ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ 48 ބިމެއް ގަތުމަށް އެދުމުގެ ފުރުސަތު ހުޅުވާލާނެކަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، 2011 ވަނަ އަހަރު ހިންގި އެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަތުމުގެ ފުރުސަތު ހުޅުވާލަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ކަމަށެވެ.
މި ބިންތައް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. މި އުސޫލުގެ ދަށުން ބިން ވިއްކާ އަގަކީ އަކަފޫޓަކަށް 2،000 ރުފިޔާއެވެ. ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާބެހޭ ފޯމު ފުރިހަމަކޮށް، ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 8 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. މިކަމަށް ބޭނުންވާ ފޯމާއި ވިއްކާ ބިންތަކުގެ ޗާޓު އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ވިއްކުމަށް ކަނޑައަޅާފައިވާ 48 ބިމުގެ ތެރޭގައި ހިމެނެނީ މާފަންނުން 21 ބިމަކާއި، މައްޗަންގޮޅިން 10 ބިމަކާއި، ހެންވޭރުން ނުވަ ބިމަކާއި، ގަލޮޅުން ހަތް ބިމެއްގެ އިތުރުން ވިލިމާލެއިން އެއް ބިމެވެ. މާފަންނުން ވިއްކާ ބިންތަކުގެ ތެރޭގައި 21.6 އަކަފޫޓުން ފެށިގެން 275.21 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭ އިރު، މައްޗަންގޮޅިން ވިއްކުމަށް ހަމަޖެހިފައިވަނީ 28.23 އަކަފޫޓާއި 199.6 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ގަލޮޅުން 41.08 އަކަފޫޓާއި 127 އަކަފޫޓާ ދެމެދުގެ ބިންތަކެއް ވިއްކާ އިރު، ހެންވޭރުން ވިއްކަނީ 58.50 އަކަފޫޓާއި 117.41 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. މީގެ އިތުރުން ވިލިމާލެއިން ވިއްކުމަށް ހުޅުވާލަނީ 75.198 އަކަފޫޓުގެ ބިމެކެވެ.
މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލާ އެއްގޮތަށެވެ. މި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ނުވަތަ ވިއްކަން އިއުލާންކޮށްފައިވާ ބިންތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، އެ މިނިސްޓްރީގެ ނަންބަރު 4004900 ފޯނަށް ގުޅައިގެން ނުވަތަ ރަސްމީ ގަޑީގައި މިނިސްޓްރީއަށް ގޮސް ހުށަހެޅޭނެ ކަމަށް އެ ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް