ޔޫކްރެއިންގައި އަންހެނުންނަށް ދޭ ދައުލަތުގެ އެންމެ މަތީ ޝަރަފު ކަމަށްވާ އޯޑަރ އޮފް ޕްރިންސަސް އޮލްގާގެ ފުރަތަމަ ދަރަޖައިގެ ޝަރަފު، އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ އަރުވައިފިއެވެ. ހޯމަ ދުވަހު ތާރީހު ޖަހައި، ޔޫކްރެއިންގެ ރައީސް އޮފީހުގެ ވެބްސައިޓުގައި އިއްޔެ ޝާއިއުކުރި 1079/2026 ނަންބަރު ރިޔާސީ ގަރާރުގައިވާ ގޮތުން، މި ޝަރަފު އެރުވީ ޔޫކްރެއިނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އޭނާ ކޮށްދެއްވި ހާއްސަ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުގައި، ރަޝިޔާގެ ހަމަލާތަކުގެ އަސަރުކޮށްފައިވާ ޔޫކްރެއިންގެ ކުޑަކުދިންނާއި އާންމު ރައްޔިތުންނާއި، ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ބޭރުކޮށް އަދި ގަދަކަމުން ފޮނުވާލާފައިވާ މީހުން ސަލާމަތްކުރުމަށް މެލާނިއާ ކުރައްވާ އިންސާނީ ހައްގުތަކާއި ހައިރާތުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ބާރުގެ ދަށުގައި އޮތް އޮލެޝްކީ ސިޓީގައި ހަމަލާތައް މެދުކަނޑާލުމަށް މެދުވެރިއެއްގެ ދައުރު އަދާކުރައްވައި، އެތައް ސަތޭކަ އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އޭނާ ވަނީ އެހީތެރިވެދެއްވައިފައެވެ. މީގެ އިތުރުން، އޮގަސްޓް 2025 ގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް މެލާނިއާ ފޮނުއްވި ސިޓީއަކާ ގުޅިގެން ޔޫކްރެއިންގެ 34 ކުޑަކުއްޖަކު އާއިލާއާ އަލުން ގުޅުވައިދެވުނު ކަމަށް ޔޫކްރެއިނިއަން ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
މި ޝަރަފު ރަސްމީކޮށް ހަވާލުކުރި ތަނަކާއި ތާރީހެއް، އަދި މިކަމާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ ފަރާތްތަކުން ދެއްކެވި ވާހަކަތަކެއް ކަށަވަރުކުރެވިފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ފަސްޓް ލޭޑީ މިއަދު ވައިޓް ހައުސްގައި ރަޝިޔާއާއި ޔޫކްރެއިންގެ މަންދޫބުންނަށް މެހެމާންދާރީ އަދާކުރައްވާނެ ކަމަށް ބީބީސީން ބުނެފައިވެއެވެ.
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ކޮމެންޓް