އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައިގައި، ހުޅުމާލޭގެ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލުކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން އެންގި އެންގުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކޮށްފިއެވެ.

އެޗްޑީސީން ރިވެލި ރެސްޓޯރެންޓްގެ ބިމާ ގުޅޭ ގޮތުން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ސިޓީއަކުން އެންގީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އެ ސިޓީއަށްފަހު، އެޗްޑީސީން ރިވެލި ރެސްޓޯރެންޓް ހުސްކުރަން އެތަނަށް ވަނެވެ. ނަމަވެސް، މައްސަލައިގައި އެޗްޑީސީގެ ނިންމުން ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހަޅައި ވަގުތީ އަމުރަކަށް ސޮލާރިސްއިން އެދުނެވެ.

ފުރަތަމަ އެދުނު ވަގުތީ އަމުރު ނެރެނުދޭން ނިންމުމަށް ފަހު، ފަހުން ވަނީ ސިވިލް ކޯޓުން އެ މައްސަލައިގައި އަމުރެއް ނެރެފައެވެ.

އެ އަމުރުގައި އެޗްޑީސީގެ ގައިރު ހާޒިރުގައި ކުރި އެ އަމުރުގައި ބުނެފައިވަނީ، ރިވެލި ރެސްޓޯރެންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމެއް އިޔާދަކުރުމަށެވެ.

އެ އަމުރު މުރާޖައާ ކުރަން އެޗްޑީސީން އެދުމުން ސިވިލް ކޯޓުން މިއަދު ވަނީ އެ އަމުރު ބާތިލުކުރަން ނިންމައިފައެވެ.

އަމުރު މުރާޖައާ ކުރަން ނިންމި ގޮތުގެ ނިންމުމުގައި ސިވިލް ކޯޓުން ބުނެފައިވަނީ ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ނެރެފައިވާ ވަގުތީ އަމުރު ދެމިއޮތުމުގެ ސަބަބުން، އެޗްޑީސީއަށް ހައްގު ނޫން ބުރައެއް އުފުލަންޖެހޭ ކަމަށެވެ.

މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައަޅާއިރު އެއްފަރާތަށް ލިބިދާނެ ގެއްލުމަކީ މި ހިނދުގައި މިންނުކުރެވޭ ފަދަ ގެއްލުމަކަށް ވެދާނެތީ އެ އަމުރު ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ވެސް ނިންމުމުގައިވެއެވެ.

މި މައްސަލައިގެ ދައުވާ ފޯމާއެކު، އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މީގެ ކުރިން ނިންމާފައިވާކަމާއި އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް ނަމަވެސް، މިހާތަނަށް އެކަމާ މެދު ވަކި ގޮތެއް ކަނޑައަޅާފައި ނުވާކަން ވެސް ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ފުރަތަމަ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ފަހުން ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ބަދަލުގައި، އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ ސޮލާރިސްއަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ލިބޭނެ ފުރިހަމަ އިންތިޒާމު އޮތްކަން ވެސް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންވެ ވަގުތީ އަމުރު ރިވިއުކޮށް މިއަދުން ފެށިގެން އެ އަމުރު ބާތިލުކޮށްފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.