އެމެރިކާގެ އެއާޕޯޓުތަކުގައި ފްލައިޓްތައް ފުރުން ހުއްޓުވި ބޮޑު ހާދިސާއަށްފަހު، އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަކީ "ބާ" ނިޒާމެއް ކަމަށާއި ނަމަވެސް އެއީ އަދިވެސް "ރައްކާތެރި" ނިޒާމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން މުޅި ގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ގާތްގަނޑަކަށް 5 ގަޑިއިރަށް ހުއްޓުވުމާ ގުޅިގެން، ވައިގެ ދަތުރުފަތުރުގެ ނިޒާމު ބާވެފައިވާ މިންވަރާމެދު އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެ ހާދިސާގައި 12،000 އަށްވުރެ ގިނަ ފްލައިޓުގެ ދަތުރުތަކަށް ބުރޫއަރައި، 1.5 މިލިއަނަށްވުރެ ގިނަ ދަތުރުވެރިންނަށް އޭގެ އަސަރު ކުރިއެވެ.
ވައިޓް ހައުސްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ކޮންޓްރޯލް ކުރާ ނިޒާމުތައް ޒަމާނީ ކުރުމަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރި ވީ މުސްކުޅި ނިޒާމުގެ ތެރެއަށް އާ ޓެކްނޮލޮޖީއާއި އިކުއިޕްމަންޓް ގުޅުމުގެ ތެރޭގައި ސިސްޓަމަށް ބާރުބޮޑުވެގެން ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި އުދުހެމުންދިޔަ އެއްވެސް ބޯޓަކަށް ނުރައްކަލެއް ކުރިމަތި ނުވާ ކަމަށާއި، 3،000 އަށްވުރެ ގިނަ ފްލައިޓް ރައްކާތެރިކަމާއެކު ދަތުރުކުރި ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ސައިބާ ހަމަލާއެއް ދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށާއި، މައްސަލަ ދިމާވީ މެކޭނިކަލް އަދި ނެޓްވޯކް ރޫޓަރުތަކަށް ދިމާވި މައްސަލައަކުން ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
އެމެރިކާގެ ސަރުކާރުން މިހާރު ވަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމު މުޅިން ޒަމާނީކުރުމަށްޓަކައި 50 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ހަމަޖެއްސުމަށް ކޮންގްރެސްގައި އެދިފައެވެ. މިއީ 1980 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އަންނަ ބާ ޓެކްނޮލޮޖީތަކާއި ރާޑަރު ނިޒާމުތައް ބަދަލުކޮށް، މުޅިން އާ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ކޮމެންޓް