ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކުރަން ގޮވާލި މައްސަލައިގައި ހިމެނޭ މީހާ އިތުރު 15 ދުވަހު ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހުޅުޖަހަށް ގޮވާލި މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާންއެވެ.
ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ، ގޮވާލައިފައެވެ.
ތަހުގީގުގެ ބޭނުމަށް އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިން 12 ދުވަހުގެ މުއްދަތު ހަމަވެ، އިތުރު 15 ދުވަހަށް ބަންދުކުރަން ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޖުމާންގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި 25 އަހަރުގެ ޖުމާން، ބުނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހު އިދާރާ އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ވެސް ހައްޔަރުކޮށް ތަހުގީގުގެ ބޭނުމަށް އޭނާ 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް