މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ހިންގާ ފިންލިޓް ފެސްޓް 2026ގެ ހަރަކާތްތައް މި މަހު ހއ. އަތޮޅުގެ ހަ ރަށެއްގައި ކުރިއަށްގެންދިއުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
ތިލަދުންމައްޗަށް ކުރާ މި ދަތުރު ކުރިއަށްދާނީ މި މަހުގެ 20 އިން 22 އަށެވެ. އެމްއެމްއޭގެ ޓީމުތައް ޒިޔާރަތްކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ، ވަށަފަރު، ކެލާ، އުތީމު، ފިއްލަދޫ އަދި މުރައިދޫއެވެ.
މި ދަތުރުގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދާއިރާއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ރާވާފައިވެއެވެ. އޭގެ އިތުރުން ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހާއްސަކޮށް "މެކްރޯ އިކޮނޮމިކްސް އަވެއާނެސް ސެޝަންތައް" ވެސް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ދިއްދޫ އާއި ވަށަފަރުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ފަދަ އިދާރާތައް ބައިވެރިވާނެއެވެ. ހަމައެއާއެކު ރާއްޖޭގެ ފައިސާގެ ތާރީހާ ގުޅޭ ހާއްސަ ސްޓޯލެއް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ސްޓޯލަކީ މި އަހަރު އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދި ސްޓޯލެއްކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.
ހއ. އަތޮޅުގައި މި ހަރަކާތް ހިންގަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ.
ފިންލިޓް ފެސްޓަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން ފެތުރުމުގެ ބޭނުމުގައި 2025 ވަނަ އަހަރު އެމްއެމްއޭއިން އިފްތިތާހުކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ތަފާތު މުބާރާތްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވާފައިވާ އިރު، މި އަހަރު ވެސް ބަހުސް މުބާރާތާއި ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް