ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ބެހޭގޮތުން، އާންމުން ދެކޭ ގޮތެއް ބެލުމަށްޓަކައި އާންމު ވޯޓަކަށް ދިޔުމަށް ގޮވާލައި ގަރާރެއް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު ވޯޓަކަށް ދިޔުމަށް ގޮވާލާ ގަރާރު މީގެ ދެ ދުވަސް ކުރިން މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ.
އެއީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެެ މެންބަރުންގެ މައްޗަށް ހަވާލުކޮށްފައި އޮތް ޒިންމާއެއް ކަމަށާއި އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށް ނާޒިލް ވިދާޅުވިއެެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައި ވާތީ، ގަރާރަކާ މެދު ބަހުސް ކުރަން ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް ވަރަށް ބޮޑު ހުރަހެއްކަން ނާޒިލް ފާހަގަކުރެއްވި އެވެ. ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އާންމު ވޯޓަކަށް ދިޔުމަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި، މި މަހުގެ 15 އާ ހަމައަށް އެކަމަށް ސަރުކާރުން އިޖާބަނުދީފި ނަމަ، ސީދާ ހަރަކާތަށް ނުކުންނަން ވެސް ފާސްކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
އެމްޑީޕީ
ކޮމެންޓް