ސައިކްލޯން މުރަސު އިންޑިއާގެ އާންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށަށް އަރަން ފަށައިފިއެވެ.
ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާރުގަދަ މި ތޫފާން އޮންގޯލް ކައިރިން އެއްގަމަށް އަރަން ފަށާފައިވަނީ ރެ ދަންވަރު 1:00 ގައި ކަމަށާއި، އެ ސަރަހައްދަށް ގަޑިއަކު 110 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ދަނީ ވައިޖެހެމުންނެވެ.
އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނެފައިވާ ގޮތުގައި، ތޫފާނުގެ އުތުރު ފަރާތުގެ ބޭރު އަދި އެތެރޭގެ ވިލާތަކާއި "ވޯލް ކްލައުޑް" ސަރަހައްދު މިހާރު ވަނީ އާންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށަށް ވަދެފައެވެ. އަދި އުތުރު-ހުޅަނގުއުތުރަށް ދަތުރުކޮށް، ނެލޯރްއާއި ނަރްސާޕޫރްއާ ދެމެދުން އޮންގޯލް ކައިރިން މި ތޫފާން އައްސޭރިފަށް ހުރަސްކުރާނެ ކަމަށް ވެސް އައިއެމްޑީން ބުންޏެވެ.
ތޫފާނުގެ ސަބަބުން އައްސޭރިފަށުގެ ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށައިފައެވެ.
އާންދްރަ ޕްރަދޭޝް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ މެނޭޖިން ޑިރެކްޓަރު ޕްރަކާރް ޖެއިން ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 2،000 މީހުން މިހާތަނަށް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ޖުމްލަ 30،000 އެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތޫފާނުގެ އަސަރުކުރާނެ ކަމަށް ބެލެވޭ ޑިސްޓްރިކްޓްތަކުގައި 116 ރިލީފް ކޭމްޕް ތައްޔާރީ ހާލަތުގައި ބަހައްޓައި، 1،688 މެޑިކަލް ޓީމު ހަރަކާތްތެރިވަމުން އަންނަ ކަމަށް ސްޓޭޓްގެ އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
ކުއްލި ހާލަތްތަކަށް ފަރުވާދިނުމަށް އެ ސްޓޭޓްގެ ހެލްތު ޑިޕާޓްމަންޓުން 13،165 އިމަޖެންސީ އެނދާއި، ޒަރޫރީ ބޭހުގެ އިތުރުން ހަރުފަ ވިހަވުމުން ޖަހާ 43،672 އިންޖެކްޝަން ވަނީ ރައްކާކޮށްފައެވެ. މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތަކަށް ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް) ގެ 14 ޓީމެއް އާންދްރަ ޕްރަދޭޝްއާއި ތެލަންގާނާގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް