ޓައިޕް 1 ހަކުރު ބަލި ތަހަންމަލުކުރާ ކުޑަކުދިންނާއި، ބޮޑެތި މީހުންގެ ފަރުވާއަށް ކުރަންޖެހޭ ބޮޑު ހަރަދަށް ހައްލެއް ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އެ މައްސަލާގައި އެދިވަޑައިގެންފައިވަނީ، އެ ބަލި ހުންނަ ފަރާތްތަކަށް ބޭނުންވާ މެޑިކަލް ސާމާނާއި، ފަރުވާ އާސަންދައިގެ ދަށުން ފުރިހަމައަށް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. މީގެ އިތުރުން، އާސަންދައިގެ އިސްވެރިން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުކޮށް، މިކަމުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
ޓައިޕް 1 ހަކުރު ބައްޔަކީ ހަށިގަނޑުން އަމިއްލައަށް އިންސިއުލިން އުފެއްދުން ހުއްޓާލުމުން ޖެހޭ ބައްޔެކެވެ. އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދުވާލަކު އެތައް ފަހަރަކު ހަކުރު ޗެކްކޮށް، އިންސިއުލިން އިންޖެކްޝަން ޖަހަންޖެހެއެވެ.
ނަމަވެސް، އެކަމަށް ބޭނުންވާ ސްޓްރިޕްސްއާއި، ކުޑަކުދިންނަށް ހާއްސަ ތުނި ކަށި (އެމްއެމް4) އަދި އިންސިއުލިން ޕަންޕު ފަދަ ތަކެތި ރާއްޖެއިން ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ކުޑޫ ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ހަކުރު ޗެކްކުރާ މީޓަރާއި ސްޓްރިޕްސް ހުރިހާ އުމުރުފުރައެއްގެ ޓައިޕް 1 ބަލި މީހުންނަށް އާސަންދައިން ދިނުން
- އަގުބޮޑު އިންސިއުލިން ޕަންޕާއި ސީޖީއެމް ސެންސަރު ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން
- އަތޮޅުތަކުން ފަރުވާއަށް މާލެ އަންނަ އާއިލާތަކަށް ދަތުރާއި ހުރުމުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުން
- ސަރުކާރު ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް އަވަހަށް ލިބޭނެ ގޮތް ހެދުން
ޑައިބިޓީސް ސޮސައިޓީގެ ރަޖިސްޓްރީގައިވާ ގޮތުން ރާއްޖޭގައި މިވަގުތުވެސް ޓައިޕް 1 ހަކުރު ބަލި ތަހަންމަލުކުރާ 330 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 113 ކުދިން ހިމެނެއެވެ. އިންސިއުލިން ޕަންޕު ބޭނުންކުރުމުން ހަކުރު ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވި ނަމަވެސް، އެ އެތެރެކުރި ކުންފުނިން މިހާރު އެ ހިދުމަތް ވަނީ މެދުކަނޑާލައިފައެވެ.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް