އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރެޒްގެ ދައުރު މިއަހަރުގެ ޑިސެމްބަރު އެއްތިރީހުގައި ނިމޭނެއެވެ. ޕޯޗުގަލްއަށް ނިސްބަތްވެވަޑައިގަންނަވާ ގުޓިރެޒް ހަމަކުރައްވަމުން އެގެންދަވަނީ މަގާމުގައި އޭނާގެ ދެވަނަ އަދި އެންމެ ފަހު ދައުރެވެ. ދައުރެއްގެ ދިގުމިނަކީ ފަސް އަހަރެވެ. ގުޓިރެޒްގެ ދައުރު ނިމުމާއެކު ޖެނުއަރީ އެއްވަނަ ދުވަހު އައު ބޭފުޅަކު މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ. އައު ސެކްރެޓަރީ ޖެނެރަލަކަށް ހޮވޭނީ ނުވަތަ ހޮވާނީ ކާކުކަމެއް އަދި ނޭނގެއެވެ. މިހާރު ގުނެމުންދަނީ އދ.ގެ އެންމެ މުހިންމު ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގައި އެމީހަކު ސެލެކްޓް ކުރުމުގެ އެންމެ މުހިއްމު މަރުހަލާގެ ދުވަސްތަކެވެ. ހަފުތާތަކެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިފައިވާ ފަސްގައުމުގެ ރައުޔު އަދިވެސް އެއްގޮތް ކުރެވޭތަނެއް ނުފެނެއެވެ. މަގާމަށް ވާދަކުރާ އޮރިޖިނަލް ކެންޑިޑޭޓުންގެ ތެރޭގައި ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން މަދުވެގެން ދެ މެންބަރަކު ދެކޮޅު ނުހަދާ އެއްވެސް ކެންޑިޑޭޓަކު ނެތެވެ.
އެހެންވީމާ ސެލެކްޝަންގެ މަސައްކަތުގައި މިހާރު އޮތީ މަރުތަޅު އެޅިފައެވެ. ކުރިއަށްދާ ގޮތެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އައު ކެންޑިޑޭޓުންވެސް ދަނީ ފާޅުވަމުންނެވެ. ފެންނަމުންނެވެ. އަދި ކުރިން ވާދަކުރި ބައެއް ކެންޑިޑޭޓުން ވަނީ ރޭހުން ވަކިވެފައެވެ. އެގޮތަށް ވަކިވި ދެ ކެންޑިޑޭޓުންނަކީ ސެނެގޯލްގެ ކުރީގެ ރައީސް މެކީ ސަލްއާއި ޗިލީގެ ކުރީގެ ރައީސް މިޝޭލް ބެޗެލެޓެވެ. އަލަށް ފާޅުވި ކެންޑިޑޭޓަކީ އދ.ގައި ހުންނެވި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުރީގެ ސަފީރު އަދި އެމިރޭޓްސްގެ ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރު ލާނާ ޒަކީ ނުސައިބާއެވެ. އުމުރުފުޅުން 48 އަހަރުވީ ނުސައިބާގެ ނަން ހުށައެޅީ އެކަމަނާގެ ގައުމުކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ. ތާއީދުކުރީ ގަލްފުގައި ހިމެނޭ އަރަބި އެންމެހައި ގައުމުތަކުންނެވެ. ސައޫދީއަރަބިޔާ، ކުވައިތު، ގަތަރު، ބަހުރައިން އަދި އޮމާނުންނެވެ. މިދެންނެވި ގައުމުތަކުގެ އިތުރަށް އިސްލާމީ ދުނިޔެއިން ދިވެހިރާއްޖެއާއި ފަލަސްތީނެވެ.
މީގެތެރެއިން ފަލަސްތީނަކީ އދ.ގެ އާއްމު މަޖިލީހުގައި އޮބްޒާވަރ ދަރަޖައިގެ ދައުލަތެކެވެ. ވޯޓު ނުލެވޭ ގައުމެކެވެ. ފުރިހަމަ މެންބަރަކަށް ނުވާތީއެވެ. ލިބެމުންދާ މައުލޫމާތުގެ އަލީގައި ހީކުރެވެނީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރެއިން އެމެރިކާ، ރަޝިޔާ އަދި އިނގިރޭސިވިލާތުގެ ތާއީދުވެސް މިހާރު ނުސައިބާއަށް އެބައޮތް ކަމުގައެވެ. ވީޓޯގެ ބާރު ލިބިފައިވާ ގައުމުތަކުގެ ތެރެއިން ދެން ބާކީތިބީ ފަރަންސޭސިވިލާތާއި ޗައިނާއެވެ. އެ ދެގައުމުންވެސް ނުސައިބާއާމެދު މާބޮޑު ދެކޮޅުހެދުމެއް ގެންގުޅޭތަނެއް ނުފެނެއެވެ. އެހެންވީމާ އައު ސެކްރެޓަރީ ޖެނެރަލަކަށްވުން އެންމެ ގާތް ބޭފުޅަކީ މިވަގުތު ކަންކަން ފެންނަ ގޮތުން ނުސައިބާ ކަމަށް ބެލެވެއެވެ. ލާނާ ޒަކީ ނުސައިބާއަށް ފަލަސްތީނުން އެހާ އަވަހަށް ތާއީދުކުރީ ކީއްވެގެން ބާވައެވެ. ނުސައިބާއަކީ ފަލަސްތީނުގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަނާގެ ބައްޕަ ޒަކީއަކީ އިރުމަތީ ގުދުސްގެ ބޭފުޅެކެވެ.
އިޒްރޭލާއި އަރަބީންގެ މެދުގައި 1967 ވަނަ އަހަރު ކުރެވުނު ހަގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފުމާ ގުޅިގެން އެނބުރި ވަޒަނަށް ރުޖޫއަ ވެވޭނޭ މަގު ބަންދުވެ އޭނާ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ހިޖުރަ ކުރީއެވެ. ނުސައިބާ އުފަންވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި 1978 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވި އަހަރެވެ. ނުސައިބާ މަތީ ތައުލީމް ހާސިލް ކުރެއްވީ އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީގައެވެ. ނުސައިބާއަކީ ފަލަސްތީނުގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ސަރީ ނުސައިބާއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ސަރީ ލިޔުއްވި ފޮތްފޮތުގެ ތެރެއިން އެންމެ މަޝްހޫރު ފޮތަކީ ފަލަސްތީނާ ބެހޭގޮތުން ލިޔުއްވި ފޮތެކެވެ. ފަލަސްތީނަކީ އިރެއްގައި ވަކި ގައުމެކެވެ، މިނަމުގައެވެ. ނުސައިބާގެ ފަލްސަފާއަކީވެސް ބޮޑުބޭބެގެ ފަލްސަފާއެވެ.
އދ.ގައި އެމިރޭޓްސްގެ ސަފީރަކަށް ހުންނަވައިގެން ނުސައިބާ ވަނީ ފަލަސްތީނުގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ފަލަސްތީނުގެ މައްސަލަޔަށް އޮތް ހައްލަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުން ކަމަށާއި އަދި މުޅި މެދުއިރުމައްޗަށް ސުލްހަ ގެނެވޭނީ އިޒްރޭލާއެކު މިނިވަން ފަލަސްތީނެއްވެސް އޮވެގެން ކަމަށް ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ. ފަލަސްތީނުގެ ގާޒާއަށް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ބުރަ މަސަަައްކަތުގައިވެސް ނުސައިބާ ވަނީ އިސްވެ ހުންނަވައިގެން އަމަލީ ދައުރެެއް އަދާކުރައްވައިފައެވެ. ނުސައިބާއަކީ ފަލަސްތީނުގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވިޔަސް، އަދި އެއީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރައްވާ ބޭފުޅަކަށްވިޔަސް އެމެރިކާއިން އެކަމަނާ ބަލައިގަތީމާ ދެން އިޒްރޭލަކުންވެސް މާކަގިނަ ފޮނުތަކެއް އަރުވާނޭކަމަށް ނުބެލެވެއެވެ. އަރަބީންގެ ތެރޭގައި މިވަގުތު އިޒްރޭލާ އެންމެ ގުޅުންބޮޑު ގައުމަކީ އެމިރޭޓްސް ކަމަށްވާތީއެވެ.
މިދެންނެވި ގުޅުމަށް ބުރުލެެއް އެރިޔަދޭން ބޭނުންނުވާތީއެވެ. ތިމަންނާމެން ކިހާ ހެޔޮހޭ ބުނަން ލިބޭ ފުރުސަތަކަށްވެސް ވާތީއެވެ. މިކަން މިހެންއޮތަސް ނުސައިބާއާ ދެކޮޅު ގައުމުތައްވެސް އެބަތިއްބެވެ. އެއީ މައިގަޑުގޮތެެއްގައި އެމިރޭޓްސްގެ ޚާރިޖީ ސިޔާސަތުގެ ބައެއް ކަންކަމުގެ ސަބަބުންނެވެ. އޭގެތެރޭގައި ސޫދާނުގެ ދާޚިލީ ހަގުރާމަޔަށް ތެޔޮއެޅުމުގެ ތުހުމަތާއި ސޮމާލީލޭންޑުގެ މައްސަލަ ހިމެނެއެވެ. ސޫދާނުގެ ބާޣީންނަށް ހަތިޔާރާއި ފައިސާ ދިނުމުގެ އެއްބާރަކީ އެމިރޭޓްސް ކަމުގައި ބުނެވެއެވެ. އެކަމަކު މިއީ އެމިރޭޓްސްއިން ދޮގުކުރާ ކަމެކެވެ. ކެރީބިއަނާއި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކުންވެސް ނުސައިބާގެ ކެންޑިޑެސީއާ ދެކޮޅެވެ. އެމީހުންގެ ބިރަކީ ސެކްރެޓަރީ ޖެނެރަލްކަން މިފަހަރު އެސަރަހައްދުން ގެއްލުމުގެ ބިރެވެ. އެހެންވީމާ ވަގުތު ފާއިތުވީފަހުން ވައިކުޑައިން ފުންމާލި މީހެކޭ، ކަމަކުނުދެޔޭ ކިޔައިގެން އެ ގައުމުތަކުން ޝަކުވާކުރާ އަޑު އެބައިވެއެވެ.
އިމާދު ލަތީފު
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް