އެމެރިކާގެ އެއްވެސް ހަމަލައެއް އީރާނުގެ އެއްވެސް ތަނަކަށް އަމާޒު ނުކޮށް ހިމޭނުން އޮންނަތާ އެއްމަސް ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވީފަހުން މިހަފުތާގެ ހޯމަދުވަހު އެމެރިކާގެ ސީދާ ހަމަލަތަކެއް އީރާނަށް ވަނީ އަމާޒުކޮށްފައެވެ. ނޮވެމްބަރު ދެވަނަ ދުވަހުގެ ހަމަލަ މިއައީ ސެޕްޓެމްބަރު އެއްތިރީސް ވަނަ ދުވަހު އީރާނުގެ ލަރާކް ޖަޒީރާގެ ބައެއް ތަންތަނަށް ހަމަލަދިން ފަހުން މުޅިން އަލަށެވެ. އެއްމަސްދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ހަނގުރާމަ އަލުން ފެށުނީ ހެއްޔެވެ. ނޮވެމްބަރު ތިންވަނަ ދުވަހު އެމެރިކާގައި ބާއްވާ މިޑްޓާރމް އިލެކްޝަނުގެ ކުރިން އީރާނަށް ހަމަލަދީ އަލުން ހަގުރާމަ ނުފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެފައިވާ ވައުދު އުވައިލީ ހެއްޔެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ބުނުންތަކަށް ރިއާޔަތްކުރާއިރު މިއީ ހަނގުރާމަ އަލުން ފެށުމެއް ކަމަށް ނުބެލެވެއެވެ. އެމެރިކާއިން ބުނަނީ މިއީ އީރާނުން އިސްވެ ދިން ހަމަލާތަކެއްގެ ރައްދުގައި ހިންގި ދިފާއީ އޮޕަރޭޝަނެއް ކަމުގައެވެ. ލިމިޓެޑް ހަމަލާތަކެއް ކަމުގައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުން ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތީގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ގުޝަމްގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮވައިފައެވެ. ޖުމްލަ ފަސް ގޮވުމެކެވެ. މިގޮވުންތައް ގޮވާފައިވަނީ ހޮރުމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ ތިން ޑްރޯނެއް ވައްޓައިލިކަމަށް އީރާނުގެ އަސްކަރިއްޔާއިން އިއުލާނުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެހެންވީމާ ގަބޫލު ކުރެވިފައިވަނީ މިއީ އީރާނުގެ ހަމަލަތަކުގެ ރައްދުގައި އެމެރިކާއިން ދިން ހަމަލަތަކެއް ކަމުގައެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިފަހަރު އިސްވެ ހަމަލަދިނީ އީރާނުން ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ. ގުޝަމް ޖަޒީރާގެ ބައެއް އަމާޒުތަކަށް ހަމަލަދިންކަން އެމެރިކާގެ އަސްކަރިއްޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ގުޝަމް ޖަޒީރާއިން އިވިފައިވަނީ ޖުމްލަ ފަސް ގޮވުމެއްގެ އަޑެވެ. އެކަން އީރާނުގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ އިރްނާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އީރާނުގެ އިންގިލާބީ ގާޑުން ނުވަތަ އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ހަނގުރާމަމަތީ ޑްރޯނެއް ކަމަށްވާ އެމްކިޔުއެމް 170 މަރުކާގެ ދެ ޑްރޯނާއި އެމްކިޔު 9 މަރުކާގެ އެއް ޑްރޯން ހޮރުމުޒް ކަނޑުއޮޅީގެ މަތިން ވައްޓާލާފައިވާ ކަމަށެވެ. މިތަނުން ދޭތި ވައްޓައިލީ ގުޝަމް ޖަޒީރާގެ ދެކުނުންނެވެ. އަނެއް ޑްރޯން ވައްޓައިލީ ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތިން އީރާނުގެ އައްސޭރިޔާ ގާތުންނެވެ. އެމެެރިކާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާގެ ހަމަލަތައް މިފަހަރު އަމާޒުކުރީ ހަމައެކަނި ގުޝަމް ޖަޒީރާއަށެވެ. މިއީ ދިފާއީ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަން ފުޅާކުރުމުގެ ވިސްނުމެއް ނެތްކަމަށްވެސް ބުނެފައިވެއެވެ. އެމެރިކާގެ ބައެއް ނޫސްތަކުން ވަނީ ގުޝަމް ޖަޒީރާގެ ތަންތަނުގެ ތެރެއިން އެމެރިކާގެ ހަމަލަތައް އަމާޒުކުރި ތަންތަނުގެ ތަފްސީލުވެސް ދީފައެވެ. ބައެއް ނޫސްތަކުން ބުނަނީ އެމެރިކާއިން ހަމަލަދިނީ އައިއާރްޖީސީގެ މިސައިލް ލޯންޗަރުތަކަކަށް ކަމުގައެވެ.
