ހުޅުމާލޭގައި ދިރިއުޅޭ ދޮށީ އުމުރުގެ ރައްޔިތުންނަށް އަމާޒުކޮށް "ދުޅަހެޔޮ އިސްރަށްވެހިން" ގެ ނަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމް ރާވާފައިވަނީ އިސްރަށްވެހިން ގޭގައި ބަންދުވެފައި ތިބެންޖެހުމާއި މުޖުތަމައުގެ ހަރަކާތްތަކުން އެކަހެރިވެފައި ތިބެން ޖެހޭ ޖެހުމަށް ހައްލު ހޯދައިދީ، ހަރަކާތްތެރި އަދި އުފާވެރި މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގައި އެއްވެސް އަގެއް ނެގުމެއް ނެތި ބައިވެރިވެވޭނެ ކަމަށާއި، ގޫގުލް ފޯމް މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.
މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯ ތެރޭގައި ވެސް ގިނަ އިސްރަށްވެހިންތަކެއް ޕްރޮގްރާމަށް ނަން ނޯޓުކޮށްފައިވެއެވެ. ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން، ވީހާވެސް ގިނަ ބަޔަކަށް ޖާގަ ދިނުމުގެ ގޮތުން ރެޖިސްޓްރޭޝަން އަނެއްކާވެސް ހުޅުވާލީ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެއް އަހަރުގެ މުއްދަތަކަށް، މަހެއްގެ ބެޗްތަކަށް ބަހާލައިގެންނެވެ. ކޮންމެ ބެޗެއްގައި ހަފުތާއަކު ތިން ދުވަހު ސެޝަންތައް ބާއްވައި، ޖުމުލަ 12 ސެޝަން ހިމެނޭނެއެވެ. ސެޝަންތަކުގައި އިސްރަށްވެހިންނާ އެކަށީގެންވާ ލުއި ކަސްރަތާއި ހިނގުމާއި ސްޓްރެޗިން އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން ވެސް ތަފާތު ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން ވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ބައިވެރިން ގެންދިއުމާއި ގެނައުމުގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމާއި، ސެޝަންތައް ކުރިއަށްދާ ވެގުތު ފަސްޓް އެއިޑް ފޯރުކޮށްދިނުމާއި، ބޯފެނާއި އަރާމުކުރެވޭނެ ޖާގަ ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ހެލްތާއި ހުޅުމާލެ ހޮސްޕިޓަލާއި ފުލުހުންނާއި ފިޒިއޯ ސޮލިއުޝަންސާއި ޕެންޝަން އޮފީހާއި އެމްޓީސީސީ އަދި އުރީދޫގެ އިތުރުން އެކި އެންޖީއޯތަކާ ގުޅިގެން ހިންގާ މި ޕްރޮގްރާމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، ކޯޕަރޭޝަނުގެ އަމާޒަކީ މި މަސައްކަތުގެ ތެރެއިން އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވައި، ހުޅުމާލެއަކީ ކޮންމެ އުމުރެއްގެ ރައްޔިތަކަށް ވެސް ހިތްހަމަޖެހިގެން ދިރިއުޅެވޭ ތަނަކަށް ހެދުން ކަމަށެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް