ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 440 މިލިއަން ޑޮލަރަށް (334 މިލިއަން ޕައުންޑް) ދަށަށް ގޮސްފައިވާ އިރު، މިއީ ދޮޅު މަހެއްހާ ދުވަހުގެ އިމްޕޯޓަށް އެކަށީގެންވާ މިންވަރެކެވެ.
އިންޑިއާއަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން އިނގިރޭސިވިލާތުގެ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ރާއްޖެއިން އިގުތިސޯދީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާތީ އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އިންޑިއާއަކީ އަޅުގަނޑުމެންގެ މާލީ ހާލަތު ވަރަށް ރަނގަޅަށް ދެނެގަންނަ ގައުމެއް، ތަރައްގީގެ އެންމެ ބޮޑު ބައިވެރިއެއްގެ ހައިސިއްޔަތުން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެ ބުރަ ލުއިކޮށް، އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުންތަކަށް ރަނގަޅު ގޮތްތަކެއް ހޯދުމަށާއި ހައްލު ހޯދަން،" ބީބީސީއަށް ދެއްވި އީމެއިލް އިންޓަވިއުއެއްގައި ރައީސް ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ކުރެއްވި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްވެސް ހިޔާލު ތަފާތުވުމެއް އުފެދިފައިވާ ނަމަ ވާހަކަ ދައްކައިގެން އެކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.
މިދިޔަ މަހު ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ވަނީ "ޑިފޯލްޓް ރިސްކް މެޓީރިއަލްކޮށް މައްޗަށް ގޮސްފައިވާ" ކަމަށް ބުނެއެވެ.
ނަމަވެސް ރައީސް މުއިއްޒު ބީބީސީއަށް ވިދާޅުވީ، ރާއްޖެއަކީ ސޮވެރިން ޑެޓް ޑިފޯލްޓަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއް ނޫން ކަމަށާއި މި ހާލަތުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އެޖެންޑާއެއް އެބައޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ، އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މި ދަތުރުފުޅުގައި ރައީސް އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމު އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު