މާލީ ހޭލުންތެރިކަން ފެތުރުމުގެ ގޮތުން އެމްއެމްއޭ ފިންލިޓް ފެސްޓްގެ ހަރަކާތްތައް ހއ. އަތޮޅުގެ ރަށްތަކުގައި މާދަމާ ފެށުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުވެއްޖެއެވެ.

ތިން ދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ޕްރޮގްރާމް ކުރިއަށްގެންދާނީ މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މާލީ ދާއިރާއާއި އިގުތިސާދީ ކަންކަމާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަންތަކުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.

ޝެޑިއުލްގައިވާ ގޮތުން ފުރަތަމަ ދެ ދުވަހު ދިއްދޫގައި ހަރަކާތްތައް ކުރިއަށްދާނެއެވެ. އަންނަ ހޮނިހިރު ދުވަހު ވަށަފަރާއި އުތީމާއި ފިއްލަދޫގައި ވެސް ހަރަކާތްތައް ބާއްވާނެއެވެ. ޕްރޮގްރާމްގެ ފަހު ދުވަހު، އާދިއްތަ ދުވަހު ކެލާ އާއި މުރައިދޫގައި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންނަށް އަމާޒުކޮށް "ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް" ގެ ނަމުގައި ހާއްސަ ހަވީރެއް މާދަމާ ދިއްދޫގައި ބާއްވާ އިރު، ހޮނިހިރު ދުވަހު ވަށަފަރުގައި ވެސް މި ހަވީރު އޮންނާނެއެވެ. ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާ މި ހަރަކާތުގައި މަޖާ މާހައުލެއްގެ ތެރެއިން ކުޑަކުދިންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ގުޅިގެން ބާއްވާ މި ހަރަކާތްތައް ހއ. އަތޮޅުގައި ކުރިއަށްގެންދާނީ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ.

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ދާއިރާގެ ހޭލުންތެރިކަން ފުޅާކުރުމުގެ ގޮތުން އެމްއެމްއޭއިން ހިންގާ މި ހަރަކާތަކީ 2025 ވަނަ އަހަރު ތައާރަފުކުރި ފިންލިޓް ފެސްޓް ސިލްސިލާގެ ދަށުން އަތޮޅުތެރެއަށް ފުޅާކުރެވެމުންދާ ޕްރޮގްރާމެކެވެ.