މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުން ރަސްމީ ރޭޓް ކަމަށްވާ، 15:42 ގައި ދޫކުރި ޑޮލަރަށް ވުރެ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ދާ ތިން އަހަރުގެ ތެރޭގައި، 80 ޕަސެންޓް އިތުރަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީ މެންބަރުން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައިވާ ކަންތައްތަކަށް ޖަވާބުދެއްވަމުންނެވެ.
ސައީދު ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައަޅަން ގާނޫނުގައި ލާޒިމުކޮށްފައި އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އޭނާއާ ސުވާލުކޮށްފައިވާތީ، އެއަށް ޖަވާބު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެ ހުށަހެޅުއްވީ ކުރީ ސަރުކާރުގެ ތިން އަހަރާއި މި ވެރިކަމުގެ މިހާ ހިސާބަށް ޑޮލަރު ދޫކޮށްފައިވާ، މިންވަރު އަންގައިދޭ ތަފާސްހިސާބުތަކެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަަނަ އަހަރުން ފެށިގެން ނޮވެމްބަރު، 17، 2023އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރު ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުން 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރުން ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް 2024 ވަނަ އަހަރު 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓް ކަމަށްވާ 15.42 ގެ ރޭޓްގައި ދޫކޮށްފައިވާ ކަމަށާއި 2025، ވަނަ އަހަރު 733.82 މިލިޔަން ދޫކޮށްފައިވާ ކަމަށާއި 2026 ވަނަ އަހަރުގެ މިހާތަނަށް 718.53 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކުރީ ސަރުކާރުން އެ ދާއިރާތަކަށް ޑޮލަރު ދޫކޮށްފައި ވަނީ، 2021 ވަނަ އަހަރު 253.8 މިލިޔަން އާއި 2022 ވަނަ އަހަރު 379.2 މިލިޔަން އާއި 2023 ވަނަ އަހަރުގެ 17 ނޮވެމްބަރާ ހަމައަށް 442.56 މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރު ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު ކުރީގެ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި ކަމަށެވެެ.
އެހެންކަމުން ޑޮލަރުގެ ދަތިކަން މިހާރު ބޮޑުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެވަރަށް ޑޮލަރު އިތުރުވީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކިވަރަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުން ފަދަ ފިޔަވަޅުތައް މި ސަރުކާރުން އެޅުމުން ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް