ދިވެހީންގެ ތާރީހުގައި ތަރައްގީގެ ކޮންމެ ފިޔަވަޅަކަށް މަދު ބައެއްގެ ދެކޮޅުހެދުން ކުރިމަތިވި ނަމަވެސް ރައްޔިތުންގެ ގިނަ ބައެއްގެ ހެޔޮ ވިސްނުމުން އެ ހުރަސްތައް ގިރާކޮށް ގައުމު ކުރިއަރައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ޒައާމަތުގައި އަންހެން ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމާއި ރަށްރަށުގައި ފުޅާ މަގުތައް ކެނޑުން ފަދަ ކަންކަމަށް ބައެއް ފަރާތްތަކުން ހުރަސް އެޅި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅުއްވައިގެން ގާނޫނީ ބާރުވެރިކަން ހޯއްދަވައި، އެ ބަދަލުތައް ގެންނެވި ކަމަށާއި، އެ ހުރިހާ ކަމެއްގެ ފައިދާ ލިބުނީ މުޅި ގައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމަށް ފެއްޓެވި މަސައްކަތަށް ވެސް ބައެއް މީހުން ދެކޮޅު ހެދި ކަމަށާއި، އިންޖީނުގެ އަޑަށް މަސް ފިލައިގެން ދާނެ ކަމަށް ބުނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެފަދައިން ފަތުރުވެރިކަމުގެ ސިނާއަތް ފެށުމުގެ ކުރިން ބޭރުގެ ތަޖުރިބާކާރުންގެ ދިރާސާއިން ރާއްޖޭގައި އެ ސިނާއަތް ކާމިޔާބު ނުވާނެ ކަމަށް ނިންމި ނަމަވެސް، ދިވެހިންގެ ތެރެއިން ދެތިން ބޭފުޅަކު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތުން މިއަދު ފަތުރުވެރިކަމަކީ ދިވެހި އިގުތިސާދުގެ އެންމެ ވަރުގަދަ އެއް ތަނބަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަރައްގީގެ ސިޔާސަތު ބައްޓަންކުރައްވާފައިވާނީ ދެ ނުކުތާއެއްގެ މައްޗަށް ކަމަށެވެ. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ އިންސާނީ ބިނާކުރުމާއި މާއްދީ އުމްރާނީ ބިނާކުރުމެވެ. މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެވި، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުވެ، އީޖާދީ އިގުތިސާދެއްގެ ވެރި، ތައުލީމީ ހުނަރުވެރި ރައްޔިތެއް ބިނާކުރެވިފައިވާ ތަހުޒީބު މުޖުތަމައެއް ގާއިމުކުރުމަކީ އެ ތަސައްވުރުގެ އެންމެ ފުޅާ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމެއް ކުރިއެރުމުގެ ފުރާނައަކީ ރައްޔިތުންގެ މެދުގައި އޮންނަ އުންމީދީ ވިސްނުމާއި އެއްބައިވަންތަކަމާއި ހަމަޖެހުން ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޝިއާރަކަށް ވާންވީ "ދިވެހިންގެ ރާއްޖެ ތަހުޒީބު މުޖުތަމައު" ކަމަށެވެ. ދިވެހީންގެ އަމާންކަމަށް ހުރަސް އަޅައި ކުރިއެރުމަށް ލޮޅުން އަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމަށް އެދިވަޑައިގެން، ތަރައްގީއާ ޒަމާނީ ކުރިއެރުމުން މުއްސަނދިވެފައިވާ ރާއްޖެއެއް ދެކެން ބޭނުންވާ ކަމުގެ އުންމީދީ ޝުއޫރު ރައީސް ފާޅުކުރެއްވިއެވެ.

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ތާރީހީ ހާދިސާތަކުން މިސާލު ނަންގަވައި، ދިވެހިންގެ ގައުމީ ވިސްނުމާއި ސަފުތަކުގެ ބަދަހިކަމުގެ މުހިންމުކަމަށް ބާރުއަޅުއްވައިފައެވެ.