އިންޑިއާއާއި ޗައިނާގެ ހަމަނުޖެހުމުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

މުއިއްޒު ވިދާޅުވީ، އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިއާ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން ރާއްޖެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ.

"މި ފިއްތުންތަކުގެ ތެރެއަށް ރާއްޖެއަށް ވަދެވޭ ވަރަށް ކުޑަ ގައުމެއް ރާއްޖެއަކީ. އަޅުގަނޑުމެން މިކަމުގެ (އިންޑިއާއާއި ޗައިނާގެ ކޯޅުމުގެ) ތެރެއަކަށް ނުވަންނާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ، ކުރީ ސަރުކާރުން އިންޑިއާއާއެކުގައި ހަދާފައިވާ އަޑި ނޭނގޭ އެއްބަސްވުންތައް ރިވިއުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މުއިއްޒު އިތުރަށް ވިދާޅުވީ، އެ މަނިކުފާނު ގެންގުޅުއްވާނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތެއް ކަމަށެވެ.