވިނަރެސް ޕާކާއި ޕޮކެޓް ޕާކުތަކާއި ފޮތް ކިޔުމަށް ހާއްސަ ރީޑިން ނޫކްތައް ވަނީ ތަރައްގީކޮށްފައެވެ. މީގެ އިތުރުން، ހިޔާ ޓަވަރު 8 ގައި އިސްރަށްވެހިންގެ ޑްރޮޕް-އިން ސެންޓަރެއް ގާއިމުކޮށް، އަލް-އަސްރު ޖަމިއްޔާއާ ގުޅިގެން ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިނުމަށާއި ޔަންގް ގާރީސް ޕްރޮގްރާމް ވެސް އެ ކޯޕަރޭޝަނުން ވަނީ ހިންގައިފައެވެ.

15 ނޮވެމްބަރު 2026، ހުޅުމާލެ ފޭސް 3 ގައި ފުޓްސަލް އެރީނާގެ ބިންގާއެޅުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ކުންފުނީގެ އެތެރޭގެ ހިންގުމާއި މާލީ ހާލަތު ރަނގަޅުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ހިޔާ އަދި ވިނަރެސް މަޝްރޫއަށް ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް ފަސް އަހަރަށް ރީސްޓްރަކްޗާކޮށް، ރުފިޔާއާއި ޑޮލަރުގެ ލިކުއިޑިޓީއަށް ވަނީ ލުޔެއް ހޯދައިފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރްޓީއައި) ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަށް އެޗްޑީސީ ވެފައިވާއިރު، ކަސްޓަމަރުންގެ ކްރެޑިޓް މައުލޫމާތު މަރުކަޒީ ބޭންކުގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ (ސީއާރްއައިބީ) ގެ ޑޭޓާބޭސްއަށް ގަވާއިދުން އަޕްޑޭޓްކުރަން ފަށައި، އައިއެސްއޯ 9001:2015 ސެޓްފިކެޓް ވަނީ އާކޮށްފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، އެޗްޑީސީގެ ދުރު ރާސްތާގެ އާބަން ޕްލޭނިން އަދި ތަރައްގީގެ އަމާޒުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ލޭންޑް ޔޫސް ޕްލޭނަށް ގެނައި އިސްލާހުތައް ވަނީ ފާސްކޮށްފައެވެ. އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ އެހީތަކާއި ތަރައްގީއާ ގުޅުންހުރި އެކުއިޒިޝަން މެކޭނިޒަމްތަކާ ބެހޭ އޮނިގަނޑުތައް އެކުލަވާލައި ހުށަހެޅުމަށްވެސް މެނޭޖްމަންޓަށް ވަނީ އަންގާފައެވެ.

މި މުއްދަތުގެ ތެރޭގައި އެޗްޑީސީން ވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އެ ކޯޕަރޭޝަންގެ ސްޓްރެޓީޖިކް ޕްލޭން 2025–2030 އިފުތިތާހުކޮށްފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް ދޭ ރިވެލި އެވޯޑް 2026 އެ ކޯޕަރޭޝަނަށް ލިބިފައިވާއިރު، މޯލްޑިވްސް އެކްސްޕޯ 2026 ގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ ވެސް ވަނީ ހޯދާފައެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް 2028 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަން ގަސް އިންދުމަށް އެޗްޑީސީން ވެފައިވާ ވައުދުގެ ދަށުން މިހާތަނަށް 115،377 ގަސް ވަނީ އިންދާފައެވެ. މީގެ އިތުރުން، ކުޑަގިރިއާއި ހުޅުމާލޭގައި މުރަކަ އިންދުމުގެ ޕްރޮގްރާމްތައް ހިންގައި، ފަރުކޮޅުފުށްޓާއި ލ. ގަމުގައި ގަސް ނާސަރީތައް ގާއިމުކޮށްފައިވާއިރު، ޔޫއެންޑީޕީއާއި ޖަޕާން ސަރުކާރާ ގުޅިގެން އާބަން ފާމިން މަޝްރޫއު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި، ހުޅުމާލޭގެ އާ މާސްޓަރޕްލޭނާއި އެޗްޑީސީގެ ހިންގުން ހަރުދަނާކުރުމަށް އަޕްޑޭޓްކުރި ރަސްމީ ވެބްސައިޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 2025 ވަނަ އަހަރުގެ މޭ މަހުގެ 26 ވަނަ ދުވަހު އިފުތިތާހުކޮށްދެއްވައިފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އިސްލާހުކޮށްފައިވާ މި މާސްޓާޕްލޭން ފަރުމާކޮށްފައިވަނީ ތިން ލައްކައެއްހާ މީހުންނަށް އެކި ދާއިރާތަކުން ފެންވަރު ރަނގަޅު ދިރިއުޅުމެއް ފޯރުކޮށްދެވޭނެ ގޮތަށެވެ. އަދި މި މާސްޓާޕްލޭން ހަގީގަތަކަށް ހެދުމަށް ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ހަމައެއާއެކު، ޔޫއެންޑީޕީން ބުނި ގޮތުގައި، މުސްތަގުބަލުގެ ޖީލުތަކަށް ފައިދާކުރާނެ ފަދަ ސިޓީތަކެއް ބިނާކުރުމަށް އެ ޖަމިއްޔާއާއި އެޗްޑީސީ ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެޗްޑީސީއާއި ޔޫއެންޑީޕީ އެކްސެލެރޭޓަރ ލެބްސް ގުޅިގެން ކުރިއަށްގެންދާ ހުޅުމާލެ ލިވަބިލިޓީ އިންޑެކްސް ފަދަ ޕައިލެޓް މަޝްރޫއުތަކުގެ އެހީގައި، ހަމައެކަނި އިގުތިސޯދީ މުއާމަލާތްތަކަށް ބެލުމުގެ ބަދަލުގައި އާންމުންގެ ދިރިއުޅުމުގެ ތަޖުރިބާއަށް އިސްކަންދީގެން ސިޓީ ފަރުމާކުރުމުގެ މަސައްކަތް ފުޅާކުރަމުންދާ ކަމަށް ޔޫއެންޑީޕީން ބުނެފައިވެއެވެ.

އެހެންކަމުން ފާއިތުވި ތިން އަހަރަކީ ހުރިހާ ގޮތަކުންވެސް އެޗްޑީސީއަށް ކާމިޔާބު ތިން އަހަރެވެ. އެ ކުންފުނިން އެ ވަނީ ބޯހިޔާވަހިކަމުން ފެށިގެން ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ހިތްފަސޭހަ މަންޒިލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ.