ސަރުކާރު މުއައްސަސާތަކަށް ބޭނުންވާ މުވައްޒަފުންގެ އަސްލު އަދަދު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެޗުއާރު އޮޑިޓެއް، އަންނަ އަހަރު ހަދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި، އަންނަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކާ ބެހޭ ބައެއް މައުލޫމާތު މެންބަރުންނަށް އޮޅުންފިލުއްވައި ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ވެސް އެންމެ ބޮޑު ހަރަދެއް ބަޖެޓުން ކުރަން ޖެހެނީ، މުވައްޒަފުންގެ މުސާރަ އާއި ސަބްސިޑީއަށް ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މުސާރަ އާއި އިނާޔަތްތައް ދިނުމަށް 17.1 ބިލިއަން ރުފިޔާ އަދި ސަބްސިޑީގެ ގޮތުގައި ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަރަދު ކުޑަކުރަން އަޅަން ރާވާފައިވާ އެއް ފިޔަވަޅަކީ، މުސާރައަށް ކުރާ ހޭދަ ކުޑަކުރުން ކަމަށެވެ.
އަންނަ އަހަރު އާ މަގާމުތައް ނުއުފައްދަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށާއި ހަމައެއާ އެކު ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ރިޕްލޭސްމަންޓު ގެނައުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެެވެ.
މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބެލުމަށްޓަކައި، ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަން ގުޅިގެން އެޗުއާރު އޮޑިޓެއް ކުރުމަށް ވިސްނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް ހަދާ އެޗުއާރު އޮޑިޓުގެ ތެރެއިން މުވައްޒަފުން ބޭނުންވާ މިންވަރު ދެނެގަނެ، މުވައްޒަފުން ބޭނުންވާ ތަންތަނަށް ކަނޑައަޅައި ބޭނުންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން ތިބި ނަމަ، މުވައްޒަފުން ބޭނުންވާ އެހެން ދިމާލަކަށް ބަދަލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ހަރަދު ކުޑަ ކުރުމަށްޓަކައި، ތެލަށް ބަރޯސާވުން ކުޑަކުރުމާއި މެޑިކަލް ކޮންސިއުމަބަލްސްއާ ގުޅޭ ކަންކަން ހަރުދަނާކޮށް، ސިއްހީ ދާއިރާގެ އިސްރާފު ކުޑަކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް