މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަޅައި ބަހުސް ފަށައިފިއެވެ.
މި މައްސަލައިގެ ގަރާރު މަޖިލީހުގެ މިއަަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.
މި ގާރާރު މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ޒާކިރު ވިދާޅުވީ، ގާނޫނު އަސާސީން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި މިނިސްޓަރު ސައީދު ކަނޑައެޅިގެން ގާނޫންއަސާސީއާ ހިލާފުވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން މަތިކޮށްފައިވާ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ މުދަލާއި ފައިސާ ހެޔޮ ގޮތުގައި، ފަރުވާތެރިކަމާ އެކު ބެލެހެއްޓުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު، އެކަންކަމުގައި ތެދުބަހުން މަޖިލީހަށް ޖަވާބުދާރީވެފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ގަރާރުގައި މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ފާހަކޮށްފައިވާ ދާއިރާތައް:
- އިކޮނޮކިމް މިނިސްޓަރުގެ މެއިންޑޭޓްގެ ތެރެއިން އިގުތިސޯދީ ރިފޯމްތައް ގެނައުމަށް އެދެވޭ އެއްވެސްް ސިޔާސަތެއް އަމަލީގޮތުން މިއަދާ ހަމައަށް ތަންފީޒު ނުކުުރުމުގެ ސަބަބުން، ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް 21 ރުފިޔާއަށްވުރެ މައްޗަށް ދިއުން
- ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ނާޒުކުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭއްވި އެކި އިންވެސްޓާސް ފޯރަމްތަކަށާއި މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްފައިވުން، އެގޮތުން ދުބާއީ އާއި އިންޑިއާ އާއި މެލޭޝިއާ އާއި ސިންގަޕޫރު އަދި އިނގިރޭސި ވިލާތުގައި ބޭއްވި މިފަދަ ހަރަކާތްތަކަށް ބޮޑެތި ހޭދަ ތަކެއް ކޮށްފައިވާ އިރު، އިންވެސްޓާ ފޯރަމްތަކާއި ރަސްމިއްޔާތުތަކުން ރާއްޖެއަށް ވަތް އެއްވެސް އިންވެސްޓްމެންޓެއްގެ ތަފްސީލް ހާމަކޮށްފައި ނުވާ އިރު، މި ކަންކަމަށް ހިނގި ހަރަދުތައް ހާމަކޮށްފައި ނުވުން
- އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގައި ފެއިލްވުން
- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކާ
އިބްރާހިމް ޒަކީ