އަދި އެ ލޯންޗަރު ތަކަކީ އެމެރިކާގެ ޑްރޯންތަކާއި ފައިޓަރ ޖެޓްތަކަށް އަމާޒުކޮށް އީރާނުން މިސައިލްތައް އުދުއްސައިލި ލޯންޗަރުތައް ކަމަށާއި ރައްދު ހަމަލަ އަމާޒުވިއިރު އެ ލޯންޗަރުތައް ހުސްކަމަށްވެސް ބުނެފައިވެއެވެ. އީރާނުގެ ހަމަލައިގައި އެމެރިކާގެ ތިން ޑްރޯނެއް ވެއްޓިފައިވާ ކަމުގެ ވާހަކަތައް އެމެރިކާއިން ދޮގުކުރެއެވެ. އެމެރިކާއިން ބުނަނީ ވެއްޓުނީ އެންމެ ޑްރޯނެއް ކަމުގައެވެ. އެމެރިކާގެ ދެ ފައިޓަރ ޖެޓަކަށްވެސް އީރާނުން ހަމަލަދޭން އުޅުނު ކަމަށާއި އެކަމަކު އީރާނުން ފޮނުވައިލި މިސައިލްތަކުން ރެކިގަނެ އެ ދެ ޖެޓް އެނބުރި ބޭހަށް ރުޖޫއަވެފައިވާ ކަމަށްވެސް ބުނެއެވެ. އަދި މިކަމެއް ހިނގީ ހޮރުމުޒް ކަނޑުއޮޅީގެ މަތިން ބައިނަލްއަގުވާމީ ސަރަހައްދުގައި ކަމަށްވެސް ބުނެފައިވެއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ބައެއް މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ބައެއް ނޫސްތަކުން ބުނަނީ މިސައިލް ލޯންޗަރުތަކުގެ އިތުރަށް ބައެއް ރާޑަރު ސްޓޭޝަންތަކަށްވެސް އެމެރިކާއިން ހަމަލަދީފައިވާ ކަމުގައެވެ.
މިފަހަރުގެ ހަމަލަތައް އަމާޒުވި ގުޝަމް ޖަޒީރާއަކީ ގަލްފުގައި އޮންނަ އެންމެ ބޮޑު ޖަޒީރާއެވެ. މި ޖަޒީރާ އޮންނަނީ ގަލްފުގެ ދެކުނުން ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތީގައެވެ. މިއީ އެއްގަމުގެ އޮޕަރޭޝަނެއް ހިންގަން ޖެހިއްޖެ ހާލަތެއްގައި ހިފުމަށް އެމެރިކާއިން ރާވާފައިވާ ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެއް ކަމަށް ބުނެވެއެވެ. ކޮންމެއަކަސް އެމެރިކާގެ ހަމަލަޔަކީ އީރާނުގެ ހަމަލައެއްގެ ރައްދުކަމަށްވާތީ ތޯއްޗެކެވެ. އީރާނަކުންވެސް އޭގެފަހުން އިތުރު ހަމަލައެއް ނުދެއެވެ. އޭގެ މާނަޔަކީ ކުރިމަގުގައި ހަމަލަ ނުދިނުމެއް ނޫނެވެ. އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ މިކަމުގެ ސާފު އިންޒާރެއް ދެއްވައިފައެވެ. މުހައްމަދު އަކްރަމީނިއާ ވިދާޅުވީ އެމެރިކާއިން އިސްވެ އީރާނަށް އެއްވެސް ބާވަތެއްގެ ހަމަލައެއް ދީފިއްޔާ ދެން މިހަގުރާމަ ހަމައެކަނި ގަލްފުގައި ނުވަތަ ހުޅަގު އޭޝިއާގައި ހިފެހެއްޓިފައި ނޯންނާނެ ކަމަށެވެ. އީރާނުގެ ރައްދު އެ ސަރަހައްދުން ބޭރަށްވެސް އަމާޒުވާނޭ ކަމުގައެވެ. ގަބޫލު ކުރެވޭ ގޮތުން އޭނާ އިޝާރާތް އެކުރައްވަނީ ފޯޅަވައްސަށެވެ.
އައު ހަމަލަތަކެއް ބަދަލުކުރެވި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިގެން މިދިޔައީ ފަރުދާގެ ފުރަގަހުގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއްވެސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ގަތަރާއި ޕާކިސްތާނު ފަދަ ގައުމުތަކުގެ މެދުވެރިކަމުގެ ދަށުން ނުސީދާ ވާހަކަތަކެއް އެމެރިކާޔާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި މަސައްކަތުގައި އެމެރިކާގެ ފަރާތުން އިސްވެހުރި މީހަކީ ނާއިބުރައީސް ޖޭޑީ ވޭންސެވެ. އޭނާ ހޯމަދުވަހު ބުނެފައިވަނީ އުންމީދުން ފުރިގެންވާ ކުރިއެރުންތަކެއް ހޯދިއްޖެ ކަމުގައެވެ. އީރާނުން ބުނެފައިވަނީ އެއްވެސް ޑީލަކަށް އާނއެކޭ ބުނެވޭނީ އެމެރިކާއިން ގާއިމުކޮށްފައިވާ ނޭވަލް ބްލޮކޭޑް އުވައިލުމުން ކަމުގައެވެ. އީރާނާއެކު އައު ޑީލަކަށް ނާދެވިއްޖެނަމަ ދެން އޮތީ އީރާނުގެ ކޯހު ކޮލާން ފަރުބަދަޔަށް ހަމަލަދިނުން ކަމަށް ރައީސް ޓްރަމްޕު ވަނީ ބުނެފައެވެ. އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް ބަހައްޓާފައި ވަނީ މި ފަރުބަދައިގެ އަޑީގައި ކަމަށް ބުނެވެއެވެ.
އިމާދު ލަތީފު
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް