މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

ކަސްޓަމްސް އިން ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. އަދި މީގެ ބޮޑީވޯން ކެމެރާ ހަދިޔާކޮށްފައިވަނީ އެމެރިކާ އިންނެވެ.

މި ޖަލްސާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އަލަށް ތައާރަފު ކުރެވުނު ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާ ކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"މީގެ ސަބަބުން ކަސްޓަމްސްއަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުވެ، ބައިނަލްއަގުވާމީ ބަދަލުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް މޮނިޓާކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަ ކުރެވިގެންދާނެ،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ކުރިމަގުގައި ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ.