ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދައިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބު ކޮށްފިއެވެ.
މި ދެ ބޭފުޅުން އެ މަގާމުތަކަށް އިންތިހާބު ކުރީ، ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރައްވައިގެން، ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 16 މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ، މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އުފައްދާ ޖޮއިންޓް ކޮމިޓީއެކެވެ.
މި ކޮމިޓީއަށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، ބަޖެޓަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްފަހު، ބަޖެޓް ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ. މަޖިލިސް ތަޅުމުން ބަޖެޓް ފާސްކުރާނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު 29 ގައެވެ.
މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ، ދައުލަތުގެ ބަޖެޓް ބަހުސްގައި، ވާހަކަ ދައްކަވަން ކޮންމެ މެންބަރަކަށް 15 މިނިޓުގެ ފުރުސަތެއް ދިނުމަށެވެ.
އޭގެ އިތުރުން ބަޖެޓް ބަހުސްގައި މެންބަރުންނަށް ވާހަކަ ދައްކަން ދޭނެ ވަގުތާއި ބަޖެޓު ބަހުސްގައި މެންބަރުން ދައްކާ ވާހަތަކުގައި އިތުރަށް ކަންކަން އޮޅުން ފިއްލުއްވުމަށް ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް 45 މިނެޓްގެ ވަގުތެއް ދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ފުރުސަތެއް ދޭންވެސް ވަނީ ފާސްކޮށްފައެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ތަޅުމުގައި ބަޖެޓު ބަހުސް ފަށާނީ، ބަޖެޓް މަޖިލީހަށް ހުށަހަޅާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ހަތް ދުވަހުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވުމަށްފަހު، ބަޖެޓް ބަހުސް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެންޑާ ކުރައްވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ
ކޮމެންޓް