ކުދި އަދި މެންދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަތީ 47 ސަޕްލަޔަރުންނާ އެކުގައެވެ. ވޭތުވެ ދިޔަ 4 އަހަރުތެރޭ މި އަދަދު 300 އަށް އިތުރުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީސީސީން ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރަތަކާއެކު މީގެ ކުރީން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރީންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. އެ ފިހާރަ މެދުވެރިކޮށް މިހާތަނަށް ސަޕްލަޔަރުންނަށް 63 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް ބީސީސީން ބުނެއެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސް އިން 2020ގައި 71 ސަޕްލަޔަރަކަށް 4.3 މިލިޔަން ރުފިޔާ، 2021ގައި 121 ސަޕްލަޔަރަކަށް 14.5 މިލިޔަން ރުފިޔާ، 2022ގައި 197 ސަަޕްލަޔަރަކަށް 19.06 މިލިޔަން ރުފިޔާ އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 300 ސަޕްލަޔަރުންނަށް 63 މިލިޔަނަށްވުރެ ގިނަ ފައިސާ ދެވިފައިވާ ކަމަށް ބީސީސީން ބުނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު "ވަން" އަށް ދެއްވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހު އާދަމް ވިދާޅުވީ، ބީސީސީން އަބަދުވެސް ބަލަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދެވޭނދ ފުރުސަތުތަކެއް ހޯދައިދެވޭތޯ ކަމަށެވެ. އެގޮތުން އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް "ހިޔަލަ ވީކެންޑް މާކެޓް" މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމު ހުޅުވައިދެއްވީ މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހުގައެވެ.
"މަގުސަދަކީ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއަރުވާނެ އިތުރު ދޮރުތަކެއް ހުޅުވި އެމީހުން ކުރާ މަސައްކަތްތައް ގިނަބަޔަކަށް ތައާރަފުވެ، އެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކޮށްދިނުން،" ހިޔަލަ ވީކެންޑް މާކެޓް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެއީ ސަރުކާރުގެ އިސްނެގުމާއެކު ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދާ މާކެޓެކެވެ.
އެ މާކެޓާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ބީސީސީގެ ޑީއެމްޑީ ސާމިހު ވިދާޅުވީ، ފުރަތަމަ 40 މީހުން މާކެޓްގައި ރަޖިސްޓްރީވެގެން ހުޅުވާލި ނަމަވެސް މިހާރު އެ މާކެޓްގައި ބައިވެރިވުމަށް 150 މީހުން ނަންނޯޓްކޮށްފައި ކަމުގައެވެ.
"ހިޔަލަ ވީކެންޑް މާކެޓް ފުރަތަމަ ފެއްޓީ ހަފުތާ ބަންދު ދެދުވަހު އެކަނި ކުރިޔަށް ގެންދާ ގޮތަށް އެކަނި ނަމަވެސް ލިބޭ ތަރުހީބަށް ބަލައި ހަފުތާއަކު 18 މީހުންނަން ފުރުސަތުދެނީ. ދެން އަނެއްކާވެސް ރަޖިސްޓްރީކޮށްފަ ތިބޭ މީހުންގެ ތަރުތީބުން އެ މާކެޓްގައި ބައިވެރިވާން ފުރުސަތު ދެނީ،" ސާމިހު ވިދާޅުވިއެވެ.
މިމާކެޓްގެ އިތުރުން، ގޭތެރޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކަނބަލުން ކުރާ މަސައްކަތަށް ބާރުދިނުމަށްވެސް އެ ކޯޕްރޭޝަނުން އިސްނަގައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެކުގައި ލޯގޯއެއް ފަރުމާކޮށް އެ ލޯގޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިދިޔަ މަހުގެ 19 ވަނަ ދުވަހު އިފްތިތާހުކޮށްދެއްވިއެވެ.
"ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެ ތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" ކަމަށް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.
ހަމަމިއާއިއެކު މިދިޔަ މަހުގެ 22 ވަނަ ދުވަހު ބީސީސީން އިސްނަގައިގެން އިފްތިތާހުކުރި މަސްވެރިންގެ އުފެއްދުންތަކަށް ހާއްސަ "މަހަ" އޮންލައިން ޕޯޓަލް އަކީ ދިވެހިންގެ ފަންނީ އަދި އީޖާދީ ވިސްނުންތަކާއެކު އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް އެއްތަނަކުން ގަންނަން ލިބޭ ޕްލެޓްފޯމެކެވެ.
އެ ޕޯޓަލް މެދުވެރިކޮށް، އަދުގެ ޒުވާނުން ބޭނުންވާ ގޮތަށް އޮންލައިންކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި އުފައްދާތަކެތި އެއް ޕްލެޓްފޯމަކުން ފެނި، ރަށު ބޯޓުން ނުވަތަ މަތިން ނުވަތަ ޕޯސްޓް މެދުވެރިކޮށް ލިބެއެވެ.
