ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް ހިމަނައި، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު، ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާ މި ބިލުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުއަސާސީ އާއި ބައިނަލް އަގުވާމީ ކަމާގުޅޭ އުސޫލުތަކާއި އާއްމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުން ކަމަށެވެ. އަދި އެ އަދަބު ތަންފީޒު ކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުމަކީ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކާއި އަދަބު ކަނޑައެޅުމުގައި ކޯޓުތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
މަރުގެ އަދަބެއް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތަކާއި މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި އަދަބު ތަންފީޒު ކުރުން މަނާކުރާ ހާލަތްތަކާއި ސަބަބުތައް ބަޔާންކޮށް އަދި އެނޫންވެސް މަރުގެ އަދަބު ކަނޑައެޅުމާއި އަދަމު ތަންފީޒު ކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ޝަރުތުތައް ފުރުހަމަވެެގެން މެނުވީ އެ އަދަބު ތަންފީޒެއް ނުކުރެވޭނެއެވެ.
އަދަބު ތަންފީޒު ކުރުން ވަގުތީ ގޮތުން މަނާވާ ހާލަތްތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާގޮތުން އާއްމުކޮށް ފެންނާނެ ފަދަ ތަނެއްގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫނެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ އިޖުރާއަތްތައް، ބަޔާންކޮށްފައިވާ އިރު، ކުށް ވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކަންކަން ހިންގައި ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލް އަކުން ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެޕެނަލް އެކުލަވާލާ ތާރީހުން ފެށިގެން ގިނަވަގެން 30 ދުވަހުގެ ތެރޭގައި ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ތާރީހަކާއި ވަގުތެއް ޕެނަލުން ކަނޑައަޅަންވާނެ ކަމަށް ބިލުގައިވެއެވެ.
އަދަބު ފަސް ކުރަންޖެހޭ ހާލަތްތަކާއި ކުށް ވެރިޔާއަށް މައާފު ދެވޭނެ ހާލަތްތައްވެސް ބިލުގައި ކަނޑަަޅާފައިވެއެވެ.
ބިލުގައިވާގޮތުން މަރުގެ އަދަބު އަމަލީގޮތުން ތަންފީޒު ކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގަންވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.
މި ބިލުގައި ވާގޮތުން މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެންނެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ހުއްދަ ޕެނަލުން ދިނުމަށްފަހު، އަދި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު، އަދަބު ތަންފީޒު ކުރަން ފަށަން ވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި މަރުގެ އަދަބު ކަނޑައެޅުމުގެ ޝަރުތުތަކުގެ ގޮތުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ވާސިރުން އެއްބަސްވުމާއި ޝާރީއަތުގެ ހުރިހާ މަރުހަލާއަކުން މައްސަލަ ބެލުމާއި އަދުލުވެރިކަމާ ހަމަހަމަކަމާ އެކު ޝަރީއަތް ކުރުމާއި އަދަބު ކަނޑައަޅާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ހައްގު ހޯދައިދިނުން ހިމެނެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް