ބޭރު ފައިސާ ގަނެވިއްކުމުގެ ގަވާއިދާ ހިލާފުވި ތިން ކުންފުންޏެއްގެ މަނީ ޗޭންޖިން ލައިސަންސް ބާތިލުކޮށް، އެ ތަންތަން ޖޫރިމަނާކޮށްފިއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން، ފިޔަވަޅު އެޅީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ.
ލައިސަންސް ބާތިލުކުރުމުގެ އިތުރުން މި ތިން ކުންފުނީގެ މައްޗަށް ޖޫރިމަނާ ވެސް ވަނީ ކޮށްފައެވެ. އެގޮތުން އެލްވީއާރު އިންވެސްޓްމަންޓާއި މޭޑް މަނީ އެކްސްޗޭންޖް، ކޮންމެ ތަނެއް 250,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އިރު، މައިޒޯން އެކްސްޗޭންޖް ޖޫރިމަނާކޮށްފައިވަނީ 500,000 ރުފިޔާއިންނެވެ.
ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ބައެއް ފަރާތްތަކުން ގާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލުނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
"ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންނުދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަވެފައެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ..،" އެމްއެމްއޭގެ ނޫސް ބަޔާނުގައިވެއެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ކުރިއަށްއޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު އެމްއެމްއޭއިން ވަނީ ދީފައެވެ.
ގަވާއިދާ ހިލާފުވެގެން މިދިޔަ މަހު ވެސް އެމްއެމްއޭއިން ވަނީ މަނީ ޗޭންޖަރެއް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފައެވެ. އެ ފިޔަވަޅު އެޅީ ފުޅާދާއިރާއެއްގައި ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުން އައި "އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް"އާ ދެކޮޅަށެވެ.
ކޮމެންޓް