"އަދުގެ ސަރުކާރުގައި އެކުލަވާލާފައިވާ މަގުޗާޓުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް ހާއްސަކޮށް ރާއްޖޭގައި އުފައްދާ މަސްވެރި އުފެއްދުންތަކާއި މަސްވެރި ވަސީލަތްތައް އޮންލައިން ނިޒާމެއްގެ ތެރެއިން އިޝްތިހާރުކޮށް ފަސޭހައިން ގަންނަން ލިބޭނެ މަގު ތަނަވަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއެކު ކުރިއަށްގެންދާ މަސައްކަތެއް،" މަހަ ޕޯޓަލް އިފްތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީސީސީގެ ޑީއެމްޑީ ސާމިހު އާދަމް ދިވާޅުވިއެވެ.
އަންހެނުން އެކި މަސައްކަތްތަކުގައި ބާރުވެރިރުމަށާއި އެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދާނެ ގޮތްތަކުގެ މައުލޫމާތުދޭ ކުދި ޓްރޭނިންގް ޕްރޮގްރާމްތައްވެސް ބީސީސީން އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން ބޮޑެތި އޯޑަރުތަކަށް ގޭގެ ކުޑަ އަވަނުގައި ގިނަ ވަގުތު ހޭދަކުރާފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބީސީސީން ވަނީ އެކަމަށް ހާއްސަ "ކޯޝްޔާޑް ކިޗަން" އެއްވެސް ގާއިމްކޮށްދީފައެވެ.
އެ ތަނަކީ ވަކި ގަޑިއިރަކަށް ކުޑަ އަގެއް ދީގެން، ގިނަ ބަޔަކަށް ބޮޑު އެއް ބަދިގެއަކުން ފެނި އެކި ރަހަތައް އެއްފަހަރާ ނެރެވޭނެ އިންތިޒާމުތައް ހަަމަޖެހިފައިވާ ތަނެކެވެ. މިނޫނަސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ މީހުންގެ ތެރެއިން ދުވަހުން ދުވަހަށް ތައްޔާރުކުރާ ކާބޯތަކެތި (ސްކޫލު ކުދިން އިންޓަވަލަށް ގެންދަން ތައްޔާރުކުރާ ބާގާ، ސޭންޑްވިޗް، ހެދިކާ ފަދަ ތަކެތި ވިއްކައިގެން އާމްދަނީ ހޯދާމީހުން) ތައްޔާރުކުރާ މީހުންވެސް ދަފްތަރު ކުރުމުގެ ވިސްނުމެއް ބީސީސީން ގެންގުޅޭ ކަމަށް ސާމިހު ވިދާޅުވިއެވެ.
އޭގެ ބެނުމަކީ ރާއްޖޭގެ މާހައުލުން ލިބެން ހުންނަ ކޮންމެ ވައްތަރެއްގެ ކާބޯތަކެއްޗަކީވެސް ކަސްޓަމަރުން ހިތްހަމަޖެހޭ ކޮލިޓީއެއްގެ ތަކެތިކަން ގަންނަ ފަރާތަކަށް ޔަގީންކޮށްދިނުމެވެ.
ބީސީސީން މިކަހަލަ ކިތަންމެ ކަމެއް ނުވަތަ ކިތަންމެ ޕްރޮގްރާމް ތަކަކާއި "ވުނަދާނަ ފެސްޓިވަލް" ކަހަލަ ފެސްޓިވަލްތަކާއި، ކާބޯ ތަކެތި ގިނަ ދުވަހަށް ރައްކާތެރި ގޮތުގައި ބަންދު ކުރާނެ ގޮތްތައް ދަސްކޮށްދޭ ޓްރޭނިން ތަކެއް ހިންގި ނަމަވެސް އަދިވެސް ބައެއް މީހުން ބޭނުންވަނީ ކުރިންވެސް ގެންގުޅޭ އުސޫލުތަކުގެ މަތިން ވަކިތަނެއްގައި ރަޖިސްޓްރީނުވެ ނުވަތަ ދަފްތަރުނުވެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިޔަށް ގެންދިއުމަށެވެ.
ނަމަވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރާ މީހުންނަށް ފައިދާ އިތުރުކޮށް، ވިޔަފާރި އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް އެ ކޯޕްރޭޝަނުގައި ދަފްތަރު ވުމުން ލިބޭ ފައިދާ އިތުރުވާ ކަމަށް ދައްކައެވެ. އަދި ކުރިޔަށް ގެންދަން ރަވާފައި ހުރި ޕްރޮގްރާމްތައްވެސް ރާވާފައިވަނީ އެގޮތަށެވެ. ބީސީސީގެ މުޅި ވިސްނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މުޅީން އެހެން ލެވެލަކަށް ގެންގޮސްދިނުމެވެ. ކުރިއެރުންތައް ހޯދައިދެވޭނެ އިތުރު ފުރުސަތުތައް ހޯދައިދީގެން ޒަމާނީ ފަސޭހަތަކާއެކު އެ ވިޔަފާރިތައް ކުރިއަރައި ދާން ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު